ރިޕޯޓް

ގައުމިއްޔަތާއި ސިޔާދަތު: އެއް ގަހެއްގެ ދެ މޭވާ

ގައުމު ގައުމެއްގެ ގޮތުގައި ދެމިއޮތުން ބިނާވަނީ އެގައުމެއްގެ އަފްރާދުން، އެގައުމެއްގެ ގައުމިއްޔަތަށް ކުރާ ލޯތްބެއްގެ މައްޗަށެވެ. ރައްޔިތުންގެ ހިތުގައި ވަތަނީ ލޯބި، އަދި އެހިތުގައި ގައުމިއްޔަތާއި ޘަގާފަތުގެ ވިންދު ނުޖަހާނަމަ އެގައުމެއްގެ ގައުމީ ”ހިތް“ ހުއްޓުން ވަނީ ނުހަނު ގާތުގައެވެ. ގައުމެއްގެ އަމިއްލަވަންތަކަން ގެއްލި، ގައުމެއްގެ ސިފަ އެގައުމެއްގެ މާހައުލުން ފޮހެވި، ބައިބައިވުމާއި ފަސާދަތަކަށް ހުޅުވޭ ދޮރު ތާއަބަދަށް ހުޅުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވެގެން ދާނެއެވެ.

އިސްވެ ދެންނެވުނު ފަދައިން ”ގައުމެއްގެ ސިފަ“ ގެއްލުމުގެ ފުރުސަތު ތަންމިނަށް ހުޅުވިފައިވަނީ އަޅުގަނޑުމެންގެ ކުޑަ ކުޑަ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުގައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ވަކި ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް ކަމުގައި ވީނަމަވެސް، ގިނަ ކަންކަމުގައި އަޅުގަނޑުމެން އުޅެން ޖެހެނީ ބޭރުގެ ބައެއްގެ ”ތައްޕާހުގައެވެ.“

އިންޑިޔާ ކަނޑުގެ މެދުގައިވާ ފެހި މުތްތަކެއް ފަދަ މި ރާއްޖެއަކީ، ބިމުގެ ގޮތުން ދުނިޔޭގެ ޗާޓުން ފެންނަ ތިކިތަކެއްހާ ކުޑަ ގައުމެކެވެ. ނަމަވެސް އަޅުގަނޑުމެންނަކީ ތާއަބަދަށް ފަޚުރުވެރިވާންޖެހޭ ފަދަ ގައުމިއްޔަތަކާއި ޘަގާފަތެއް ލިބިފައިވާ ބައެއް ކަމީ މުޅި ދުނިޔެ އެކަމަށް ހެކި ދޭނެ ކަމެކެވެ.

އަޅުގަނޑުމެންގެ ގައުމިއްޔަތު އެކުލެވިގެންވަނީ، އިސްލާމްދީނާއި, ދިވެހިބަހާއި, ރާއްޖޭގެ ޘަގާފަތާއި, މިނިވަންކަމާއި, ސިޔާދަތުގެ އިތުރުންވެސް ބައެއް މުހިންމު ބަހާތަކުގެ މައްޗަށެވެ. ގައުމިއްޔަތަށް ލޯބިކުރުމުގެ މަފުހޫމަކީ މީން ކޮންމެ ބަހާއަކަށް ތިމާގެ ހިތާއި ނަފްސުން ލޯބި ކުރުމެވެ. އިސްލާމް ދީނަށް ނަސްރުދޭ، ދީނަށް އަމަލުކުރާ ބަޔަކަށް ވުމެވެ. އަޅުގަނޑުމެން ބަސްމޮށުމަށް ބޭނުންކުރާ ބަހަކީ ދިވެހިބަސްކަމުގައި ހަދާ، އެ އަގުބޮޑު ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން މަސައްކަތްކުރުމެވެ. ރާއްޖޭގެ ޘަގާފަތް އެހެން ގައުމުތަކުގެ ޘަގާފަތުގެ މައްޗައް އިސްކޮށް، އެޘަގާފަތް ދިރުވަން މަސައްކަތް ކުރުމެވެ. މިނިވަންކަމަށް ބުރުއަރާފަދަ މަންޒަރެއް ނުވަތަ އަޑެއް އިވޭ ކޮންމެ ފަހަރު، ހަށިގަނޑުގައިވާ ގައުމީ ލޭ ކެކޭ ފަހުލަވާނުންތަކަކަށް ވުމެވެ.

