ކޮލަމް

މިނިވަން ދުވަސް ފާހަގަ ކުރާއިރު އިޖުތިމާއީ ފޭރާން ކޮބާ؟

މިނިވަންކަން ގުޅިލާމެހިފައިވަނީ ގައުމީވަންތަ، ސުލްހަވެރި، ފުދުންތެރި، އެކުވެރި، ބާރުވެރި، ރައްޔިތުންތަކެއްގެ މައްޗަށެވެ. ގައުމެއް މިނިވަންވުމޭ ބުނެވޭ ބަހުގެ އަސްލު މާނައަކީ މިނިވަން ދައުލަތެއްގެ އެންމެ މަތިވެރި ޝަރަފާއެކީ އެހެން ގައުމުތަކޭ އެއް ހަމައެގައި ފައި ހަމަކުރުމެވެ. ކޮންމެ މައިދާނެއްގައިވެސް އަމިއްލައަށް ބަސްބުނުމުގެ ފުރިހަމަ މިނިވަންކަން އޮތުމެވެ.

ގައުމަށް އަންނަ ތަރަށްގީއަކީ ކޮންކިރިޓާ ސިމެންތިއެއް ނޫނޭވެސް ބަޔަކު ބުނެ އުޅުނެވެ. މުޖުތަމައުގެ އިޖުތިމާއީ ސިއްހަތާ ސިޔާދަތު ވީރާނާ ވެއްޖެއެވެ. ތަރައްގީއާއެކު ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅު ނުކުރެވޭނަމަ ތަރައްގީގެ އެއްވެސް މާނައެއް ނެތެވެ. ގައުމުގެ ހާލަތު ގަލަމުން ބަޔާންކުރާހިނދު ގަލަން ވެސް ގިސްލާ ރޯކަހަލައެވެ.

ވެރިން މިއަދު މިވަނީ ގައުމު ވިއްކާލާފައެވެ. އަވަށްޓެރި ގައުމެއްގެ އަޅުވެތި ކަމުގެ ތެރެއަށް ގަންބާލާފައެވެ. އެތަކެއް ސިއްރު އެއްބަސް ވުންތަކެއް ހަދައިފިއެވެ. އެހެން ގައުމެއްގެ ސިފައިން މިގައުމުގައި ފައިހަމަ ކޮށްފިއެވެ. ގައުމުގެ ރައުސުލްމާލުގެ ވަތްގަނޑުތަކަށް އަތް ބާނައި، ރާއްޖޭގެ ދާހިލީ އަދި ސިޔާސީ ކަންކަމަށް ވެސް މިހާރު ބަސް ބުނަނީ ބޭރު މީހުންނެވެ. މިކަންކަން މިހެން ހުރުމުން ހަދާނަށް އަންނަނީ ރާއްޖޭގެ ގައުމިއްޔަތުކަން އިނގިރޭސީންގެ އުނގަށް 1800 ގެ އަހަރުތަކުގެ ތެރޭގައި ވެއްޓުނު ދުވަހެވެ. މިއަދު އަނެއްކާ މިވަނީ އަލް އަމީރް އަލްމަރްހޫމް ރައީސް އިބްރާހިމް ނާސިރު ފަދަ ހިއްވަރާ ބުންވަރުހުރި ވެރިއަކަށް އިންތިޒާރު ކުރަން ޖެހިފައެވެ.

މި ގައުމުގެ މިސްރާބު ހިފާފަހުރީ އަޅުވެތި ކަމުގެ ނާރެހާއި ދިމާލަށެވެ. އާންމު ދިރިއުޅުން މިވަނީ ލިބޭ މިންވަރުން ނުފުއްދޭ ހާލުގައެވެ. ގޭތެރޭގެ ހާލަކީވެސް މީއެވެ. ގިނަ މަސްމަހު ރައްޔިތުން ކައިފިއްޔާ ބިލުތައް ހުންނަނީ ނުދެއްކިއެވެ. ކުދިން ތިބެނީ ކިޔެވުމުން މަހުރޫމް ވެފައެވެ. ވާނީ ވެސް އެހެންތާއެވެ. ތަކެތީގެ އަގުތައް އަތް ނުފޯރާ ފަށުގައެވެ. ކަރަންޓާއި ފެން އެހާމެ ބޮޑެވެ. ކުދިންގެ ސުކޫލްފީތައް ވަނީ ދުވަހެއް ދުވަހަކަށް ބޮޑެވެ. ކޮންމެ ދުވަހަކުމެ ނިދާހޭލާ އިރު އޮންނަނީ ކޮންމެވެސް ތަނަކުން ޖޫރިމަނާއެއް ނުވަތަ ޓެކްސްއެއް ދައްކަންޖެހިފައެވެ. އެންމެ ފަހުން ޓެކްސްވެސް ބޮޑު ކުރީއެވެ. މީ އަދުގެ ހާލެވެ.

