ޚަބަރުސިޔާސީ

ރައީސް ސޯލިހު ނޫސްވެރިންނަށް ބިރެއް ނުދައްކާނެ: މަހުލޫފު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޫސްވެރިންނަށް ބިރު ނުދައްކާނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ނޫސްވެރިކަން ކުރަމުން ދާންވީ ކަމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީސް ކައިރީގައި ނޫސްވެެރިން ކުރި މުޒާހަރާއެއްގެ ވީޑިއޯ ހިއްސާކުރައްވައި ދެންމެ ކުރެއްވި ޓުވީޓެއްގައި މަހުލޫފު ވަނީ ވަރަށް ގިނަ ސުވާލުތަކެއް ނޫސްވެރިންނާ ކުރިމަތި ކުރައްވާފައެވެ.

އެގޮތުން އެބޭފުޅާ ކުރެއްވި ސުވާލުތަކަކީ ނޫހެއް ބަންދުކުރިތޯ އާއި، ނޫސްވެރިކަން ކޮށްގެން ހައްޔަރުކުރިތޯ އާއި، ޓީވީ ސްޓޭޝަނެއް ރޯކޮށްލިތޯ އާއި ފޮޓޯ ނެގުން މަނާކުރިތޯ ސުވާލު ކުރައްވާފައެވެ. އަދި ނޫސްވެެރިޔަކަށް ބިރުދެއްކިތޯ އާއި ހަމަލާދިންތޯވެސް އެބޭފުޅާ ސުވާލު ކުރެއްވިއެވެ.

”މިސަރުކާރުން ގައިމުވެސް އެކަމެއް ނުކުރާނެ. ޤާނޫނީއިމުގެ ތެރެއިން މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ. ބިރުގަންނާކަށް ނުޖެހޭނެ. ހަމަގަދަޔަށް ލިޔުއްވާ.“ މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފު މިފަދައިން ވިދާޅުވިއިރު، މަސްދަރު ހާމަ ނުކުރާ ނޫސްވެރިން ޖަލަށް ލެވޭގޮތަށް ރައީސް ސޯލިހު ވަނީ ހެއްކާއި ބެހޭ ބިލަށް އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ކުރައްވާފައެވެ. އެއާއެކު ދިޔަރެސްގެ ނޫންވެރިޔާ އަޒާން ލިޔުނު ހަބަރަކާ ގުޅިގެން މާދަމާ ފުލުހަށް ހާޒިރުވާންވެސް އޭނާއަށް ވަނީ އަންގާފައެވެ. އެކަމަކު ފުލުހުން ބުނާގޮތުގައި އެއީ ޖިނާއީ ތަހުގީގެކެވެ. ފުލުހުން މިހެން ބުންޏަސް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ގަބޫލެއް ނުކުރެއެވެ. މީގެ އިތުރުންވެސް އިދިކޮޅު އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައީސް ސޯލިހުގެ ސަރުކާރުގައި އެކިވަރުގެ އަނިޔާ ލިބި ދެމީހަކު ހައްޔަރުވެސް ކޮށްފައިވެއެވެ. އަނިޔާ ލިބިފައިވާ ނޫސްވެރިންގެ ތެރޭގައި ޗެނަލް 13، ދިޔަރެސް، އަވަސް، ވީޓީވީ، ސަންގު ޓީވީގެ އިތުރުންވެސް އެހެން މީޑިއާގެ ނޫސްވެރިން ހިމެނެއެވެ. ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވަނީ ޗެނަލް 13 ގެ 2 ނޫސްވެރިއެކެވެ.

އެކަމަކު މަހުލޫފު އަންގަވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން އެބައޮތް ކަމުގައެވެ. މަހުލޫފު މިފަދައިން ވިދާޅުވާއިރު މަސްދަރު ހާމަކުރުމުގެ މައްސަލަ ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button