ކޮންގުރެސްގައި ބައިވެރިވި ގިނަ ގޮފިތައް އައީ ގަވައިދާ ހިލާފަށް ކަމަށް ބުނުމުން މަސްލަހަތު ގެއްލި ހޫނުވެއްޖެ

އެމްޑީޕީގެ ކޮންގުރެސްގައި ބައިވެރިވި ގިނަ ގޮފިތައް އައީ ގަވައިދާ ހިލާފަށް ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޖަލްސާގެ މަސްލަހަތު ގެއްލި ހޫނުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ 4 ވަނަ ކޮންގުރެސްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮންގުރެސްގައި ބައިވެރިވުމަށް ގޮފިތަކުން މަންދޫބުން އައިސް ތިބީ ގަވައިދާ ހިލާފަށް ކަން ހުރިހާބޭފުޅުންނަށް އެނގި ވަޑައި ގަންނަވާނޭ ކަމަށެވެ.
”ވަޑައިގެން ތިބި ވަރަށް ގިނަ ގޮފިތައް، ގަވައިދާއި ޚިލާފަށް ހަދައިގެން މިތަނަށް ވަޑައިގެން ތިއްބެވިކަން ހުރިހާ ބޭފުޅުންނަށްވެސް އިނގޭ. އަޅުގަނޑު އިއްޔެވެސް އެކަން ފާހަގަކުރިން“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމަ އެއާކު އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ގޮފިތައް ރަށްތަކުގައި އޮންނައިރު، ގޮފީގެ ރައީސް ހުންނަވަނީ މާލޭގައި ކަމަަށެވެ. ނަމަވެސް ދާއިރާތައް ތަމްސީލު ކުރަމުންދަނީ ދާއިރާގެ މަންދޫބެއް ކަމަށެވެ. އެއީ ދެބަސް ވާންޖެހޭނެ ކަމެއްނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހެން މިކަން އޮތުމުން ޕާޓީގެ ކޮންގުރެސްގައި ގޮފިތަކުން ބައިވެރިވާ އުސޫލުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ މިވާހަކަތަކާއެކު މައްސަލަ ހޫނުވެ, ކޮންގުރެސް އަށް މަންދޫބުން ގެނެސް އެފަރާތްތައް ކުޑައިމީސްކޮށްފައިވާ ކަމަށް ވިދާޅުވެ ބައެއް މަންދޫބުންވަނީ އެކަމާ ހިތްހަމަ ނުޖެހި އަޑުގަދަކޮށްފައެވެ.