ޚަބަރުސިޔާސީ

މުލަކު އަތޮޅުގެ ފަސް ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ގިނަ ވައުދުތަކެއް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ރަށްރަށުގައި ނުވެހުރި ގިނަކަންކަމުގެ މައުލޫމާތު ރައްޔިތުން ހިއްސާކުރުމުން އަނެއްކާވެސް ގިނަގުނަ ވައުދު ތަކެއް ވެވަޑައިގެންފިއެވެ.

  • ރަތްމަންދޫ

ރަތްމަންދޫ އަށް ކުރެއްވި ދަތުރުޕުޅުގައި ވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެރަށުގައި ބަނދަރެއް ހައްދަވައި ދެއްވާނެކަމުގެ ވައުދުވެފައެވެ. ރަތްމަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަށްވާނެކަމަށް ރައީސް ވަނީ ވައުދު ވެފައެވެ. އެރަށުގައި މިހާރު ހިންގަމުންދާ ފެނުގެ މަޝްރޫޢު ޑިސެމްބަރު މަހު ނިންމާނެ ކަމަށާއި، ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހު ނިންމާނެކަމަށް ވެސް ވިދާޅުވެފައެވެ. ރަތްމަންދޫގައި ފުޓްސަލްދަނޑެއް އެޅުމާއި ވޮލީކޯޓެއް އެޅުމުގެ މަސައްކަތް މިހާރުވަނީ ބީލަމުގެ މަރުޙަލާގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރަތްމަންދޫގައި ޞިއްޙީ ދާއިރާގެ މައްސަލައަށް އަލިއަޅުވާލަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކު، ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލެވިގެންދާއިރު، ރަތްމަންދޫ އަށްވެސް އެހިދުމަތް ލިބިގެން ދާނެކަމުގައެވެ.

ރައީސް ސޯލިހު ރަތްމަންދޫއަށް މި ޒިޔާރަތް ކުރެއްވީ މުޅިން އަލަށެވެ. ވެރިކަމުގެ ދައުރުގަ ވެސް އަދި އޭގެ ކުރިންވެސް އެމަނިކުފާނު އެރަށަށް ވަޑައެއް ނުގަންނަވައެވެ.

  • މަޑުއްވަރީ

މަޑުއްވަރީއަށް ކުރެއްވި ދަތުރުޕުޅުގައި މަޑުއްވަރީގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފަށިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.

މަޑުއްވަރީގެ ޞިއްޙީ ޚިދުމަތާއި ގުޅޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ ވަރަށް އަވަހަށް ކުރިން ދެމުން އައި މޮބައިލް ލެބޯޓްރީގެ ޚިދުމަތްވެސް އަލުން ފެށިގެން ދާނެކަމުގައެވެ. މީގެ އިތުރުން މަޑުއްވަރީގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ ރައްޔިތުން ހުށަހެޅި ބައެއް ކަންކަމަށް ޖަވާބު ނުދެއްވައި ދޫކޮށްލައްވާފައެވެ. މިގޮތުން ކުނީގެ މައްސަލަ އާއި ސްކޫލުގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަ ކުރުމުންވެސް އެކަށީގެންވާ ޖަވާބެއް ނުދެއްވިއެވެ.

  • ދިއްގަރު

ދިއްގަރަށް ކުރެއްވި ދަތުރުޕުޅުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިޔާތެއް ވަނީ ބާއްވާފައެވެ. ދިއްގަރުގައި ވަނީ ވޮލީ ކޯޓެއް ވެސް ހުޅުވާފައެވެ. އަދި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިއްގަރު ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމަށް ރައީސް ސޯލިހު ޖަވާބު ނުދެއްވާ ވިދާޅުވީ ދައުރުގައި ބާކީ އޮތީ އެއް އަހަރު ކަމާއި، ސަރުކާރުން ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމުގައެވެ. ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ހައުސިންގ މަޝްރޫއެއް ހިންގުމާއި، ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމާއި، ދިއްގަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މުހިންމުކަމުގެ އިތުރުން، ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، ދުވާލެއްގެ މައްޗަށް ފެން އުފެއްދޭ މިންވަރު އިތުރުކުރުން ހިމެނެއެވެ. މީގެން އެއްވެސް ކަމަކަށް ރައީސް ސޯލިހު ޖަވާބުދީފައެއް ނުވެއެވެ.

  • ވޭވަށް

ވޭވަށަށް ކުރެއްވި ދަތުރުޕުޅުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ވަނީ ރައިސް ސޯލިހު ހުޅުވައި ދެއްވާފައެވެ. އަދި ވޭވަށު ބަނދަރު ރަސްމީގޮތުން ވަނީ ހުޅުވާދީފައެވެ.

އައިސްޕްލާޓްގެ ޚިދުމަތް ނެތުމުން ކުރިމަތިވާ ދަތިތައް ސެޕްޓެންބަރު މަހު ހައްލުވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވޭވަށު ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމަށް ރައީސް ސޯލިހު ޖަވާބު ދެއްވާފައެއް ނުވެއެވެ. އެގޮތުން މިވަގުތު ވޭވަށުގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ އައު އިމާރާތެއް އެޅުމާއި، ވޭވަށުގައި އައިސްޕްލާންޓެއް ބެހެއްޓުމާ، ސިއްޙީ މަރުކަޒަށް އައު އެމްބިއުލާންސެއް ހޯދުމާއި، މ.މުލަކު ފާލަން މަރާމާތުކުރުން ހިމެނެއެވެ. ވޭވަށުގެ މަތީގުރޭޑް ތަކުގެ ދަރިވަރުން ތަޢުލީމް ޙާޞިލްކުރުމަށް މުލަކު ސްކޫލަށް ފެރީގައި ދަތުރުކުރާއިރު، މުލަކު ފާލަން ހަލާކުވެފައި ވުމުގެ ސަބަބުން ބައެއް ޙާދިސާތައް ހިނގަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މިކަން ކަމަށް ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ.

  • މުލީ

ރައީސް މުއްޔަށް ކުރެއްވި ދަތުރުޕުޅުގައި ވަނީ މުލީގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރުމަތި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ހެލްތު މިނިސްޓްރީ އާއިގުޅިގެން ކުރަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ. މުލީގައި ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލުހޯދުމަށް ޤައުމީ ފެންވަރުގެ މަސައްކަތްކުރާ ޓާސްކްފޯގެ މަޝްވަރާގެ މަތިން ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މުލީ ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމަށްވެސް ރައީސް ސޯލިހު ޖަވާބު ދެއްވާފައެއް ނުވެއެވެ. އޭގެ ތެރޭގައި މުލީ ކައުންސިލް އިދާރާ ބައުވެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމާއި، ރަށް ގިރުމުގެ މައްސަލަ ހިމެނެވެ.

މުލަކަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button