ޚަބަރުސިޔާސީ

”ކޮމާންޑް އެންޑް ކޮންޓްރޯލް“ އަބަދުވެސް އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައި: ރައީސް

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ދިފާޢުކުރުމުގައި، އަބަދުވެސް ’ކޮމާންޑް އެންޑް ކޮންޓްރޯލް‘ އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައި ކަމަށާއި، އެކަން، ދިވެހި އަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމުގައި ވިދާޅުވެ، އެ މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ސިފައިންކަމުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސް ސޯލިހު ވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމްގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖެއަށް ވެސް އެ ނުރައްކާ އޮތްކަން ހާމަކުރައްވާފައެވެެ. އަދި، އެމަނިކުފާނު ވަނީ އެފަދަ ކަންކަމަށް ސަމާލުވާންޖެހޭ މިންވަރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށާއި، ސަބަބަކީ ޒަމާނީ ޓެކްނޮލޮޖީ އާއި މުވާޞަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ އުކުޅުތައް ވެސް އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުން އަންނާތީ ކަމަށް ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސް ސޯލިހު ވިދާޅުވީ އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ހިތްވަރުގަދަ ސިފައިންކަމަށާއި، އެކަމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަމުގައެވެ. އަދި، އެމީހެއްގެ ކެރުމާއި ޤާބިލުކަން ހުރި މިންވަރަކުން ޢަސްކަރިއްޔާގެ ކޮންމެ މީހަކަށް ވެސް މިހާރު ކުރިއަށް ދެވޭނެކަމަށާއި އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް ހަމަހަމަ ފުރުޞަތު ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވޮގޮތުގައި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ފާއިތުވި ދެއަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، ޒަމާނީ ވަސީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެތައް ގުނައެއް މިހާރު ވަނީ އިތުރުކުރެވިފައެވެ. މީގެ އިތުރުން ވެސް ޤައުމުގެ ދިފާޢުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް ހޯދިފައިވާކަމަށާއި، ހަމައެހެންމެ، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ ޢިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުންކަން އެމަނިފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރަޙައްދީ ޞުލްހަޔާއި ހަމަޖެހުން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިކަމުގައި ދިވެހި ޢަސްކަރިއްޔާއިން އަދާކުރަމުން އަންނަ ދައުރު ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button