މުނިފޫހިފިލުވުން

ސިފައިންގެ އިން ޖިމަށް

އަމިއްލަ ނަފްސަށްވުރެ އަބަދުވެސް އިސް ކުރީ ގައުމެވެ. ގައުމީ މަސްލަހަތެވެ. ދިރިއުޅުމުގައި ދިމާވި ކޮންމެ ކަމަކުން އަބަދުވެސް އަމިއްލަ ނަފުސަށްޓަކައި ތެދުވެ، ދިރިއުޅުމައިގެން ކުރިއަށް ދާން އަޒުމު ކަނޑަ އަޅައިގެން ހުރި ހަރުދަނާ ހިތެއްގެ ވެރިއެކެވެ. ކުރިއަށް ދެވޭނީ އެންމެ ދާއިރާއަކުންނޭ ބުނާ ފަރާތްތަކުގެ ވިސްނުމަކީ މާ ރަނގަޅު ވިސްނުމެއް ނޫންކަން ސާބިތުކޮށްދޭ ދިރި ހުރި ލާމަސީލު މިސާލެކެވެ. މި ދެކެވެނީ އުމުރުން 48 އަހަރުގައި ވެސް ގަދަފަދަކޮށް ފެންނަ އަދި ސިއްހަތަށް އެހާމެ ލޯބިކުރާ ނިހާދު ރަޝީދުގެ ވާހަކައެވެ.

އުމުރުން 18 އަހަރުން ފެށިގެން 17 އަހަރު ދުވަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި މަސައްކަތް ކުރި ނިހާދު އަކީ ގައުމީ ދަރިއެކެވެ. އަދި އޭގެ ފަހުން 6 އަހަރު މޯލްޑިވްސް ޕޮލިސް ސާރވިސްގައި މަސައްކަތް ކުރި ހިތްވަރު ގަދަ ދިވެހި ދަރިއެކެވެ. ނިހާދު ބުނިގޮތުގައި އޭރު މަސައްކަތް ކުރީ ދިފާއީ ބާރަކީ އަމިއްލަ ގެ ކަމަށް ދެކިގެން ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރީ ގައުމާއި ރައްޔިތުންނަށްޓަކައި ކަމަށެވެ. އެތައް ކަމަކާއި ގުޅިގެން ގިނަ ގުނަ އުނދަގޫތަކެއް ހަޔާތުގެ ކޮންމެ ހިސާބެއްގައި ވެސް ކުރިމަތިވި ކަމަށް އޭނާ ”ބޮންތި“ އަށް ކިޔައިދިނެވެ. އަބަދުވެސް އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ވިސްނަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ކަމަށެވެ. ނިހާދު ފާހަގަކުރިގޮތުގައި ކޮންމެ މީހަކަށް ވެސް ގައުމު ވާން ޖެހޭނީ އެންމެ ފުރަތަމަ ”ޕްރަޔޯރިޓީ“ އަށެވެ.

”ދުވަހަކުވެސް އަމިއްލަ ނަފުސަށް ވެސް ނުޖެހޭ ލޯބި ގައުމަށް ޖެހުނު. އަބަދުވެސް ބޭނުން ވަނީ ގައުމަށްޓަކައި ހުންނަ މީހަކަށް ވާން. އެކަމުގެ އުފަލަކީ އަދި އެހެން ކަހަލަ އިހުސާސެއް.“ ނިހާދު ބުންޏެވެ.

ހަޔާތެއް ނިމިދާއިރު، އިންސާނާ ކުރަން ޖެހޭނީ ކުރާ އެއްކަމެއް ކަން ގަބޫލު ނުކުރާ ނިހާދަކީ ސިއްހަތަށް އަބަދުވެސް ލޯބި ކުރާ މީހެކެވެ. ނިހާދު ”ބޮންތި“ އަށް ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ ކަސްރަތާއި ޖިމް ޖެއްސުމަށް ޝައުގުވެރިވީ ސިފައިންގެ ތެރެއިންނެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ 1999 ގައި ބޭއްވުނު ބޮޑީ ބިލްޑިންގެ މުބާރާތުގައި އެމްއެންޑީފްއެފް އަށް ލިބުނު ފުރަތަމަ ބްރޮންޒް މެޑަލް ލިބުނީ ނިހާދު އަށެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ދެމެދު މުޅި ޖުމްލަ އޭނާ ވަނީ 3 ގޯލްޑު މެޑަލް، 2 ސިލްވަ މެޑަލް އަދި 7 ސިލްވަރ މެޑަލް ވަނީ ހޯދާފައެވެ.

