ޚަބަރުސިޔާސީ

އަނދުން ހުސެއިންގެ މައްސަލައިގަ ބަލަންޖެހޭ ކަންކަން ފުލުހުން ބަލާތާ 2 މަސް!

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގާ ކަމަށް ބެލެވޭ ފޮޓޯއެއް މީސްމީޑިއާގައި ލީކު ވިތާ ދެ ދުވަސް ވީއިރުވެސް އެ މައްސަލަ ގޮސްފައި އޮތް ހިސާބެއް ފުލުހުންނަށް ސާފުކޮށް ނުދެވުނެވެ.

މި މައްސަލައިގައި މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ފުލުހުން ބުނީ އޭނާ ގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމުގައެވެ. އެކަމަކު ފުލުހުން ބަލަނީ ކޮން ކަމެއް ނޭނގެއެވެ. އޭގެ ފަހުން ދެ މަސް ވުމާއި ގުޅިގެން މިއަދު “ބޮންތި” އިން ފުލުހުންނާ ސުވާލު ކުރުމުންވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކާއި އިތުރު ފިރިހެނަކާއި އަންހެނެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުވެފައިވާއިރު، އަނދުން ހުސެއިން ކަމަށް ބެލެވޭ މީހާ އޮންނަނީ ބަރަހަނާ ހާލުގައި އަންހެން މީހާ އޭނާގެ ގައި މައްޗަށް އަރުވައިގެންނެވެ. އަދި އިތުރު ފިރިހެނަކު އެ ދެމީހުން ކައިރީގައި އޮށޯވެގެން އޮވެއެވެ.

މިކަމާ ގުޅިގެން އަނދުން ހުސެއިން މަޖިލީހުގައި ތަމްސީލް ކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ ވަރަށް ގިނަ އާންމު ރައްޔިތުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވެއެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ ނަމުގައި ނޫސްބަޔާނެއް ވެސް ނެރުނެވެ. އެބަޔާނުގައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުން ތަމްސީލްކުރާ މެންބަރެއްގެ ފަރާތުން އިސްލާމީ ރިވެތި އަޚްލާޤާއި ރިވެތި ސުލޫކު ފެނުމުގެ ބަދަލުގައި ފެނިގެން ދިޔައީ ހަޑިހުތުރު ފާހިޝް އަމަލުތަކެއް ހިންގި މަންޒަރު ކަމަށް ބަޔާންކޮށްފައެވެ. އަދި އަނދުން ހުސެއިންގެ އިސްތިއުފާއަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

އަނދުން ހުސެއިންގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިކުންނަވާފައެވެ.  ރައީސް ނަޝީދު މީގެ ކުރިން އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައި ވަނީ އަނދުން ހުސެއިން ފުލުހަށް ހާޒިރު ކޮށްގެން ނުވާނެ ކަމަށާއި، އޭނާއި ބެހިގެންވެސް ނުވާނެ ކަމަށް ދޭހަވާފަދަ މޭރުކަމުން ވާހަކަފުޅު ދައްކަވާފައެވެ.

އޭގެ ފަހުން އަނދުން ހުސެން ވަނީ މަޖިލީހަށްވެސް ނިކުންނަވާފައެވެ. މިވީހާތަނަށް މިކަން އޭނާ ދޮގުކޮށްފައިވާކަން އެނގިފައިނުވާއިރު، އެ ފޮޓޯގެ މައްސަލާގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި އެފޮޓޯ އާގުޅޭ ގޮތުން ޓްވިޓާގައި ވެސް އޭނާ އެއްޗެއް ވިދާޅެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button