ޚަބަރު

އާރުޑީސީ އިން އަމީނީމަގު ހެދުމުގެ މަޝްރޫއު ފަށައިފި!

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މާލެ ސިޓީގެ އަމީނީމަގު ހެދުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއު ފެއްޓުމުގެ ގޮތުން ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފައެވެ.

މި މަސައްކަތާއި ހަވާލުވި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފައި ވަނީ އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް އަމީނީ މަގު ބަންދުކޮށްފައިވާ ކަމަށެވެ.

މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެ މަގު ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ އާރްޑީސީއަށް 84 މިލިއަން ރުފިޔާ ދީފައެވެ.

މާލެ ސިޓީ ކައުންސިލް އަތުން މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލާ ޕްލޭނިންގް މިނިސްޓްރީ އާއި ހަވާލުކޮށްފައިވަނީ މިއަހަރުއެވެ. ނަމަވެސް ނިމިދިޔަ ކައުންސިލާއި އާރްޑީސީ އާއި ދެމެދު މަގު ހެދުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި އޭރު ސޮއިކުރެވުނު އެއްބަސްވުމުގެ ސްކޯޕަށް ބަދަލުތަކެއް ގެނެސް 4 ވަނަ ދައުރުގެ ކައުންސިލުން ވަނީ އަލުން އެއްބަސްވުމަށް ގެނެވުނު ބަދަލުތަކާއި އެކު ސޮއިކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން އާރްޑީސީ އާއި ހަވާލުކޮށްގެން އަމީނީ މަގު ހެދުމަަށް ނިންމާފައިވަނީ 39 މިލިއަން ރުފިޔާ އަށެވެ. އެހެންނަމަވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ އެ މަޝްރޫއު މާލެ ސިޓީ ކައުންސިލްގެ އަތުން ނަގައި 84 މިލިއަން ރުފިޔާއަށް އަލުން އާރްޑީސީ އާއި ހަވާލު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button