މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރަން ލަސްވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ރޭ ދަންވަރުގެ ވަގުތެއްގައި ހައްޔަރު ކުރުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ޓުވީޓެއް ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކުރީ ކޯލިޝަންގައި ހިމެނޭ ހައްދުފަހަނަ އެޅި މީހުން ރުއްސުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެފައެވެ.
މިކަމަށް ރައްދުދިނުމުގެ ގޮތުން ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އަދިވެސް، ނާޒިމް ދިފާއު ކުރައްވަމުންދާކަމަށާއި އަދި ނަޝީދު ތުހުމަތު ކުރައްވާ ގޮތުން، ނާޒިމް ހައްޔަރު ކުރެވިފައިވަނީ، ކޯލިޝަންގައި ހިމެނޭ ދީނީ ފަރާތްތަކެއް ހިތް ރުއްސުމަށްކަމަށް ކަމުގައެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ، ރައީސް ނަޝީދު، ކޮއްކޮގެ ދިފާއުގައި ނުކުން ނަވާއިރު އިލްމުވެރިން ހައްޔަރު ކުރެވިފައިވަނީ، ހަގީގަތެއް ނެތް ތުހުމަތުތަކެއް ކޮށްގެން ނަމަވެސް، ނަޝީދު އެ ފަރާތްތަކުގެ ދިފާއުގައި ވަކާލާތު ނުކުރައްވާ ކަމުގައެވެ.
Too little too late. Nazim who allegedly committed homosexuality was free until public outrage. Speaker continues to defend his brother & label his arrest as an act to appease religious parties in govt, while he was clamouring when scholars were arrested on baseless allegations. pic.twitter.com/xLYO0Pt3EE
— Mohamed Jameel Ahmed (@MJameelAhmed) July 28, 2022
ކޮއްކޮގެ ދިފާއުގައި ނަޝީދު ރޭ ކުރެއްވި ޓްވީޓާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އަދި އިނގިރޭސި ބަހުން އެ ޓްވީޓްކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމަކީ އިންސާނީ ހައްގެއް ކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ ސަޕޯޓް ހޯދަން ކަމަށް ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ބުނެ ނަޝީދަށް ފާޑުކިޔާފައެވެ.