ޒުވާނުންގެ ހާލަތު މާގޯހެވެ. މިއަދު އެކުދިން އަދާކުރާނެ ވަޒީފާއެއް ނެތެވެ. ކަންކަން މައްޗަށް ގިނަވެ، މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެތަކެތީގެ ވިޔަފާރީގައި ބަނދެވި، މާރާމާރީއާއި އަދި ވައްކަން ކުރުމުގައި ޒުވާން ޖީލު ނެތި ދަނީއެވެ. ޒުވާނުންގެ ގޭތެރޭގެ ހާލަކީ 10 ފޫޓް 10 ފޫޓް ކޮޓަރިއެކެވެ. ދެން ދާން ދެންޖެހޭނީ ކޮންމެސް ސިޔާސީ މީހެއްގެ ފައިބުޑަށެވެ. މަސައްކަތް ކުރާށެވެ. މިއީ ދިވެހިން ދުވަހަކުވެސް ދެކުނު މަންޒަރެއް ނޫނެވެ. އަދި އުންމީދު ކުރި ގޮތެއްވެސް ނޫނެވެ. ޒުވާނުންވެސް ގެދޮރު ވެރިކަމާއި، ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއަކާއި، އާއިލާއެއް ބޭނުންވާނެކަން ސަރުކާރުގެ ވެރިން ދަންނަން އެބަޖެހެއެވެ. އެކަމަކު ވެރިން ބޮޑުކުރަނީ އަމިއްލަ އަންބޮނޑިއެވެ.

ވައްކަން ކުރުން އިންތިހާއަށް މައްޗަށް ހިނގައްޖެއެވެ. ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ އަނިޔާއާއި، ޖިންސީގޯނާތައް އިންތިހާއަށެވެ. ރޭޕްކުރުން އިންތިހާއަށެވެ. މީހުން މެރުމާއި، ވާނުވާނޭނގި މީހުން ގެއްލުންވެސް ނިމުމަކަށް ނައެވެ. ކައިވެނީގެ ބޭރުން ހޯދާ ދަރިންގެ އަދަދު ގިނަ ވެއްޖެއެވެ.ލިވާތުގެ ފާހިޝް އަމަލުން މުޅި މުޖުތަމައު ތަތްތެޅިއްޖެއެވެ.

ސިއްހީ ފަރުވާދޭ ތަންތަނުގެ އަގުތައް ވެސް ދަނީ މައްޗަށެވެ. ސުކޫލް ތަކުގެ ކިޔެވުމުގެ އޮނިގަޑު އޮތީ އިސްލާމް ދީނާއި ސަގާފަތަށް މަލާމާތް ކުރާ ފާޑަށެވެ. ގެދޮރުވެރިކަމަކީ މަހުޖަނުންގެ ހައްގެކެވެ. އިސްލާމް ދީނަށް ފުރައްސާރަކުރުން އިންތިހާއެވެ. ދީނީ ލޯބި ހިތްތަކުގައި ކުޑަވާން ފަށައިފިއެވެ. މީގެ ސަބަބުން މުސްތަގުބަލުގައި ދަރިންގެ ދަރިންނަށް ކުރާނެ ނޭދެވޭ އަސަރާމެދު ވިސްނާނުލެވެނީ ހެއްޔެވެ؟

ދައުލަތުގެ ޒިންމާ ހަނދާން ނެތިއްޖެއެވެ. ސަރުކާރުގެ ހަމައެކަނި ވިސްނުމަކީ މުށް ޖަހާފައި ހަޒާނާ ދޮވެ ސުންނާފަތި ކުރުމެވެ. ގާނޫނެއް ގަވައިދެއް ތަނެއް ދޮރެއް ދޮރާށްޓެއް ބަލާކަށް ބޭނުމެއް ނޫނެވެ. މިހާރުގެ ސަރުކާރުގެ މިސާލަކީ ބަނޑުނުފުރޭ ދެޔޯއެއްގެ މިސާލެވެ.

މިއަދުގެ ޖުޑިޝަރީގެ ހާލަކީ މާރުކޭޓުގައި މަސްގަންނަ އުސޫލެވެ. ނުވަތަ ފުޓުބޯޅައިގެ ޓްރާންސްފާ މާކެޓު އުސޫލެވެ. ގާޒީ މީހާ ގަނެ ވިއްކުމުގެ ބާބަކަށް ނިމުމެއް ނާދެއެވެ. މަދު ހާލަތެއްގައި ނޫނީ އަދުލާއި އިންސާފަކީ މަގާމަށްޓަކައި އޮންނަ އެއްޗަކަށް ވެއްޖެއެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި އޮތީ މިނިކާވަގުގެ ގާނޫނެވެ. ރައްޔިތުންނަށް ފައިދާހުރި ބިލެއްވެއްޖެއްޔާ އެބިލު ސައްޕު ޖަހާ ތަޅުމުން ބޭރުކޮށްލަނީއެވެ. ބިލުވެސް ކުއްލި މައްސަލަވެސް ބަލައިގަންނަނީ ވަކި ބަޔަކު ލީމައެވެ. އެންމެ ފަހުން މަސްދަރު ހާމަނުކުރާ ނޫސްވެރިން ޖަލަށް ލާންވެސް ނިންމީއެވެ. ކޮންމެވެސް ޔޯގާއެކޭ ކިޔައި ދީނީ އިލްމުވެރިން ޖަލަށް ލައިފިއެވެ. އެކަމާ ނުވެސް ބެހޭ ސިޔާސީ ބަޔަކު ފްރޭމް ކުރަންވެސް ހިފަނީއެވެ.

މިނިވަން ދުވަސް ފާހަގަ ކުރާއިރު އިޖުތިމާއީ ފޭރާން ކޮބާ ހެއްޔެވެ؟ މި ސުވާލު ހިތާ ހިތާ ކޮށްލާށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button