މާލެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ވަދެގަތީ ގާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައި އެ މައްސަލައިގައި ސިވިލް ކޯޓަށް ދާން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ޕްލޭނިން މިނިސްޓްރީ އިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެ މަޝްރޫއު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލު ކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ދާން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ލޯކަލް ގަވާރމެންޓް އޮތޯރިޓީއަށްވެސް އެ މައްސަލަ ހުށަހެޅުމަށް ކައުންސިލުން ނިންމާފައިވެއެވެ.
ސިޓީ ކައުންސިލުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އާއި ހަވާލު ކުރުމަށް ކެބިނެޓުން ނިންމި ކަމަށް ބުނެ އެ މިނިސްޓްރީގެ ސިޓީއެއް މެދުވެރިކޮށް ކައުންސިލަށް އަންގާފައިވާ ކަމުގައެވެ. ސްޓޭޓް މިނިސްޓަރަކު ސޮއި ކުރައްވައި ޕްލޭނިން މިނިސްޓްރީއިން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެގޮތަށް ނިންމި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލް އިހުމާލު ވުމެވެ.
މިކަން ތަފްސީލު ކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ ގާނޫނީ ނިޒާމް އޮންނަ ގޮތުން ޕީއެސްއައިޕީ މަޝްރޫއެއް ކޯޑު ކުރެވޭގޮތް ރައްޔިތުންގެ މަޖިލީހުގެ 85 މެންބަރުންނަށާއި ކެބިނެޓް ވަޒީރުންނަށް އެނގިވަޑައިގަންނަވާނެ ކަމުގައެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި މާލޭގެ މަގު ހެދުން ސިޓީ ކައުންސިލާއި ލިޔެކިޔުމުން ހަވާލު ކުރީ މާލިއްޔަތު ގާނޫނާއި ލާމަރުލަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައި އޮންނަ ބާރާއި، މަސްއޫލިއްޔަތާއި، އިހުތިސާސްތަކުގެ ތެރެއިންނެވެ. މުއިއްޒު ފާހަގަކުރެއްވިގޮތުގައި އެ މަޝްރޫއު ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކި ކުރިކަން ރައީސް އޮފީހުންވެސް އަންގާފައެއް ނުވެއެވެ.
އާރުޑީސީ އާއިއެކު ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ދެން ހަދަންވީ ކިހިނެއްތޯ ސުވާލު ކުރައްވައި މުއިއްޒު ވިދާޅުވީ އެ އެއްބަސްވުން އުވާލާނަމަ، އަމަލު ކުރަންޖެހޭ ކަންކަން އެއްބަސްވުމުގައި ބަޔާންކޮށްފައި ހުރި ކަމުގައެވެ.
މާލެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ވަދެގަތީ ގާނޫނާ ހިލާފަށް: މޭޔަރު https://t.co/pb73dIPZjt pic.twitter.com/KmxvjAceuC
— Bonthi (@BonthiNews) July 4, 2022
މޭޔަރު ވިދާޅުވީ އޮންނަ އުސޫލުން ޕީއެސްއައިޕީ މަޝްރޫއު އަތުލަން ވީ ކަމަށާއި އެކަމަކު ލާމަރުކަޒީ ގާނޫނަށް ފަހުން ގެނައި އިސްލާހުތަކުގެ ސަބަބުން އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.
މޭޔަރު ވަނީ އަމީނީ މަގު ހެދުމަށް އާރުޑީސީ އާއިއެކު ވެފައިވާ އެއްބަސްވުމުގެ ބައެއް ތަފްސީލުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން 1.7 ކިލޯމީޓަރު ހުންނަ އަމީނީ މަގު ހެދުމަށް އެ ކުންފުންޏާއެކު އެއްބަސްވީ 39 މިލިއަން ރުފިޔާއަށް ކަމަށާއި، އެއީ އެ ކުންފުނިން ފައިދާ ލުމަށްފަހު އެކުންފުނިން އަގު ފޮނުވައި، އެއްބަސް ވެވުނު އަގެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު ހަމަ އެމަގު ހެދުމަށް އާރުޑީސީ އަށް 84 މިލިއަން ރުފިޔާ ދިނުމަށް ޕްލޭނިން މިނިސްޓްރީ އިން ނިންމައި އާރުޑީސީއިން އެކަން އިއުލާން ކުރިކަން މޭޔަރު ހާމަކުރެއްވިއެވެ.
އިތުރު 45 މިލިއަން ރުފިޔާ ހިމަނައިގެން މި މަޝްރޫއު ކުރިޔަށް ގެންދިޔުމަކީ ސީދާ ކޮރަޕްޝަންގެ އަމަލެއް ކަމުގައި މޭޔަރު ވިދާޅުވިއެވެ.
