ރިޕޯޓް

ގައުމީ ނިދާ!

ކަނޑުގައި ކުދި ރަތްމުތް ތަކެއްހެން އެތުރިފައިވާ ރަށް ތަކެކެވެ. ވަށައިގެން ބަލާލި ކޮންމެ ދިމާލަކުން ގުދުރަތުގެ ފުރިހަމަކަން ދައްކުވައިދޭ، އާޝޯހު ކުރުވަނިވި މަންޒަރުތަކެކެވެ. ދުނިޔެ މަތީގެ ސުވަރުގެ ގޮތުގައި ނަންވިދާ ގައުމެކެވެ. ”ސަނީ ސައިޑު އޮފް ލައިފް“ ގެ ގޮތުގައި މުޅި ދުނިޔެ ތަޖުރިބާ ކޮށްލަން ކެތްމަދުވެފައިވާ މަންޒިލެކެވެ. ތި ހީކުރެވުނީ ރަނގަޅަށެވެ. އެއީ ދުނިޔޭގެ ޗާޓަށްވެސް ކުދި ތިކިތަކެއްގެ ސިފައިގައި ފެންނަ ދިވެހިރާއްޖެއެވެ.

ގައުމެއްގެ ހަމަޖެހުން ބިނާވެގެން ވަނީ އެ ގައުމެއްގެ މިނިވަންކަމަށެވެ. ދިވެހި ގައުމަށް މިވަނީ އެ ނިއުމަތް ލިބިފައެވެ. ނަމަވެސް މިއީ ދުނިޔޭގެ ބޮޑެތި އަދި ބާރުގަދަ އެހެން ގައުމުތަކަށް ލިބިފައިނުވާ ކަމަކެވެ. އަޅުގަނޑުމެން ދިވެހިން ފުރިހަމަ މިނިވަންކަމުގެ ހިޔަލުގައިވާތާ 56 އަހަރު ވެއްޖެއެވެ. ދިވެހިންނަކީ އަމިއްލަ މިނިވަންކަމާއެކު މަގުމަތީގައި ބިރުވެރިކަމެއް ނެތި ހިނގާބިގާވެ އުޅެވޭ ބައެކެވެ. އަދި ހިތުގައި އުފެދޭ ޝުއޫރުތައް އެއްވެސް ޖެހިލުމެއްނެތި އެހެން ގައުމުތަކާއި ހިލާފަށް ފާޅުކުރެވޭ ބައެކެވެ. މި ހުރިހައި ކަމަކީ ކިހާ މުހިންމު ކަންތައްތަކެއްކަން އެނގޭނީ މިކަހަލަ ކޮންމެ މިނިވަންކަމަކުން މަހުރޫމު ވެފައިވާ މީހުންނަށެވެ. އަޅުގަނޑުމެންނަކީ އޭގެ ތެރެއިންވާ ބަޔަކަށް ނުވާތީ ﷲ ގެ ކިބަފުޅަށް ހަމްދު ހުއްޓެވެ. ސަބަބަކީ މިނިވަންކަން ބީވެގެން ދިޔަ ކޮންމެ ފަހަރަކު ދިވެހިން އުޅުނު ހިތްދަތި އަދި ކަޅު އަނދިރި ދުވަސްތަކަކީ، މިނިވަންކަމުގެ މުހިންމުކަން އެންމެ ބޮޑަށް ދޭހަކޮށްދޭ މިސާލުތަކަށް ވާތީއެވެ.

އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމީ ހިދާޔަތެވެ. އިސްލާމީ ނޫރުގެ މަތީގައި ތަރުބިއްޔަތުވުމެވެ. އިސްލާމީ ރިވެތި އުސޫލުގެ ހަމަތަކުގެ މަތީގައި ދިރިއުޅޭ ބަޔަކު އުޅޭ މާހައުލަކަށް އުފަންވުމެވެ. އެގޮތުން ދިވެހިންނަކީ މި މަތިވެރި ނިއުމަތުގެ މަތީގައިވާ ބައެއްކަން ޔަގީނެވެ. ސަބަބަކީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާތީއެވެ. ހައްގުވެގެން އަޅުކަން ވެވޭ ހަމައެކަނި އިލާހަށް އަޅުކަން ކުރާ ބަޔަކު އުޅޭ ގައުމަކަށް ވާތީއެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ސާބިތުވެގެން ތިބޭތީއެވެ. މީގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ސަބަބުން ގައުމުގައި ހަމަޖެހުމާއި ސުލްހަ މަސްލަސްކަން ގާއިމްކޮށްގެން ތިބޭތީއެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ޝުކުރުވެރިވުން ހައްގު ނިއުމަތަކީ ދިވެހިންނަށް އިސްލާމީ ހިދާޔަތް ލިބިފައިވުމެވެ. މިއީ މިއަދު އަޅުގަނޑުމެން ދިވެހި ގައުމު އަމާންކަން މަތީ ލެއްވުމަށް ކުރާ ދުއާގެ މުހިންމު އެއް އަސާސެވެ. އެހެން ނަމަވެސް އިސްލާމީ ހިދާޔަތުގެ ނޫރު ބީވެގެން ހިނގައިދާނެ ކަމުގެ ބިރު އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އޮވެއެވެ.

ގައުމުގެ ކޮންމެ ދިމާލަކަށް ބަލައިލި ނަމަވެސް ފެންނަމުން ދަނީ ދިވެއްސަކަށް ވީތީ އަޅުގަނޑުމެން ފަހުރުވެރި ވާންޖެހޭ އެތައް ކަމެކެވެ. އަދި މާތް ﷲ ގެ ކިބަފުޅަށް ހަމްދުކޮށް ޝުކުރުވެރި ވާންޖެހޭ އެތައް ނިއުމަތްތަކެކެވެ. ހާއްސަކޮށް ގައުމިއްޔަތުގެ ބަހާތަކުން މިކަންކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

މިއަދުގެ ގައުމީ ނިދާއަކީވެސް މި ލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދަށް އޮތުމެވެ. މިނިވަންކަމަށް ބުރޫއަރާފާނެ އެއްވެސް ކަމަކަށް ފުރުސަތު ފަހި ނުވުމެވެ. އަދި ދިވެހިންނަކީ އަމިއްލައަށް ބަސްބުނެވޭ، އަމިއްލައަށް ކަންކަން ނިންމޭ ބައެއްގެ ގޮތުގައި އޮތް އޮތުން ދެމިއޮތުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button