ޚަބަރުސިޔާސީ

ސަރުކާރު ރުހޭ ގޮތަށް ކަންކަން ނުވާނަމަ އެފްއޭއެމަށް އެއްބާރުލުން ނުދޭނަން: މަހުލޫފު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސަރުކާރުގެ އެހީއާ އެއްބާރުލުން ލިބޭނީ ސަރުކާރުގެވެސް ބަސް އަހައިގެންކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުޓްބޯޅަ ދާއިރާގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށާއި ކްލަބްތަކުގައި ފުޓްބޯޅަ ކުޅޭ މީހުންނަށް މުސާރަ ނުދީގެން ސޯޝަލްމީޑިއާގައި އެވާހަކަ ދައްކާއިރު، އެފަދަ ވާހަކަ ދައްކާ މީހުން ސަސްޕެންޑް ކުރާ ވާހަކައާއި، ބޭރު ކުޅުންތެރިންނަށް މުސާރަ ނުދީގެން އެމީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރުން ފަދަ ވާހަކަތައްވެސް އަޑު އިވޭކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އާބިޓްރޭޝަން ތަންތަނުގައި ރެފްރީންނަށް މުސާރަ ނުދީގެން ދައުލަތުގެ މައްޗަށް ހުކުމްކުރާ ފަހަރުވެސް އަންނަކަމަށާއި، މި މައްސަލަ ހައްލުކުރުމަށް މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތާއި ގުޅޭގޮތުން މެންބަރު އިލްޔާސް ލަބީބް ވަނީ މަހުލޫފު އާއި ސުވާލުކުރައްވާފައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވެފައިވަނީ ފުޓްބޯޅައިގެ މައްސަލާގައި އޭނާގެވެސް ކަންބޮޑުވުން އެބަ އޮތްކަމަށާއި، މިހާރު އެ ހުންނެވީ ވާނުވާ ބަލަންކަމަށާއި، އޭނާ ނިކުމެ އެފްއޭއެމްއައި ތަޅައިގަތްނަމަވެސް ކްލަބު ތަކުން އެކަމަށް ވޯޓު ނުދީފިނަމަ، އެއްވެސް ނަތީޖާއެއް ނުނިކުންނާނެ ކަމުގައެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ، ކްލަބުތަކުން ބޭނުންވެއްޖެ ނަމަ، މިއަދުވެސް އެފްއޭއެމްއާ ގުޅޭ ކަންކަން ބަދަލުކުރެވިދާނެކަމަށާއި، އެ ބާރު އޮތީ ކްލަބުތަކަށް ކަމުގައެވެ. އަދި ސަރުކާރުން އެފްއޭއެމްއަށް ދޭން ޖެހޭ އެހީތެރިކަމާ އެއްބާރުލުން ދެވޭނީ އެ އެސޯސިއޭޝަނުންވެސް ސަރުކާރުގެ ބަސްއަހައި، ސަރުކާރުން ބޭނުންވާ ގޮތަށް ޕްރޮގްރާމްތައް ކުރިއަށް ގެންދަން އެއްބަސްވާ ކަމަށް ވާނަމަ ކަން މަހުލޫފު ފާހަގަކުރެއްވިއެވެ.

One Comment

  1. އެފްއޭއެމް އަކީ މިނިވަންތަނެއް ސަރުކާރުން ބުނާހާގޮތައް ކަންތައް ކުރަން ޖެހޭތަނެއް ނޫންހެން ހީވަނީ. ހީވާއެއްޗެއް މިލިޔެލީ ހިޔާލީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button