ރިޕޯޓް

މިނިވަން ދުވަސް: ތާރީހަށް ކަޅިއެއް

މިނިވަން ދުވަސް އަޅުގަނޑުމެން ދިވެހިން ފާހަގަ ކުރަމުން މިދަނީ 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާ ގުޅިގެންނެވެ.

ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން ޖެހުނީ 1887 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހާއި 23 ވަނަ ދުވަހު،ރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން އާއި ދެމެދު، ކުރެވުނު މުއާހަދާއެއްގެ ދަށުންނެވެ.

އެ މުއާހަދާގައި ވާގޮތުން ރާއްޖެއަކީ، ހާރިޖީ ހުރިހާ ކަމެއް އިނގިރޭސި ދައުލަތް މެދުވެރިވެގެން ހިނގަންޖެހޭ، އިނގިރޭސިންގެ ހިމާޔަތް ލިބިގެންވާ ގައުމެކެވެ. އަދި ރާއްޖޭގެ ރަސްގެފާނަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިފައިވާ މީހަކަށް ވާން ޖެހެއެވެ. އަދި އިނގިރޭސި ދައުލަތަށް ދިވެހި ދައުލަތުން ޖިޒީ ދައްކަން ވެސް ޖެހެއެވެ.

އެ މުއާހަދާއާއި އެއްގޮތަށް ކުރީކޮޅު ދެ ދައުލަތުން އަމަލު ކުރިކަމުގައި ވީނަމަވެސް އިނގިރޭސީން ދިޔައީ މަޑުމަޑުން މުއާހަދާއާއި ހިލާފުވެ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަމުންނެވެ. މީގެ އިތުރުން 1956 ވަނަ އަހަރު ދިވެހި ސަރުކާރުގެ ހުއްދައެއްގެ ދަށުން ވަރަށް ކުޑަކުޑަ ރަމްޒީ ފީއަކަށް ސަތޭކައަހަރު ދުވަހުގެ މުއްދަތަށް އައްޑުއަތޮޅު ގަމާއި ހިތަދޫން 110 އޭކަރު ބިން އިނގިރޭސީން ކުއްޔަށް ހިފިއެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު ދެވަނަ އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 1960 ވަނަ އަހަރުއެވެ. އެމުއާހަދާގައި ރާއްޖެއަކީ މިނިވަން އަމިއްލަ ވެރިކަމެއް ކުރާ ގައުމެއް ކަމުގައި އިނގިރޭސީން އެއްބަސްވެފައިވެއެވެ. އެހެން ނަމަވެސް އިނގިރޭސީން މެދުވެރިވެގެން ނޫނީ ބޭރު ގައުމަކާ ސިޔާސީ ގުޅުމެއް އުފެއްދުމަށް އެ މުއާހަދާއިންވެސް ތަނެއް ނުދެއެވެ.

އިނގެރޭސީންގެ އަތްދަށުގައި ކަޅު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ތާރީހުގެ ތެރެއަށް އެކަން ދޫކޮށް މިނިވަންކަމުގެ ނިދާ ރާއްޖެއަށް އިވިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރުން ގަބޫލުކުރުމުންނެވެ.

އެ ތާރީހީ އެއްބަސްވުމުގައި ސޮއި ކުރެވުނީ ސިލޯނުގެ، ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތުގެ ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button