ޚަބަރު

ރައީސް ޔާމީނުގެ ޖަލުހުކުމާ ދެކޮޅަށް، ކައުންސިލްތަކުން ބަޔާން ނުނެރުމަށް އެލްޖީއޭއިން އަންގައިފި

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ބަޔާންތަކެއް ނެރެފައިވަނިކޮށް، އެލްޖީއޭއިން އެގޮތަށް އަމަލުނުކުރުމަށް ކައުންސިލްތަކަށް އަންގައިފިއެވެ.

ކައުންސިލްގެ ގަރާރުތަކާއި ނިންމާ ނިންމުންތައް ނިންމަންވާނީ، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދާއިރާއިންނާއި މަތިކޮށްފައިވާ ހިދުމަތްތަކާ ގުޅިގެން ކަމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ. މިގޮތަށް އަންގާފައިވަނީ އެ ކައުންސިލްތަކަށް، އެލްޖީއޭއިން ފޮނުވި ސިޓީއަކުންނެވެ. އަދި ޝަރުއީ ކޯޓަކުން ކުރާ އެފަދަ ހުކުމްތަކާ ދެކޮޅަށް ލޯކަލް ކައުންސިލްތަކުން އެގޮތަށް ބަޔާން ނެރުމަކީ ގާނޫނީ ބާރު ފުނޑުފުނޑުކޮށްލުން ކަމަށާއި އެގޮތަށް އަމަލުތައް ބައްޓަން ނުކުރުމަށް އެލްޖީއޭގެ ސިޓީއިން އަންގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން، ބައެއް ކައުންސިލްތަކުން މަސައްކަތްކުރާ ކަމަށާއި ”ގާނޫނުއަސާސީން ދައުލަތުގެ އެއްބާރު ކަމަށް ކަނޑައަޅާފައިވާ އަދުލު އިންސާފު ހިންގުމުގެ ބާރުން ކުރާ އަމުރުތަކަށް ނުވަތަ ހުކުމަކަށް ނުކިޔަމަންތެރިވެ، އެހުކުމް ބަލައިނުގައނެ އެ ހުކުމާ ދެކޮޅަށް ކައުންސިލްތަކުން ބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިދީފައިވާ ގާނޫނީ ބާރެއް ނޫނެވެ. އެއީ ގާނޫނަށް ތަބާ ނުވުމާއި ގާނޫނީ ބާރު މުގުރާލުމުގެ އަމަލެއްކަން“ ފާހަގަކުރާކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ކައުންސިލްތަކުން ނިންމާ ނިންމުންތަކާއި ފާސްކުރާ ގަރާރުތަކަކީ ގާނޫނީ ބާރުގެ ދަށުން އެ ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތަކާއި، ހިދުމަތްތަކާ ގުޅޭގޮތުން ފާސްކުރާ ކަންތައްތަކަށް ހެދުމަށާއި، އެ ބާރުގެ ތެރެއިން މަސައްކަތްތައް ބެހެއްޓުމަށްވެސް މި އެންގުމުގައި އިލްތިމާސްކޮށްފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button