ޚަބަރުސިޔާސީ

ކޯވިޑުގެ ނުރައްކާ ބޮޑުވެ، މަހުލޫފުގެ އަޑުއެހުން ފަސްކޮށް، ރައީސް ޔާމީންގެ އަޑުއެހުން މާދަމާ ބާއްވަނީ!

ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އަޑުއެހުން ފަސްކުރުމަށްފަހު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ރިސޯޓެއްގައި ގޮތުގައި ތަރައްގީ ކުރުމަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އަކާއި ރިޝްވަތު ގަބޫލުކުރެއްވި ކަމަށް ބުނެ ކުރާ ދައުވާއެއްގެ އިބުތިދާއީ އަޑުއެހުން މާދަމާ ފަށާނީ 9:30 ގައެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިމަހުގެ 13 ވަނަ ދުވަހުގައެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ ލިޔެކިޔުންތަކާއެކު ލިބިފައިވާ ސީޑީތަކުގެ އެތެރޭގައި ހުރި ފައިލްތައް ނުފެންނަކަމަށް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ.

ރައީސް ޔާމީން ރިޝްވަތު ދެއްވިކަމަށް ތުހުމަތުކުރާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފު ނައީމްގެ ވަކީލުވެސް ވަނީ ސީޑީތަކުގެ އެތެރޭގައި ހުރި ފައިލްތައް ނުފެންނަކަމަށް އެދުވަހުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ. އަދި ހަމަކުރަންޖެހޭ ލިޔެކިޔުންތައް ދެނެގަތުމަށާއި، ލިޔެކިޔުންތައް ދިރާސާކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްވެސް އޭނާގެ ވަކީލު ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.

ރައީސް ޔާމީންގެ ވަކީލުންވަނީ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިޔުމަށް ޝަރީއަތަށް ހުށަހަޅުއްވާފައެވެ. އެކަމަކު ޔޫސުފް ނައީމްގެ ވަކީލުން ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. މައްސަލަ ބައްލަވާ އިސް ގާޒީ މުހައްމަދު ޝަކީލް ވިދާޅުވީ އެކަމާމެދު ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމުގައެވެ.

މާދަމާ ރައީސް ޔާމީން ކޯޓަށް ހާޒިރު ކުރާއިރު މިނިސްޓަރ މަހުލޫފުގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުވާގެ ޝަރީއަތް ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅު ވުމުން ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމްއިއްޔާއިން ބުނިގޮތުގައި ކޯޓުން ގެންގުޅޭ އުސޫލުގައި ހާމަކަމެއް ނެތެވެ. އަދި އޮންލައިންކޮށް ވީޑިއޯ އާއި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ބޭއްވުމުގެ އުސޫލެއް ކްރިމިނަލް ކޯޓުން އާންމު ކޮށްފައި އޮތް އިރު އެއަށް އަމަލު ނުކުރާތީވެސް އެޖަމްއިއްޔާއިން ކަންބޮޑުވުން ފާޅުކުރިއެވެ. މީގެ އިތުރުން ސަރުކާރުގެ މަގާމެއްގައި ހުރި މީހެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ އުފުލައިފިނަމަ އެމީހަކު މަގާމުން ދުރުކުރާނެ ކަމަށް ރައީސް އޮފީހުން ކުރިން ހާމަކުރި ނަމަވެސް އެއަށް އަމަލު ކޮށްފައިނުވާތީ ޓްރާންސްޕެރެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button