މީގެ އިތުރުން ނިހާދު ވަނީ ބައިނަލްއަގުވާމީ ގޮތުން ކޮމަން ވެލްތުގެ ބްރޮންޒު މެޑަލް، ސައުތު އޭޝިއަންގެ ގޯލްޑު އަދި ސިލްވަރ މެޑަލް ހާސިލު ކޮށްފައެވެ. އަދި އޭނާ ވަނީ ސައުތު އޭޝިއަން ނޭޝަނަލް ޓީމްގެ ކޯޗު ކަމާއި އެމްއެންޑީއެފް ޓީމްގެ ކޯޗުކަން ވެސް ބޮޑީ ބިލްޑިންގެ ދާއިރާގައި ކޮށްދީފައެވެ. އޭގެ ފަހުން ގައުމީ މަސައްކަތުން އެއްފަރާތްވި ނަމަވެސް، ބޮޑީބިލްޑް ކުރުމުގެ މުބާރާތްތަކުގައި އެންމެ ގިނައިން ބައިވެރިވެފައިވާ މީހެއްގެ ރިކޯޑުވެސް ވަނީ ނިހާދު އަށް ލިބިފައެވެ. މިހާރުގެ ކުދިން ބުނާފަދައިން އުމުރުން 48 ގައި ވެސް ”ފިޓް އެންޑް ފައިން“ ކޮށް ހުންނަ މީހަކަށް ނިހާދު ވަނީ ވެފައެވެ. އަދި އެކަން ހިފެހެއްޓުމަށްޓަކައި ނިހާދު އަކީ ތަފާތު ހަރުދަނާ ވިސްނުމެއްގައި އެކި ތަފާތު މަސައްކަތްތަކެއް މިހާރު ވެސް ކުރާ ތަފާތު މީހެކެވެ.

”ބޮންތި“ އާއި ވާހަކަ ދައްކަމުން ނިހާދު ބުނީ، ވިޔަފާރި އަކީ އަބަދުވެސް ކުރާ ހިތްވާ ކަމެއް ކަމަށެވެ. ވިޔަފާރިއެއް ފެށުމަކީ ރަނގަޅު ކަމަކަށް ވާނެކަމަށް އޭނާގެ ވިސްނުން ހުރި ކަމަށް ނިހާދު ވަނީ ބުނެފައެވެ. އެގޮތުން ނިހާދު އަކީ ޖިމެއްގެ ވެރިއެކެވެ. އޭނާއަކީ ”ފިޓްނެސް“ އާއި ބެހޭ ސާމާނު ވިއްކާ ފިހާރައެއް ވެސް ހިންގާ ހީވާގި ފިރިހެނެކެވެ. ކަސްރަތު ކުރުމާއި ގުޅިގެން އެކި މީހުންގެ ވިސްނުން ހުންނަ ގޮތާއި ބެހޭގޮތުން ”ބޮންތި“ އިން ވަނީ ނިހާދު އަށް ސުވާލު ކޮށްފައެވެ. އެގޮތުން އެ ސުވާލުތަކަށް ޖަވާބު ދެމުން ނިހާދު ބުނީ، ކަސްރަތު ކުރުމުގައި ދެމިހުންނަން ޖެހެނީ ސިއްހަތަށްޓަކާއި ކަމަށެވެ. އަދި ކަސްރަތު ކުރަން ޖެހޭނީ ހަމަ އެކަނި ފަލަ މީހުން ކަމަށް ވިސްނުން ހުންނަ މީހުން އެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ސަބަބަކީ ކޯވިޑު ގެ މުޅި ބަލި މަޑު ކަން ވެސް ދަސްކޮށްދިން އެންމެ މުހިންމު ފިލާވަޅަކީ ސިއްހަތުގެ ބޭނުންތެރިކަން ކަމަށާއި، ސިއްހަތަށް ބެލޭނީ ”ފިޓު“ ކޮށް ހުރެގެން ކަމަށެވެ. އަދި ފިޓު ކޮށް ހުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް ކަސްރަތަށް ހޭދަ ކުރުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

”އަބަދުވެސް ބޭނުން ވަނީ ކޮންމެވެސް ކަހަލަ ވިޔަފާރިއެއް ކުރާ މީހަކަށް ވާން. އަބަދުވެސް ވިޔަފާރި ކުރުމުގެ ވުސްނުން ހުރޭ. އެ ޝައުގެ ވެސް ހުރޭ. ދެން ހިތަށް އެރީ ފިޓްނެސް އަކީ އަބަދުވެސް އުޅޭ ދާއިރާ އެއް ވީމަ، މީ ސަޅި ކަމެކޭ ކުރަން“ އޭނާ ކިޔައިދިނެވެ.

