އެމްޑީޕީއަށް 17 އަހަރު ވީއިރު އެޕާޓީއަށް ލިބޭ ހުރިހާ ފައިސާއެއް ހުންނަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، ޕާޓީގެ ހަރަކާތްތަކަށް ޚަރަދުކުރަނީ ޕާޓީދެކެ ލޯބިވާ މެންބަރުންގެ އަމިއްލަ ޖީބުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން ރީކޯ މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ”ފަލަސުރުޚީ“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އުފެދުނު އެންމެބޮޑު ސިޔާސީ ޕާޓީއަށްވެފައި، ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެގިނަ ފައިސާ ވެސް ލިބެނީ އެމްޑީޕީއަށް ކަމަށެވެ.
އެހެންނަމަވެސް މިހުރިހާ ފައިސާ ރައީސް ނަޝީދުގެ ކޮންޓްރޯލްގެ ދަށުގައި ބަހައްޓަވައިގެން ޚަރަދުކުރަމުން ގެންދެވީ އެމަނިކުފާނުގެ އަމިއްލަ މަންފާއަށް ނުވަތަ ރައީސް ނަޝީދުގެ އަމިއްލަ ޕީއާރު ކަންކަމަށް ކަމުގައި މޫސަ ވިދާޅުވިއެވެ.
އެގޮތުން އެމެރިކާ ފަދަ ޤައުމުތަކުގައި ތިއްބަވާ ބަޔަކަށް ޕީއާރު މަސައްކަތަށް ޚަަރަދުކުރި ކަމާއި، ބައިނަލް އަޤްވާމީ ވަކީލެއް ކަމަށްވާ އާމާލް ކްލޫނީއަށް ބޮޑު ހޭދައެއް ކުރިކަމަށް މޫސަ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަށްފަހު ދެންއައި ސިޔާސީ ހަލަބޮލިކަމުގައި ބައިނަލް އަޤްވާމީ އެކި ޖަމިއްޔާތަކުން އައީ ރައީސް ނަޝީދުގެ ދިފާއުގައި އެކިއެކި ބަޔާންތައް ނެރެމުންނެވެ.
އެހެންކަމުން މޫސަގެ މިވާހަކަތަކުން ބޮޑަށް ބެލެވެނީ އެ ބަޔާންތަކަކީ ރައީސް ނަޝީދު ފައިސާ ޚަރަދުކޮށްގެން ނެރުއްވި ބަޔާންތަކެއްކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ ރައީސް ނަޝީދުގެ ޢަމަލުތައް ހުންނަގޮތުން އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށެވެ.
އެކަމުގެ ހެއްކެއްގެ ގޮތުގައި މޫސަ ފާހަގަކުރެއްވީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައްހުއްޓި ފާއިތުވެދިޔަ އަހަރުތަކުގައި އެމްޑީޕީގެ އާންމު މެންބަރުންނާއިއެކު ޖަލްސާއެއް ވެސް ބޭއްވިފައިނުވުމެވެ.
”އެމްޑީޕީގެ ތެރޭގައި ފިތުނައޮތް މިންވަރު ހާމަކޮށްދެނީ ޕާޓީގެ އާންމު މެންބަރުންނާއި އެކު ޖަލްސާއެއް ނުބޭއްވި މިވީހާ ދުވަސް.“ މޫސަ ވިދާޅުވިއެވެ.
އެމްޑީޕީ އަކީ ބަދަލަކަށް މަސައްކަތް ކުރާ ޕާޓީއަކަށް ވީއިރު އެމްޑީޕީއަށް 17 އަހަރު ވީއިރުވެސް ރައީސް ނަޝީދު ބަދަލު ނުވަނީ ކީއްވެތޯ މޫސަ ވަނީ ސުވާލުއުފައްދަވާފައެވެ.
ނަޝީދަށް ފާޑު ވިދާޅުވަމުން މޫސަ ވަނީ ނަޝީދަކީ އަނިޔާވެރި ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޕާޓީ އުފެއްދި ޕާޓީގެ އެންމެ އިސް ސަފުގައިތިބި އެތައްބަޔަކު ނަޝީދު އާއި ޚިޔާލު ތަފާތުވެގެން ބޭރުކުރި ކަމާއި، މިހާރުވެސް އެއުޅެނީ ވެރިކަމުގެ ބާރުގައިކަމަށް އޭނާ ވިދާޅިވިއެވެ.
”ނަޝީދު ވިދާޅުވި އެމްޑީޕީ އަކީ އަނިޔާ އާއި ދެކޮޅަށް ނުކުތް ޕާޓީއެކޭ. ބަދަލަކަށް ނުކުތް ޕާޓީ އެކޭ. އެ ދެކަމެއް ނުފެނޭ. އެމަނިކުފާނެއް ބަދަލެއް ނުވި. އަޅުގަނޑުމެން އެންމެން ބަދަލުވީއިރުވެސް.“ މޫސަ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ބަސްމަގާއި އަމަލުތައް ހުންނެވިގޮތުން މޫސަގެ އިތުރުންވެސް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެތައް ބަޔަކާއި އެމްޑީޕީގެ އާންމު މެންބަރުންގެ ނުރުހުން ދަނީ ރައީސް ނަޝީދަށް އަމާޒުވަމުންނެވެ.
Thee bodubalaaveri kameh nasheedu beyrukuranvee