ޚަބަރުސިޔާސީ

ގައުމިއްޔަތު އިއާދަކުރުމުގެ ތިން އިދާރާއެއް އުފައްދަވަނީ

ގައުމީ ނިޒާމުގެ ތެރެއިން ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ތިން އިދާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ.މުޢިއްޒު މި ގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އެގޮތުން ރައީސް ނިންމެވީ ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ގައުމީ ތަރިކައިގެ ކޮލެޖާއި، ދިވެހި ގައުމީ ޗާޕުޚާނާ އުފެއްދެވުމަށެވެ. މި ތިން އިދާރާ ހިންގާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުންނެވެ.
މި ތިން އިދާރާ ގާއިމުކުރެއްވުމަކީ “ހަފުތާ 14“ ގެ މަގުޗާޓުގައި ހިމެނޭ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަންކަމެވެ.
ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތަކީ މި ދާއިރާއިން އިލްމީ ގާބިލު ބަޔަކު އުފެއްދުމާއި، ދިރާސާވެރީން ހޯދައި ކިޔަވައިދިނުމާއި، ދިވެހި އަމިއްލަ ވަންތަކަމުގެ އިލްމީ ގާބިލުކަން މީހުންގެ ކިބައިގައި އަށަގެންނެވުމެވެ. ތަރިކަ ދިރާސާކުރާ މަރުކަޒުގެ ދައުރަކީ ދިވެހި ވަންތަކަމުގެ އިލްމެއް އުފަންކޮށް އިއާދަކޮށް ދެމެހެއްޓުމުގައި ދެމިއޮތުމެވެ. ގައުމީ ޗާޕުޚާނާގެ ދައުރަކީ މި ނިޒާމުން އުފައްދާ ދިވެހީންގެ ދިވެހި އުފެއްދުންތައް އާންމުކޮށް ފެތުރުމެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button