ޚަބަރު

ރާއްޖޭގެ ޑިމޮކްރަސީގެ ތަނބު އުފަންވުން: މެމްބަރު ހަލީމްގެ ދުލުން

ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީގެ ނިޒާމެއްގެ ފެށުން ގެނުވައި، ސިޔާސީ މަސްރަހަށް އިންގިލާބީ ބަދަލެއް ގެނުވި ޕާޓީއަކީ އެމްޑީޕީ އޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެމްޑީޕީ ރަސްމީކޮށް ވުޖޫދަށް އައިތާ އިއްޔެއަށް 16 އަހަރުވެގެން ދިޔައިރު، އެ ޕާޓީ ފެށިގެން އައިގޮތުގެ ވާހަކަތައް ގިނަބަޔަކު ވަނީ ހަނދާން ނެތިފައެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވަނީ ރައްޔިތުންނަށް އެވާހަކަތައް ތިލަކޮށްދެއްވާފައެވެ.

އެމްޑީޕީ އުފެދުމުގެ އަސްލެއްގެ ގޮތުގައި މެމްބަރު ހަލީމް ސިފަކުރައްވާފައިވަނީ 1989 ވަނަ އަހަރު ރާއްޖޭގައި ނެރުނު ”ސަންގު“ ނޫހެވެ. ސަންގު ނޫސް އުފެދިގެން އައިއިރު، މަސްއޫލުވެރިންގެ ގޮތުގައި އޭރު އުޅުއްވާފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ޝަފީގު (ކުރަހާ ސައްޕެ) އާއި، ޑޭޒީމާގޭ އަހުމަދު އައްބާހެވެ. މިބޭފުޅުންގެ އިސް ނެންގެވުމުގެ މަތިން ނެރުނު ސަންގު ނޫހުގައި މައިގަނޑު ގޮތެއްގައި ލިޔުއްވަމުން އައީ އެއިރު ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާއި ބެހޭގޮތުން ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި މިއީ އެއިރުގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ބިރުވެރި، ޖާނާއި މާލަށް ގެއްލުންވުުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް ހަލީމް ސިފަކުރެއްވިއެވެ. ސަންގު ނޫސް އުފެދިގެން އައި ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށްވަނީ ޒުވާން ބޭފުޅުންތަކެއް އިންތިހާބުވެފައެވެ. އޭގެ ތެރޭގައި ބަގީޗާގެ މުހައްމަދު ޝީހާބާއި، ހަސަން އަފީފާއި، ކުރީގެ ފުވައްމުލަކު ދާއިރާގެ މެމްބަރ މުހައްމަދު އިބްރާހީމާއި މުހައްމަދު ލަތީފް (ގޯގޯ ލަތީފް) ހިމެނެއެވެ.

  • ޕާޓީއެއް އުފެއްދުމަށް ފުރަތަމަ ހުށަހެޅުން

ސަންގު ނޫހުގެ ތެރެއިން ފެށުނު އިސްލާހީ މަސައްކަތުގެ ތެރެއިން، 1994 ވަނަ އަހަރު މާލޭގެ ހަރު ބޭފުޅުންތަކެއް ވަނީ ޕާޓީއެއް އުފެއްދުމަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ކަޅުހުރާގޭ މުހައްމަދު ލަތީފާއި، ޝަފީގުއާއި، އަދި ޅަ ބޭފުޅެއްގެ ގޮތުން ރައީސް ނަޝީދުގެ ނަން ހަލީމް ފާހަގަކުރެއްވިއެވެ. އެއިރު ރައީސް ނަޝީދުގެ އުމުރުފުޅަކީ 23 އަހަރެވެ. ނަމަވެސް މި ހުށަހެޅުމަށް، ގާނޫނުން ތަންނުދޭ ކަމަށް ބުނެ އެހުށަހެޅުން ސަރުކާރުން ބަލައެއް ނުގަތެވެ.

އިސްލާހީ މަސައްކަތުގެ ތެރެއިން ރައީސް ނަޝީދު އެކި ދުވަސްވަރު ޖަލުގައި އަނިޔާ ތަހައްމަލު ކުރެއްވިކަން ހަލީމް ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ ތެރެއިން 1995 ވަނަ އަހަރު ރައީސް ސޯލިހު މަޖިލީހަށް ހޮވިވަޑައިގެންނެވިއެވެ.