މި މައްސަލައިގައި އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވާގޮތުގައި އެ ކުންފުންޏާއި ސިޓީ ކައުންސިލާއި ދެމެދު އެއްވެސް އެއްބަސްވުމެއް ހެދިފައި ނުވާނެއެވެ.
އަމީނީ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީއިން އާރުޑީސީ އާއި ހަވާލު ކުރި 84 މިލިއަން ރުފިޔާގެ މަޝްރޫއަކީ ސިޓީ ކައުންސިލުން އެ ކުންފުންޏަށް 39 މިލިއަން ރުފިޔާއަށް ހަވާލު ކުރި މަޝްރޫއެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމާގުޅިގެން މޫކޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުއިއްޒު އިތުރުފުޅު ހެއްދެވި ކަމުގައެވެ. އަމީނީ މަގު ހަދަން އެއްވެސް އެއްބަސްވުމެއްގައި ސިޓީ ކައުންސިލާއެކު އާރުޑީސީ އިން ސޮއިކޮށްފައި ނުވާކަން މޫކޭ ފާހަގަކުރެއްވިއެވެ.
މާލޭ މޭޔަރު @MMuizzu އެ ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް. އަމީނީ މަގު ހަދަން އެއްވެސް އެއްބަސްވުމެއްގައި ސިޓީ ކައުންސިލާއެކު އާރުޑީސީ އިން ސޮއިކޮށްފައެއް ނުވާނެ. https://t.co/RFlfLdZTdV
— Moosa Ali Manik 🇲🇻 (@VMookey) July 4, 2022
މޫކޭ ވިދާޅުވިގޮތުގައި އަމީނީ މަގު ހެދުމަށް މިނިސްޓްރީއާ އެކު އާރުޑީސީ އިން ސޮއިކޮށްފައި ވަނީ މުޅިން އާ ޕްރޮޖެކްޓެއްގައެވެ. އެއީ ތަފާތު ސްކޯޕެއްގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަރގެ މުޅިން އައު ނިޒާމެއް ގާއިމުކޮށް ޖުމްލަ ހައްލެއް އަމީނީ މަގަށް ގެނައުމަށް ސޮއި ކުރި އެއްބަސްވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މޫކޭ މިފަދައިން ވިދާޅުވުމާގުޅިގެން މުއިއްޒު ވަނީ އޭނާއަށް ރައްދު ދެއްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލާއި އާރުޑީސީއާއި ދެމެދު ހެދި އެއްބަސްވުމުގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަރގެ މަސައްކަތް ކުރުމަށް 4.2 މިލިއަން ރުފިހާ ހިމަނާފައިވާ ކަމުގައެވެ. އަދި އެއީ މުޅި މަޝްރޫއުގެ އަގު ކަމަށްވާ 39 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ މަސައްކަތެއްކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
4.2m included for the storm water and dewatering system in the 39m RDC agreed with MCC. I do not understand why lying so much to cover an obvious truth and deceive the public! pic.twitter.com/fB6p0RQmAm
— Dr Mohamed Muizzu (@MMuizzu) July 4, 2022
މޭޔަރުގެ މި ރައްދާއެކު މޫކޭ ވިދާޅުވީ އެއީ ސިޓީ ކައުންސިލުން އެދިގެން ފޮނުވި އަގެއް ކަމަށާއި އެކަމާގުޅޭ އެއްބަސްވުމެއް އޮތްނަމަ ހިއްސާ ކުރުމަށެވެ. އެއާއެކު އެކި ފަރާތަކުން ވަނީ އެއްބަސްވުމުގައި ސޮއި ކުރި ދުވަހުގެ ފޮޓޯތައް އާންމުކޮށްފައެވެ. އަދި “ބޮންތި” އަށްވެސް ވަނީ މި އެއްބަސްވުމުގައި ކުރަން ނިންމާފައިވާ ކަންކަމުގެ ލިޔުމެއް ލިބިފައެވެ.
އެ ލިޔުމުގައި ވާގޮތުން އެއްބަސްވުމުގައި ސޮއި ކުރެވުނީ 12 މާޗު 2020 ގައެވެ. އަދި މަސައްކަތުގެ އަގު ކަމަށްވާ 39 މިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީއާ ބައްދަލުކުރިކަން އެނގެއެވެ. އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހޭނެކަމަށް މިނިސްޓްރީއިން ބުނެފައިވާކަންވެސް އެ ލިޔުމުން އެނގެއެވެ.
4 ސަފުހާގެ މައްޗަށް ތައްޔާރުކޮށް، އާރުޑީސީއިން ސިޓީ ކައުންސިލަށް ފޮނުވި ކޯޓޭޝަންގެ ކޮޕީއެއްވެސް “ބޮންތި” އަށް ވަނީ ލިބިފައެވެ. އެ ކޯޓޭޝަންގައިވާގޮތުން އަގުގެ %15 އާރުޑީސީއަށް ދައްކަން ޖެހެއެވެ. އަދި މަސައްކަތް ނިންމުމަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.