އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅުވައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އެޕާޓީއަށް ފާޑުވިދާޅުވެއްޖެއެވެ.
ދުންޔާ ޢަންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ވަރަށް ރަނގަޅު މަގުސަދު ތަކަކާއި އެކު ކަމަށެވެ. ނަމަވެސް އެ މަގްސަދުތައް ހާސިލު ކުރުމުގައި އެޕާޓީ ފެއިލް ވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ. ދެ ފަހަރުގެ މަތިން ވެރިކަން ކުރުމުގެ ފުރުސަތު އެމްޑީޕީ އަށް ލިބިގެން ގޮސްފައި ވީނަމަވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށް އެމްޑީޕީ ނުކުޅެދިފައި ވާކަމަށް ދުންޔާ ވިދާޅުވިއެވެ.
”ރާއްޖޭގެ ރައްޔިތުންނަކި އެކްސްޓްރީމިސްޓުން ކަމަށް ލޭބަލް ކޮޮށްފި. އެމްޑީޕީގެ އިސްވެރިން ބޭރު ގައުމުތަކުގައި މާތް ވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކޮށްފި.“ ދުންޔާ ވިދާޅުވިއެވެ.
މީގެ އިތުރުން 2 ދައުރު ވެރިކަން ކުރަން ލިބުނު ކަމުގައި ވީނަމަވެސް އިގްތިސާދީ މައްސަލަތައް ހައްލު ކުރަން އެމްޑީޕީ އަށް ނޭނގޭކަން ދުންޔާ ފާހަގަކުރެއްވިއެވެ. މަރުގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ ކޮމިޝަނަށް ވެސް ދުންޔާ ވަނީ ފާޑު ވިދާޅުވެފައެވެ.
”މަރު ކޮމިޝަނުގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދޭ. އެއީ ސިޔާސީ ބޭނުމަކަށް އުފައްދާފައިވާ ތަނެއްކަމަށް ރައްޔިތުންނަށް ސިފަވާން ފަށައިފި.“ ދުންޔާ ވިދާޅުވިއެވެ.
ދުންޔާ އިތުރަށް ވިދާޅުވީ ކޮރްޕްޝަން ހުއްޓުވުމުގައިވެސް އެމްޑީޕީ ފެއިލްވެއްޖެ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރަނގަޅު ތަހުގީގެއް ކޮށްފައި ނުވާކަމަށާއި، ހިޔާނާތުގެ ލިސްޓެއް ނެރުން ނޫން އިތުރު ކަމެއް ކުރެވިފައި ނުވާކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި މި ލިސްޓުގައި މައުސޫމު އެތަކެއް ބައެއްގެ ނަން ހިމަނާފައިވާކަން އެނާ ފާހަގަކުރެއްވިއެވެ.
ދުންޔާ ވިދާޅުވިގޮތުގައި އެމްޑީޕީގެ އިސްވެރިންގެ ނާގާބިލު ކަމުގެ ސަބަބުން ރާއްޖޭގެ އިޖުތިމާއި ފޭރާން ވަނީ ހަލާކު ވެފައެވެ. އަދި އެޕާޓީގެ އެތެރޭގެ ކޯޅުމުގެ ސަބަބުން ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.