ޚަބަރުސިޔާސީ

އެލްޖީއޭގެ ސީއީއޯ އަފްޝަން އިސްތިއުފާ ސިޓީ ހުށަހަޅުއްވައިފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަޤާމު ފުރުއްވަމުން ގެންދެވި އަފްޝަން ލަތީފު އިސްތިއުފާ ސިޓީ އެލްޖީއޭއަށް ހުށަހަޅުއްވައިފިއެވެ.

މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައި އަފްޝަން އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ވަނީ އެ މަޤާމުގައި ހުންނެވިއިރު އެންމެ އިސްކަމެއް ދެއްވީ ލޯކަލް ކައުންސިލްތަކާއި، ސަރުކާރާއި، ރައްޔިތުންނާމެދު އޮންނަ ގުޅުން ހަރުދަނާކޮށް ލާމަރުކަޒީ ނިޒާމަށް އޮންނަ އިތުބާރު އިތުރު ކުރުމަށް ކަމަށެވެ. އަދި އެލްޖީއޭގެ އެންމެ މުހިންމު އެއް ދައުރަކީ އިސްނަގައިގެން މައްސަލަ ހައްލުކުރުން ކަމުގައި ދެކި، ކައުންސިލްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ މުއައްސަސާ ތަކާއި، މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިކުރާ ފަރާތްތަކާއި ކައުންސިލްތަކާ ޖެހޭ މައްސަލަތައް ޙައްލު ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދީ، އެފަދަ ޙާލަތްތަކުގައި ކައުންސިލްތަކުގެ ޙައްޤު ދިފާޢު ކުރުމަށް ވީހާވެސް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަފްޝަންގެ ސިޓީގައި އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައި ނުވިނަމަވެސް މަޢުލޫމާތު ލިބޭގޮތުގައި އަފްޝަން އިސްތިއުފާ ދެއްވަން ނިންމެވީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ 2 ފެކްޝަންގެ ކޯޅުންގަނޑުގައެވެ.

އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ކެމްޕޭން ވެސް ކުރިއަށް ގެންދަވާފައެވެ. ފަހުން ނަން އަނބުރާ ވަނީ ގެންދަވާފައެވެ.

އަފްޝަން ވަނީ އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވިއިރު މުވައްޒަފުން ބެހެއްޓެވި ގާތްކަމާއި، ދެއްވި އިރުޝާދާ ލަފައަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.

އަފްޝަން އަކީ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރި ވަމުންދާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން އަމްރުގެ އަނބިކަނބަލުންނެވެ. ދާދިފަހުން ޙުސައިން އަމްރުވެސް ވަނީ މަޤާމުން ދުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button