ދިވެހިންގެ ވެރިކަމެއް ކުރުމަށް ހަވާލު ކުރި އަމާނާތް އަދާ ކުރަން މަޖުބޫރު ވެއްޖެ ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިޔަށްދާ “ހަވާލޭ ވަތަން” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓުން އެވަރުގެ ބޮޑު ނިންމުމެއް ނިންމިއިރު، ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމާއި މެދު އެމަނިކުފާނުގެ ހިޔާލުފުޅު އެންމެ ބޮޑަށް ތަނަވަސް ނޫން ކަމުގައެވެ. އެކަމަކު ގައުމު މިއަދު އޮތް ހާލަތުން އަރައިގަތުމަށް އަދުގެ ކޯލިޝަން ސަރުކާރުގެ ތެރޭގައި އެފަދަ ލީޑަރެއް ހުންނެވިކަން ގަބޫލުފުޅު ނުކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަދިވެސް އަޅުގަނޑުގެ އާއިލާ މިކަމަށް (ވެރިކަމަށް ވަޑައިގަތުމަށް) މުޅިން ގަބޫލެއް ނޫން.“ ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ގައުމުގެ ހާލަތު ބަދަލު ކުރެވެން އޮތީ ޕީޕީއެމް ޕީއެންސީއަށް އެކަނިކަން ގަބޫލުފުޅު ކުރެވުނު ހިސާބުން އެމަނިކުފާނާ ހަވާލު ކުރި ރިޔާސީ ޓިކެޓާއެކު، ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތްޕުޅު އަމާނާތްތެރިކަމާއެކު އަދާކުރައްވާނެ ކަމުގައެވެ. އަދި ކޯލިޝަން ހަދަންޖެހޭ ހާލަތެއް އައިސްފިނަމަވެސް ގައުމުގެ ހަރު މުދާ ހިތުހުރިހައި ގޮތަކަށް ނުބައްސަވާނެ ކަމަށާއި ކަންކަން ކުރައްވާނީ ދިވެހިންގެ މަސްލަހަތު އިސްކުރައްވައިގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ގާބިލްކަން ތަންދިން މިންވަރަކުން ދިވެހިންގެ އުންމީދު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގައެވެ.
”ތެދެއް ކޯލިޝަނެއް ހިފެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު މިސަރުކާރު ކޯލިޝަން ހިފަހައްޓަނީ ފަޅުތަކާ ރަށްތަކާ ވެންޓިލޭޓަރުތަކުން. މިއީ އިޚްލާސްތެރި ބައެއް ނޫން. މި މީހުން އުޅެނީ ލިބޭ ބައި ބޮޑުކުރަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތް ހިންގުމުގެ ބާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަތްޕުޅުގައި ނެތް ކަމުގައެވެ.