  • ”2001 ވަނަ އަހަރު ދެވަނަ ފަހަރަށް ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅުނު“

2001 ވަނަ އަހަރުގެ ތެރޭގައިވެސް މިމަސައްކަތުގެ ތެރެއިން ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ސަރުކާރަށްވަނީ 42 މެމްބަރުންގެ ސޮއިއާއިއެކު ހުށަހަޅާފައެވެ. އެފަހަރު ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި މެމްބަރު ހަލީމް ވެސް ހިމެނިވަޑައިގެންނެވިއެވެ. އެއީ އެމްޑީޕީ ފެށުމަށް ސޮއިކުރެއްވި ފުރަތަަމަ މެމްބަރުންނެވެ. އެފަހަރުވެސް ސަރުކާރުން، ގާނޫނު އައްޑަނައަކަށް ހަދައި، އެކި ބަހަނާތައް ދައްކައިގެން ޕާޓީ އުފެއްދުމުގެ ފުރުސަތު ނުދިންކަމަށް ހަލީމް ވިދާޅުވިއެވެ. ނަމަވެސް އެ ހުށަހެޅުމުގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަތުމަކީ އެމްޑީޕީއަށް ލިބުނު ރަނުގެ ފުރުސަތަކަށް ވިއެވެ. އެކަމުގެ ސަބަބުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ އެހީތެރިކަން އެޕާޓީއަށް ލިބުނެވެ. އެއިރު އެ ޖަމިއްޔާއަކީ ”ވަގުވަގަށް“ ސިޔާސީ މަސައްކަތްކުރި ޕާޓީއެއް ކަމުގައި ހަލީމް ސިފަކުރެއްވިއެވެ.

  • 2003 ވަނަ އަހަރު ޖަލުގައި ހިނގި ހާދިސާ

ޕާޓީ އުފެއްދުމަށް 2001 ވަނަ އަހަރު ކުރި މަސައްކަތް ނާކާމިޔާބުވެފައި އޮއްވައި. 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު އީވާން ނަސީމް ޖަލުގައި އަނިޔާވެރިކަމާއިއެކު މަރާލި ހާދިސާއާއި ގުޅިގެން، ރައީސް ނަޝީދާއި، މުހައްމަދު ލަތީފް އެދުވަހު ސްރީލަންކާއަށް ފުރާވަޑައިގެންނެވިއެވެ. އަދި އެމްޑީޕީ އުފަންވެގެން އައީ އެއަހަރުގެ ޑިސެމްބަރ 10 ވަނަ ދުވަހު، ކޮލޮމްބޯގައި ކަމަށް ހަލީމް ވިދާޅުވިއެވެ. އެދުވަހު ރާއްޖޭގެ ރަސްމީ އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީ އިއުލާން ކުރެވުނެވެ. މިކަން އިއުލާން ކުރެވުނު އިރު، ބޭރުގެ އެމްބަސީތަކާ ވާހަކަދައްކައި، އެތަންތަނުން ވަނީ އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި ބަލައިގަނެފައެވެ.

ބޭރުގެ އެމްބަސީތަކުން އެމްޑީޕީ ބަލައިގަތުމުން ރައީސް މައުމޫނަށް ރާއްޖޭގެ ސިޔާސީ ނިޒާމް ބަދަލުކުރުމަށް މަޖުބޫރުވީ ކަމަށް އެމްޕީ ހަލީމް ސިފަކުރެއްވިއެވެ. އެގޮތުން އެހާހިސާބުން ސިޔާސީ ޕާޓީ ނިޒާމް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ރައީސް މައުމޫން ފެއްޓެވިއެވެ. އަދި 2004 ވަނަ އަހަރުގެ ތެރޭގައި ރައީސް މައުމޫން އެކަމާ ބެހޭގޮތުން އެމްޑީޕީގެ އިސް ވެރިންނާއި ވާހަކަ ދައްކަވައި، 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެމްޑީޕީ ރަސްމީކޮށް ރާއްޖޭގައި ރަޖިސްޓަރީ ވެގެންދިޔައެވެ.

ޝައްކެއްވެސް ނެތް ގޮތުގައި އެމްޑީޕީއަކީ އުމުރުން ހަނގުކަމުގައިވީނަމަވެސް، ރާއްޖޭގެ ޑިމޮކްރަސީގެ ތަނބެއްގެ ގޮތުގައި ސިފަ ކުރެވިދާނެއެވެ. އެކި އެކި ގޮންޖެހުންތަކާއިއެކު، 16 އަހަރު ކަޑައްތުކޮށް، އެމްޑީޕީގެ ފުރަތަމަ ވެރިކަން ދައުރުގެ މެދުން ނިންމާލަން ޖެހުނަސް، ދެވަނަ ދައުރެއް ފުރިހަމަ ކުރާކަމީ، އެޕާޓީގެ ކޮންމެ މެމްބަރަކު ފަހުރުވެރިވާނޭ ކަމެކެވެ. އަދި މިއަދު އެމްޑީޕީ ދެކަފިވެފައި އޮތަސް ވެރިކަން ދެމެއްހެއްޓުމަށް އެންމެ ފަހު މީހާއާއި ޖެހެންދެންވެސް މަސައްކަތް ކުރާކަމީ ފެންނާން އޮތް ހަގީގަތެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button