ރިޕޯޓް

އަޅުވެތިވެފައި ހުރި މީހަކު މިނިވަނޭ ބުނެފާނެ

އިއްޔެއަކީ ޖުލައި 26 އެވެ. އަނެއްހެން ބުނަންޏާ ޖުލައިން 26 އެވެ. މިނިވަންދުވަހެވެ. މިނިވަންކޮށް އުޅޭތާ 58 އަހަރު ފުރުނު ދުވަހެވެ. ސައްބީހުގެ ކުޅިވަރު ހަރަކާތްތަކާއި، ޕެރޭޑާއި، ފުޅަނދުބުރު ފެށުމުގެ ކުރިން އެންމެ ފުރަތަމަވެސް އެދުވަހު ރައްޔިތުންނާ މުހާތަބު ކުރައްވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސް މީހާ ދެކެ ބުމަގޮށްޖަހައިގެން ހުންނަ މީހާވެސް އެދުވަހު ރައީސްގެ ވާހަކަ ސިއްރުން ނަމަވެސް އަޑު އަހައެވެ. އެއީ ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ދުވަހަކަށް ވާތީ ”ނިކަން ކިޔާ އެއްޗެއް އެނގިދާނެތާ“ އޭ ކިޔައިގެން ހަމަޖައްސާލާ މީހުންވެސް އުޅެއެވެ.

ކޮންމެއަކަސް އިއްޔެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިނިވަންދުވަހުގެ ހިތާބު ދެއްވައިފިއެވެ. އެކަމަކު އެހެން އަހަރުތަކާ ތަފާތު ބޮޑު ވާހަކައެއް ވިދާޅުވިއެވެ. މިހިނގާ ފަސްއަހަރަކީ، ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރުގެ ގޮތުގައި އެމަނިކުފާނު ވަރަށް ފަހުރުވެރިކަމާއެކު ވިދާޅުވިއެވެ. ރައީސް އިބްރާހީމް އެވިދާޅުވި ބަހުގެ މުރާދުވެސް ތަފްސީލް ކޮށްދެއްވިއެވެ.

ރައީސް މަނިކުފާނު ފުރަތަމަ ކެނޑުއްވި ސަޅިބައިސައަކީ ސިޔާސީ މިނިވަންކަން ގާއިމްކޮށްދެވުނުކަމެވެ. ތެދެކެވެ. ސިޔާސީ މިނިވަންކަން އެމަނިކުފާނު ގާއިމްކޮށްދެއްވައިފިއެވެ. ރައީސް މަނިކުފާނާ ސިޔާސީގޮތުން ”ހިތާނުވާ“ ކޮންމެ މީހެއްގެ އަދުގެ ހާލަތަށް ބަލާލީމަ، އެކަން އިތުރަށް ތަފްސީލް ކުރަން ނުޖެހޭހާ ސާފެވެ. ރައީސް އިބްރާހީމް ވެރިކަމުގެ ތަހުތުގައި ވެޑުވިގެން ހުންނެވިހާ ހިނދަކު އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ހުންނަވަން ހަމަޖެހިފައިވާ ތަނަކީ މާފުށީ ޖަލެވެ. ކޯލިޝަނެއް ދެމެހެއްޓެވުމުގައި ލާމަސީލު ބޭފުޅެއްކަމަށް އަމިއްލަފުޅަށް ވަކާލާތު ކުރައްވާއިރު، އަމިއްލަ ޕާޓީގެ ލީޑަރ އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮންޓްރޯލު ކުރެއްވުމުގައި ލާމަސީލުކަން ހޯއްދެވި ގޮތަކީ އެމަނިކުފާނު ހަވަރަށްދީ، އެމަނިކުފާނުގެ ސަޕޯޓަރުން ޕާޓީން ނެރެ ބޭރުކޮށްލައިގެންނެވެ. މަޖީދީމަގު މެދުގައި އެމަނިކުފާނު ”ގޮއްވާލަން“ އުޅުނު ހާދިސާގެ އިހުމާލުގެ ލަގަބުވެސް ހޯއްދެވީ ރައީސް އިބްރާހީމް މަނިކުފާނެވެ. އަމިއްލަ ޕާޓީވެސް ރޫޅިއްޖެއެވެ. ކޯލިޝަންގެ އެއްބައި އޮތީ ރޫޅިފައެވެ. ކައިރީގަ ގިނައިން ތިބި މަގާމާއި، ވަޒީފާގެ ބިރަށް ކެމްޕެއިނުގައި އަވަދިނެތި އުޅޭ ބައެކެވެ. ސިޔާސީ ފިކުރުތަފާތު އެތައް މުވައްޒަފުންނެއް މަގުމަތިކޮށްފިއެވެ. އަދި ވަކީން މިހާރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގަންވެސް ނިކަން ފަސޭހައެވެ. އެސްއޯ ފުލުހަކު ޔުނިފޯމް ނާޅާތާވެސް 5 އަހަރު ވަނީއެވެ.

