އެމްއެމްޕީއާރުސީގެ ސައްހަ ލިސްޓް ހާމަނުކުރަނީ އެމްޑީޕީގެ ދެ ފެކްޝަންގެ މީހުން ލިސްޓްގައި ހިމެނޭތީތޯ ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ސުވާލު އުފައްދަވައިފިއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ޗެއާޕަސަން ހޮވުމުގެ އިންތިޚާބުގައި ބުނި އެމްއެމްޕީއާރުސީގެ ލިސްޓް އަވަހަށް ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަށާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒުއަށް ގޮވާލައްވާފައެވެ.
މީގެ އިތުރަށް އޭނާ ވަނީ އެމްއެމްޕީއާރުސީގެ ލިސްޓް ހާމަ ނުކުރަނީސް ރައްޔިތުން މިސަރުކާރަށް އިތުބާރު ނުކުރާނެ ކަމުގައިވެސް ވިދާޅުވެފައެވެ.
MMPRC khiyaanaathuge sahha list haama nukuranee MDP ge 2 faction ge meehun ves e list gai himeneytheethoa? MDP ge chairperson hovumuge inthikhaabugai buni list avahah haama kurumah @MohamedNasheed ashaai @faya_i ah govaalan! E list haama nukuranees rayyithun ithubaareh nukuraane!
— Adam Shareef Umar (@Adamshareefz) July 15, 2022
ވެރިކަންކުރާ އެމްޑީޕީ އިން 2018 ގެ އިންތިޚާބުން ފެށިގެން ބޭއްވުނު ކޮންމެ އިންތިޚާބެއްގައިވެސް ވަރަށް ހަރުއަޑުން ބުނަމުން ދިޔައީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދައިދޭނީ އެމްޑީޕީއިން ކަމުގައެވެ.
އެހެންނަމަވެސް އެމްޑީޕީގެ ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރުވެސް އެކި ފަހަރުމަތިން އެމްއެމްޕީއާރުސީގެ ތަފާތު ލިސްޓުތަކެއް ނެރުން ފިޔަވައި މާބޮޑުކަމެއް ކޮށްފައެއްނުވެއެވެ.
މީގެ އިތުރަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މޭސްތިރިކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ލުއިތަކެއް ދިނުމާއި އެ ފައިސާ ބެހުމުގެ ތެރޭގައި އޭގެތެރެއިން 37 މިލިއަން ރުފިޔާ ކުރީގެ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ކަމުގައި ހުންނެވި ރައީސް ސޯލިހަށް އަދީބު ދެއްވިކަމަށް ތުހުމަތުކުރެވިފައިވީނަމަވެސް އެ މައްސަލަވެސް އެއްވެސް އިދާރާއަކުން ތަހުގީގު ކުރަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.