ޚަބަރުސިޔާސީ

އަޑި ނޭނގޭ އެއްބަސްވުންތައް ވުޖޫދުން ފޮހެލާނަން: ރައީސް ޔާމީން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރާއި އިންޑިއާ އާއި އެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ވުޖޫދުން ފޮހެލަން ޖެހޭކަން ފާހަގަކުރައްވައި އެކަން ކުރަން ޖެހޭކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިޔަށްދާ “ހަވާލޭ ވަތަން” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ ދިވެހިންގެ އާދަކާދައާއި، އިސްލާމް ދީނަށް އިހުތިރާމާއި ގަދަރު ލިބިދެވޭ ގޮތަށް ކަމުގައެވެ. ހާއްސަގޮތެއްގައި ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަމާއި ދާހީލީ ކަންކަމުގައި ބޭރު ބަޔަކަށް ބަސް ބުނެވޭފަދަ ގޮތަކަށް އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބައްޓަން ނުކުރައްވާނެ ކަން ޔާމީން ފާހަގަކުރެއްވިއެވެ. ޔާމީން ވިދާޅުވީ އެފަދަ އެއްބަސްވުންތައް ކެންސަލްކޮށް، ބާތިލް ކުރައްވާނެ ކަމަށާއި، އެއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމުގައެވެ. 

”ބަޔަކު ރުޅި އަޔަސް، ގައިން ހަން ދިޔަޔަސް އެކަން ކުރަން ޖެހޭ. އެކަމަކު ހާރިޖީ ސިޔާސަތު ބިނާކުރާނީ އެކުވެރިންނާއެކު އެކުވެރިކަން. އިހުތިރާމް ކުރާ މީހުންނަށް އިހުތިރާމް. އަވަށްޓެރިންނާ އަބަދުވެސް ގުޅުން އޮންނާނެ.“ ރައީސް ޔާމީން ވިދާޅުވިއެވެ. 

ވަކި އަވަށްޓެރިއަކީ ދިވެހިންނަށް ހުރިހާ ކަމެއް ކޮށްދޭ ބޮޑުބޭބެއަކަށް ދެކޭ ދެކުމަށް ނިމުމެއް އަންނަނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އެއީ ހަމައެކަނި ހެޔޮ އެދޭ ފަރާތް ކަމަށް ގަބޫލު ކުރުމުގެ ބަދަލުގައި އެމަނިކުފާނުގެ ވެރިކަމުގައި އަރަބި އިސްލާމީ ގައުމުތަކާއި ގުޅުން ބަދަހި ކުރެއްވިގޮތަށް އަލުން އެ ގުޅުން އިއާދަ ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާފައެވެ. 

ދުނިޔޭގައި ފައިސާ ގެންގުޅޭ ހުރިހާ ގައުމަކާއެކު ގުޅުން ބަދަހިކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެފަދަ ގުޅުންތައްވެސް ބަދަހި ކުރުމުގައި ވިސްނަވާނީ އިސްލާމީ އުސޫލުތަކަށް އިހުތިރާމް ކުރާ ގައުމުތަަކަށް ކަމުގައެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ހެދިފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ވުޖޫދުން ފޮހެލަން ޖެހޭ އެހެނިހެން ސަބަބުތައްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. 

”ކާބަފައިން އަޅުގަނޑުމެނާ ހަމައަށް ގެނެސްދިން ތަރިކައެއް މިއީ، މިނިވަންކަމާ ސިޔާދަތާއެކު ގެނައި ގައުމެއް މިއީ. މިއީ މިނިވަންކަމާއެކު އަޅުގަނޑުމެން ބަސް ބުނާ ގައުމެއް.“ ރައީސް ޔާމީން ވިދާޅުވިއެވެ.  

ޔާމީން ވިދާޅުވިގޮތުގައި ދިވެހިންގެ ކަންކަން ނިންމުމުގައި ބަސް ބުނާނީ ދިވެހިންނެވެ. އަދި ނާށިގަނޑު ހިފައިގެން ބޭރު ގައުމުތަކަށް ދިޔަޔަސް މިނިވަންކަމުގެ މައުޟޫގައި ގޮތް ދޫނުކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.  

”ނާށިގަނޑު ހިފައިގެން ދާން ޖެހުނަސް މިނިވަންކަމެއް ނުވިއްކޭނެ.“ ރައީސް ޔާމީން ވިދާޅުވިއެވެ. 

އުތުރު ތިލަފަޅުގެ އެއްބަސްވުމާއި، ހެލިކޮޕްޓަރާއި، ހައިޑްރޯގްރަފީ އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރަށް ބޮޑެތި ހީނަރުކަމެއް އަންނާނެކަން މީގެ ކުރިންވެސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button