ދެން ރައީސް މަނިކުފާނު ވިދާޅުވީ ދާހިލީ މިނިވަންކަން ޔަގީންކޮށްދެވި ވާހަކައެވެ. އެއީ ތެދެކެވެ. މަގުމަތީގައި މިހާރު ހިނގާބިނގާ، ދުއްވާލަންވެސް ނިކަން ފަސޭހަ ނޫން ހެއްޔެވެ؟ ފޭރުމާ، ވައްކަމާ، މާރާމާރީތައް އެއްގޮތަކަށްވެސް ނުހިނގަނީއެވެ. ރައީސް އިބްރާހީމް ވެރިކަމށް ވަޑައިގަތްފަހުން މަގެއް މަތިން ކީއްކުރަން ހަމަ އަންހެނެއްގެ ދަބަސްވެސް ޖަހައިނުގަންނަނީއެވެ. އެހާވެސް އަމާނެވެ. އެމަނިކުފާނާ ދެކޮޅަށް ޝުއޫރެއް ފާޅުކޮށްލަން ދޮށީ އުމުރުގެ6 އަންހެނުން ފަހާ ދުވަން މަސްފަލަ ބޮޑެތި މާސިންގާ ފިރިހެނުން ދަނގަޑު ޖަނގިޔާ ލައިގެން ދުވާތަނެއްވެސް މިހާރު ނުފެންނަތާ4 އަހަރު ވަނީއެވެ. ޖަލުގައި ތިބި ގައިދީންވެސް މިހާރު ތިބެނީ އުފަލުން ޖަލުން ގެއަށްދާހިތްވެސް ނުވެފައި ނޫންހެއްޔެވެ؟

ހާރިޖީ މިނިވަންކަން އެންމެ ފުޅާކޮށް ލިއްބައިދެވުނު 5 އަހަރުގެ ގޮތުގައި ރައީސް މަނިކުފާނުގެ މިދައުރު ސިފަކުރައްވަމުން ވިދާޅުވީ ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވިފައިވެސް ވާކަމުގައެވެ. މާތްކަލާކޯއެވެ. މިކަމުގައި ފުރަތަމަ އޮތީ ސޯސަންމަގު އިބްރާހީމީ މިސްކިތް ކުރިމަތީ ހުންނަ ގެއަށް ތުރުކީގެ މަޝްހޫރު ކާޕެޓު ރޯލެއް ވަތް ހާރިޖީ ވަޒީރު މަނިކުފާނުގެ ކުޅަދާނަކަމުގެ ވާހަކައެވެ. ބޭރުގައުމުތަކުން ހިލޭ އެހީ ވަރަށް ހޯއްދަވަައިފިއެވެ. ސިޔާދަތީ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމުގައި ޝާހިދު މަނިކުފާނަކީ މުފައްކިރެކެވެ. ރައީސް އިބްރާހީމަށް އެންމެ ފަސޭހަފުޅީވެސް ކުޑަސިޓީ ހެއްދި ޝާހިދު އާއި ގުޅިވަޑައިގެން ދިވެހީންގެ އަތްދަށުން ރާއްޖެ މިނިވަންކޮށް، އިންޑިއާގެ ޖާސޫސޫންނާއި، ކުލީ ސިފައިންނަށް ހައްގުވާ ރާއްޖޭގެ މިނިވަންކަން ހޯއްދަވައިދެއްވުމެވެ. އެކަމުގައި ރައީސް މަނިކުފާނު ފެނިވަޑައިގަންނަވަނީ ވަރަށް އާދަޔާ ހިލާފު ސްޓޭޓެއް ހިންގަވަމުން އަންނަ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.

