ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު މިހާރު އޮތީ ނިމިފަ ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިޔަށްދާ ”ހަވާލޭ ވަތަން“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމުގައެވެ. އަދި ދައުލަތުގެ ހަރު މުދާ ރަހުނުކޮށްގެން ލޯނު ނަގަމުން ދާއިރު، އެ ލޯނު އަނބުރާ ދެއްކުމުގެ ނިޒާމެއް އެކަށައަޅާފައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެން ތުއްތު ކުދިން ކިޔަވަންދާ ސްކޫލުތަކަށް ދަންދެން ރަހުނުކޮށްފި.“ ރައީސް ޔާމީން ވިދާޅުވިއެވެ.
ސަރުކާރުން އިގްތިސާދު އިއާދަކުރުމަށްޓަކައި ލައްކަ ގިނަ މަޝްރޫއު ހިންގާކަމަށް ސަރުކާރުން ބުނާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ފަށާ މަޝްރޫއެއް ވެއްޖެނަމަ، އަރަނީ ފަރަށް ކަމުގައެވެ.
”މަޝްރޫއު ފަށާ ޕާޓޭ ކުދިން އަރަނީ ގިރިއަކަށް. އެހެންވީމަ އަޅުގަނޑުމެންގެ ސަރުކާރެއްގަ މި ގިރިތައް ހިމާޔަތް ކުރަން އެބަޖެގޭ.“ މަޖާޒީ ރާގެއްގައި ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ ދަރުވާލިކަމަށް ބުނެ ވެރިކަމަށް އައި ކޯލިޝަނުން ވަނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ދައުލަތަށް ދީފައެވެ.