ގައުމިއްޔަތާއި ސިޔާދަތަކީ އެއްގަހެއްގެ ދެ މޭވާ ކަމަށް ސުރުޚީގައި ދަންނަވާލަން ޖެހުނީ ގިނަ ސަބަބުތަކެއް ހުރުމުންނެވެ. ސިޔާދަތުގެ މާނައަކީ ކޮބައިތޯއެވެ؟ ދިވެހި ބަސްފޮތުގައި ވާގޮތުން ”ސިޔާދަތު“ މި ލަފުޒުގެ މާނައަކީ ”ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރިކަމެވެ.“ ގައުމިއްޔަތާއި ސިޔާދަތާ އޮތް ގުޅުން މިހާ މުހިންމު ވާންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ ގައުމިއްޔަތުގެ ކޮންމެ ބަހާއަކީ، އެބަހާއެއް އަތުން ދޫވެއްޖެނަމަ ގައުމުގެ ސިޔާދަތަށް އެކަމުގެ ސަބަބުން އަސަރުކުރާނޭ އެއްޗެކެވެ.

މިކަމުގެ އެންމެ ފުރިހަމަ މިސާލަކަށް އިސްލާމް ދީން ބަލާލަމާތޯއެވެ. ވެރިންނާއި ރައްޔިތުންނަކީ ދީނަށް ލޯބި ނުކުރާ، ޖާހިލުކަން ބޮޑު ބަޔަކަށް ވެއްޖެނަމަ، އަޅުގަނޑުމެންގެ ސިޔާދަތު އެހާ ހިސާބުން ވެސް އެއޮތީ މުށުން ދޫވެފައެވެ. މިގައުމުގައި ބަސްކިޔަނީ ދިވެހިން ކަމަށް ބޭރުފުށަށް ފެންނަން އޮތަސް، ހަގީގަތުގައި އެހާހިސާބުން ގައުމުގެ ޚާރިޖީ ނިންމުންތަށް އެނިންމެނީ ބޭރުގެ ހަރުބީ ކާފަރުންނާއި ޔަހޫދީންގެ ނަފޫޒުގަދަ ސިކުނޑިތަކުން ގަބޫލުކުރާ މަގުންނެވެ. އެމީހުން ގަބޫލުކުރާ މަގަށް ރާއްޖެފަދަ ކުޑަ ގައުމުތައް އަނބުރާލުމަށް ކުރާ ހިމޭން ފިކުރީ ހަނގުރާމާގައި އެމީހުން ނަސްރު ހޯދަނީއެވެ. އެޖިހާދުން އެހިސާބުން ދިވެހިން ނާކާމިޔާބު ވަނީއެވެ.

އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަމުގެ އަގުހުރި ނިއުމަތަށް ވެސް ވުން އެންމެ ގާތް ގޮތަކީ މިއީއެވެ. ގައުމަށާއި ގައުމުގެ ސަގާފަތާއި އާދަކާދައަށް އޮތް ލޯބި ގެއްލި، ހުޅގަނގުގެ ނުބައި ނުލަފާ އާދަކާދަ އަޅުގަނޑުމެންގެ ދިވެހި ސަގާފަތުގެ މައްޗައް އިސްކުރެވޭ ހިސާބުން އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަމުގެ ނިއުމަތުގައި ކޮޅުފައިން ޖެހުމުގެ ފުރަތަމަ މަރުހަލާ އެކަޑައްތު ކުރެވުނީއެވެ. އެހާހިސާބުން ބޭރުގެ، ތިމާ ލޯބިވާ ޘަގާފަތްތަކުގެ ވެރިންގެ ކޮންމެ ހުށަހެޅުމަކަށް ގައުމާއި މެދު ވިސްނާލުމެއް ނެތި އާނ ބަސް ބުނެވެއެވެ. އެއީ އަޅުގަނޑުމެން މުސްތަގުބަލުގައި އަމިއްލަ ގައުމުގައި އަޅުންނަށްވެ ރަހީނުވާންޖެހޭ ފަދަ ނުރައްކާތެރި ހުށަހެޅުމެއް ކަމުގައި ވީ ނަމަވެސް އެވެ. އަލްވަލާއު ވަލްބަރާއުގެ (ﷲއަށް ޓަކާ ލޯބިވުމާއި ރުޅިއައުން) އަގީދާ މުށުން ދޫވުމުގެ ނުރައްކާތެރިކަން ފެންނަނީ މިހާ ހިސާބުންނެވެ. ޣައިރު މުސްލިމުންތަކެއްގެ ބަސް ގައުމަށް ވުރެން އިސްކުރެވެނީއެވެ. އިސްލާމްދީނުގެ މައްޗައް އިސްކުރެވެނީއެވެ. އެއީ މިތުރުން ކަމަށް ގަބޫލުކުރެވެނީއެވެ. ގައުމީ ލޯބީގެ ކަންފުޅެއްވެސް ނެތް ފަދައެވެ. ފުރަތަމަ ކޮޅުފައިންޖަހަނީ ގައުމިއްޔަތުގައެވެ. އެހާ ހިސާބުން ނޭނގި ތިއްބާ އަޅުގަނޑުމެންގެ ސިޔާދަތުވެސް އަމިއްލަ އަތުން ކަނޑުފެއްތެނީއެވެ.