ރައީސެވެ. މަނިކުފާނު ތިޔަ ހައްދަވަނީ ހުސް އިތުރުފުޅޭ ބުނާކަށް ނެތީމެވެ. އެކަމަކު ތިޔަ ޒާތުގެ ވާހަކަފުޅުތައް ދައްކަވަނީ ކޮންމެވެސް މީހެއްގެ ތައްޕާހުގައި، ނުވަތަ ބައެއްގެ ދަށުވެފައި ހުންނަވާ ބޭފުޅުންނެވެ. އެއަށް ކިޔާއުޅެނީ އަޅުވެތިކަމެވެ. ތިޔައީ އެއްގޮތަކަށްވެސް އިތުރުފުޅު ހައްދަވާނެ ރައީސެއް ނޫނެވެ. ބޮޑަށް ވައްތަރީ ދަށުވެފައި ހުންނެވުމެވެ. އެހެންވީމާ އަޅުވެތިވެފައި ހުރި މީހަކު މިނިވަންކަން އެބޯތޭ ބުނެފާނެއެވެ.

2 Comments

  1. މިފަހަކައް އައިސް ވެރިކަންކުރި މީހުންގެ ދައުރައްބަލާއިރު ޔާމިނުގެވެރިކަމައްވުރެއް ބިރުވެރި ނާމާން 5 އަހަރެއް ނާދެ.. ރާއްޖޭގެ ތާރީޙްގަ ބޭރުގެ ގުޅުންކަނޑާލައިގެން އުޅެވިދާނެޔޭހިތާ ފުއްޕާފަ ލައްކަކަންކަންކުރި.. ބިރުވެރި ސިޔާސީ މިނިވަންކަންނެތި ރަސްކަލަކު ރަސްކަންކުރާހެން ޔާމިނުގެ 5 އަހަރުނިމިގެންދިޔައީ.. ރަނގަޅުގޮތުގަ ވެރިކަން ނުކުުރެވި ނެގިވޯޓުން ބޮޑުތަނުން ރައްޔިތުންބުނީ ހޯހޯ ޔާމިނެއް ބޭނުމެއްނޫނޭ.. އަނބުރާ ބިރުވެރިކަމައް ދާކައް ބޭނުމެއްނޫނޭ..

  2. ޔާމިނުއައް އޮތީ ހަމަ މާފުށީ ޖަލުކަން ދިވެހިންގެ ގިިނަބަޔަކު ގަބޫލުކުރޭ.. ރިޟްވަތުގެ ކުއް ސާބިތުވެ ހިހާރު ޔާމިނަކީ ޖަލުގެ ހުކުންތަންފީޒުކުރާ ގައިދީއެއް.. ރއްޔިތުންގެ މަދުބަޔަކު ޔާމިނައްތާއިދު ކުރާކަން ވެރިކަމުގަ ހުރެނެގި ވޯޓުން ވަރައްސާފު.. އަމިއްލަ ޕާޓީ ގަނޑުގަ 30000 މީހުން ހަމަނުވާ މީހަކު މާތާއިދު އޮތްކަމައް ބަޔަކުކިޔަސް ރައްޔިތުންނައް ހަގީގަތް އިނގޭ.. ޔާމިނެއް ދެނެއް މިރާއްޖޭގެ ވެރިކަމެއް ނުކުރާނެ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button