ޚަބަރުސިޔާސީ

ހަނގުރާމަތީ މަނަވަރަކާއެކު 24 އުޅަނދު އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފި

ހަނގުރާމަމަތީ މަނަވަރަކާއިއެކު އިތުރު 24 އުޅަނދު އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ, ޑްރަގް ޓްރެފިކިންނާއި ނިރުބަވެރިކަމުގެ އަމަލުތަކަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިނގަމުން އަންނަ ހައްސާސް މައްސަލަތަކެއް ކަމަށެވެ. އަދި މިގޮންޖެހުންތަކާއި ކުރިމަތިލުމަށް ރާއްޖޭގެ އެއްބާރުލުން ބޭނުންވާނެކަމަށް ވިދާޅުވެ, މިމަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާއިން ދިވެހިރާއްޖެއަށް ހަނގުރާމަމަތީ މަނަވަރަކާއެކު 24 ވެހިކަލް ދިނުމަށް ނިންމާފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ.

މީގެ އިތުރުން މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ މި ސަރަހައްދުގެ ސަލާމަތާއި ސުލްހަ މަސްލަސްކަން ގާއިމުކުރުމަށް މުހިންމު ގުޅުމެއް ކަމަށާއި, މި ސަރަހައްދަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް, ދީފާއި ކަންކަމުގެ ދާއިރާއިން ދިވެހިރާއްޖެއާއި ގުޅުން ބަދަހި ކުރަން ނިންމާފައިވާ ކަމަށެވެ.

ހަމަ އެހެންމެ މޯދީގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ ވަސީލަތްތައް ގާއިމުކޮށް ދިނުމަށް ނިންމާފައިވާ ކަން އިއުލާންކުރައްވާފައެވެ. މީގެ އިތުރުން މިހާރު އިންޑިއާއިން ދީފައިވާ ކްރެޑިޓް ފެސިލިޓީގެ އިތުރުން އެމްއެންޑީއެފަށް އިތުރުން 50 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިނުމަށް ނިންމާފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މޯދީ އިތުރަށް ވިދާޅުވީ, ފާއިތުވި ތަނުގައި ވެސް ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށް ދިނީ އިންޑިއާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެގޮތުގައި ދެމި އޮންނާނެ ކަމަށެވެ.

ރައީސް ސާލިޙް އިންޑިއާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި އިންޑިއާއާއި އެކު ވަނީ އިތުރު 6 އެއްބަސްވުމެއްގައި ސޮއެކޮށްފައެވެ. މީގެ އިތުރުން މާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅު ގުޅާލާ ”ތިލަމާލެ“ ބްރިޖުގެ އަމަލީ މަސައްކަތް ބޮޑުަވަޒީރު މޯދީ އާއި ރައީސް ސާލިޙް ވަނީ ފައްޓަވައި ދެއްވައިފައެވެ.

4 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button