ނިހާދު ކިޔައިދިން ގޮތުގައި، ޖިމްގެ ހިދުމަތް ދިނުމާއި އެކަމާއި ގުޅޭ ވިޔަފާރި ކުރެވޭނެ ފިހާރައެއް ހެދުމުގެ މަގްސަދަކީ ވެސް އެހެން މީހުންނަށް ބޭނުންތެރި ހިދުމަތެއް ފޯރުކޮށްދިނުމުގެ މަތީގައި ދެމިހުރުމެވެ. އަދި މިހުރިހާ ކަމެއް ކުރެވެނީ އެތައް ބައެއްގެ އެހީތެރިކަން ލިބިގެން ކަމަށާއި ހަޔާތުގެ ކޮންމެ ހިސާބެއްގައި ވެސް އެހީތެރިކަމާއި އެއްބާރުލުން ދިން އެންމެހާ ފަރާތްތަކަށް ހިތުގެ އެންމެ އަޑިން އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ނިހާދު ބުނީ، އެމްއެންޑީއެފް ގައި ފިޓްނެސް ގެ ދާއިރާ އަށް އޭނާ ކުރި ކަންކަން ބަލައިގަންނަ ކަމުގެ އިހުސާސު ކުރެވޭ ކަމަށެވެ. އެގޮތުން އެ ދުވަސް ވަރުގެ ހާލަތު ހުރި ގޮތުން ނިހާދު އަމިއްލަ އަށް ޑިޒައިން ކޮށްގެން އުފެއްދި “ އެކިއުޕްމެންޓްސް “ އަދިވެސް އެތަނުގައި އަދިވެސް ހުރި ކަން ނިހާދު ހިނިތުންވުމަކާއި އެކު ފާހަގަކުރިއެވެ. މީގެ އިތުރުން ނިހާދު ބުނީ ހަޔާތުގައި ހާސިލު ކުރަން ބޭނުންވި ކަންކަން ހާސިލު ކުރުމަށް ގަދަ އަޅައި އަބަދުވެސް މަސައްކަތް ކުރަން ކަމަށެވެ. އަދި ނިހާދު އެންމެ ދެކެން ބޭނުން ވަނީ ސިއްހަތާއި މެދު މީހުންގެ ވިސްނުން ތަރައްގީވެ، ކަސްރަތު ކުރުމަކީ ސިއްހަތަށްޓަކައި ކިހާ މުހިންމު ކަމެއްކަން ވިސްނޭ ދުވަސްކަމަށެވެ. އަދި މި ދާއިރާގައި ދެމިހުންނަށް އަބަދުވެސް ބޭނުންވާ ކަމަށް ނިހާދު ވަނީ ފާހަގަކޮށްފައެވެ.

”އެންމެން ވެސް ހޭލުންތެރި ވާން ޖެހޭ. ސިއްހަތަށްވުރެ އަގު ބޮޑު ނިއުމަތެއް ނުވޭ. އަދި ކަސްރަތު ކުރާކަށް ވަކި އުމުރެއް ވެސް ނޯވޭ. އެހެންވެ އަސްލު ބޭނުންވަނީ މިކަމުގެ މަތީގައި ދެމި ހުންނަން.“ ނިހާދު ބޮންތި އަށް ކިޔައިދިނެވެ.

ކަސްރަތު ކުރުމާއި ފިޓު ކޮށް ހުރުމަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫން ކަމަށް ގަބޫލު ކުރާ އެންމެގެ ”ބެއްޔާ“ ގެ ނަމުން މަޝްހޫރު ނިހާދު އަކީ އެންމެނަށް ވެސް ހުރި މިސާލެކެވެ. ދިރިއުޅުމުގައި ގިރާ ކުރަން ޖެހޭ ކޮންމެ ހަރުފަތަކުން ތަފާތު ދައްކާ ނިހާދުގެ ”ސްޓާރ ފިޓްނެސް“ ޖިމް އަކީ ވެސް އާންމުންގެ ތެރޭގައި މަގުބޫލު ޖިމަކަށް ވަނީ ވެފައެވެ. ހުރިހާ ގޮތަކުން ބެލިޔަސް ނިހާދަކީ އެކި ފަރާތްތަކުގެ ލޯތްބާއި ގަދަރު ލިބިފައިވާ ފަރާތެކެވެ. ބޮންތީގެ ފަރާތުން ނިހާދު އަށް އަބަދުވެސް އެދެނީ އުފާ ފާގަތި ކުރިމަގަކަށެވެ.

One Comment

  1. ނިހާދު އަކީ ވަރަށް ހިތްހެޔޮ އަދި އޭނާގެ އެކްސްޕީރިއަންސް އެހެންމީހުންނަށް ވަރަށް އުފަލާއެކު ހިއްސާކުރާ ހިތްތިރި އަޚްލާޤު ރަނގަޅު އެކުވެރިޔެއް. ޢިންޝާ ﷲ، ކާމިޔާބް ވަނީ ތިކަހަލަ ރަނގަޅު މީހުނާއެކު.

Leave a Reply

Your email address will not be published. Required fields are marked *

Back to top button