ޚަބަރު

ޕީޕީއެމުން މާދަމާރޭވެސް މަގުމައްޗަށް

ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި ފަރާތްތައް މިނވަންކުރުމަށް ގޮވާލައި މާދަމާރޭވެސް ޕީޕީއެމުން މަގުމަތީ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.

”މިނިވަން ކުރޭ“ ގެ ނަމުގައި ޕީޕީއެމުން ކުރިއަށްގެންދާ މި ހަރަކާތަކީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އެންމެހާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި ކުރިއަށްގެންދާ ހަރަކާތަކެވެ. މި މައްސަލައިގައި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މިކަމާ ގުޅިގެން ޕީޕީއެމްޕީއެންސީ ކޯލިޝަންގެ ހަރަކާތު ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތް ކުރިއަށްދާނީ މާދަމާ ރޭ 08:30 ގައި ޕީޕީއެމް އޮފީސް ސަރަހައްދުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަރަކާތު ކޮމިޓީގެ މެންބަރު އަދި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވިދާޅުވީ, މިއެއްވުމަކީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމުގެ މައްޗަށް ބަޔަކު ވެރިވެގަނެ ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ނުލިބޭނެކަން ކަށަވަރުވާ ހާލަތަށް ގައުމުގެ ހާލަތު ގޯސްވުމާއި ގުޅިގެން އިދިކޮޅަށް ތާއިދުކުރާ ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށާއި, ޔޯގާ ހަރކާތުގައި ހައްޔަރުކުރެވުނު އެންމެހާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާއި އަޑުއުފުލުމަށް ބާއްވާ އެއްވުމެއްކަމަށެވެ.

މީގެ އިތުރުންއަދުލް އިންސާފަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮސްޖެހުމަކީ ރާއްޖޭގެ ދާޚިލީ ވުޒާރާކަމަށާއި, އެ ވުޒާރާގައި ވަޒީރަކަށް މިހާރު ހުންނެވި ބޭފުޅާ ހުއްޓާ ދިވެހިރާއްޖޭގައި އަދުލް އިންސާފު ގާއިމުކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް މަދަނީ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީކޯލިޝަނުން މިދިޔަ ހަފްތާވެސް ވަނީ ޔޯގާ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި އިހްތިޖާޖުކޮށްފައެވެ. އަދި އެޕާޓިީއިން ދަނީ ސިލްސިލާކޮށް މިފަދަ އިހްތިޖާޖުތައް ކުރިއަށް ގެންދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button