އަޅުގަނޑުމެންގެ ގައުމުގެ މިއަދުގެ ހާލަތަށް ވިސްނާލަމާތޯއެވެ؟ ގައުމިއްޔަތަށް އޮތް ލޯތްބެއް މި ވެށިން އެބަ ފެނޭތޯއެވެ؟ ދީނުގެ ވާޖިބުތައް އަދާކުރާ ޒުވާނުންގެ އަދަދު ހިތްފަޅައިގެންދާހާ މަދެވެ. ދިވެހިބަހަށް ވުރެ މިއަދުގެ ޅަ ދަރީން ފަރަންޖީ ބަސްބަހަށް މާ ފަރިތައެވެ. ދިވެހި ޘަގާފަތުގެ ”އެގަހު ކޭލެއް މިގަހު ކޭލެއް“ ނޭނގޭ ހާލަތުގައި ތިބޭ ކުދިންވެސް، ބޭރުގެ އެކިއެކި ގައުމުތަކުގެ، އިސްލާމްދީނާއި ޚިލާފު ޘަގާފަތްތަކަށް ލޯބިޖެހި އެލޯބީގައި ހަލާކުވެގެން ދަނީއެވެ. އިސްލާމީ ރިވެތި އަޚްލާގާއި އުސޫލުތަށް ހަލުވި ދުވެލީގައި ގައުމުން ގެއްލިގެން ދަނީއެވެ. ވަތަނީ ލޯތްބަށް ވުރެން ސިޔާސީ ނުވަތަ ފަރުދީ މަސްލަހަތު އިސްކުރެވެނީއެވެ. އަޅުގަނޑުމެންގެ ތައުލީމީ ނިޒާމް ”ފެއިލް“ ވެއްޖެ ނޫންތޯއެވެ؟ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓާނޭ ފަދަ ގައުމީ ލޯބި ހިތުގައި ހިނގާ ދަރިންތަކެއް ނުއުފެއްދޭނަމަ ސަރުކާރު ސްކޫލްތަކުން ފޫނެތް ފަޔަށް ފެންފުރަނީ ކަމަށް ވެސް ބުނެވިދާނެއެވެ. އެއީ މިނިވަންކަމާއި ސިޔާދަތެއް ނެތް ގައުމެއްގައި ކިތަންމެ މޮޅަށް ކިޔެވިޔަސް އެދަރިން ބިކަވެ ހާލުގައި ޖެހޭނެތީއެވެ.

މިގައުމު އަނބުރާ އެކަތިގަނޑަކަށް ހެދުމަށް ވެރިންނާއި ރައްޔިތުން އަތުގުޅާލަން މާބޮޑަށް ވެސް ލަސްވެއްޖެއެވެ. އެހެންނޫންނަމަ، މާދަމާ، އައު ދުވަހަކަށް ރާއްޖޭގެ މަލަމައްޗަށް އިރުގެ ދޯދިތަކުން ފަތުރާލާ ރަންދޯދިއާއި އެކު، މިރާއްޖެއަށް މިނިވަންކަމާއި، ސިޔާދަތުގެ ބާރާއި އެކު މޯޅިޔަށް ދެމިލާނެ ފުރުސަތެއް ނުލިބުން ވަރަށް ގާތެވެ.

މިއަދު ގައުމުގެ ޒުވާނުންނަށާއި ޅަކުދިންނަށް ދޭން ބޭނުންވަނީ އެންމެ ނަސޭހަތެކެވެ. ދިވެހި އަދަބުގެ މަޝްހޫރު ޝާޢިރާ އަލްމަރުހޫމާ އާމިނަތު ފާއިޒާ މިދީބަށް ދޫކުރެއްވި އަގުހުރި ނަސޭހަތުގެ ބަސްކޮޅެކެވެ.

”ޝަޚުސިއްޔަތެއް ހުރި ލޯތްބަކީ އަދި އާރުލާވެސް ލޯތްބަކީ
ފަޚުރާ ޝަރަފުވެރި ބާރަކީ ޙުއްބުލްވަޠަންކަން ދަސްކުރޭ“

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button