ޚަބަރުސިޔާސީ

އެއްބަސްވުމާ ހިލާފުވީ ސިޓީ ކައުންސިލުން، ދައުވާ ކުރާނަން: މޫކޭ

މާލެ ސިޓީ ކައުންސިލުން ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ގިނަ އަދަދަކަށް ދައްކަން ޖެހޭ ފައިސާ އެބަހުރި ކަމަށާއި، އެ ފައިސާ ހޯދަން ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރާނެ ކަމުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ހުއްޓާލީ އާރުޑީސީއަށް ސިޓީ ކައުންސިލުން ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ އޮތުމުން ކަމުގައެވެ.

”މާލޭގެ ޕްރޮޖެކްޓްތައް ހިންގުމަށް ކުރަންޖެހޭ ހަރަދުތައް ނުލިބޭ ކަމަށް ވަންޏާ އެ މަސައްކަތެއް ނުކުރާނެ. ކުރިޔަކަށް ނުގެންދާނެ.“ މޫކޭ ވިދާޅުވިއެވެ.

އެކިފަހަރުމަތިން ސިޓީ ކައުންސިލާ މަޝްވަރާ ކޮށްގެން އެކަމަށް ހައްލެއް ނުލިބުނުކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ އޭގެ ފަހުން 7 މަސް ދުވަސް ވެއްޖެ ކަމުގައެވެ. މަސައްކަތުގެ ސްޕީޑު އަވަސްކުރުމަށް އެޑްވާންސަށް ތަކެތި ގެނައުމާއި މުވައްޒަފުން ނެގުމާއި މެޝިނަރީޒް ގެނައިކަން އޭނާ ފާހަގަކުރެއްވިއެވެ.

”އެތަކެތި ބޭނުން ނުކޮށް ހުރެގެން ހަލާކުވުމަކީވެސް ވަރަށް ބޮޑު ގެއްލުމެއް. މިކަހަލަ ބައިވަރު ކަންކަން އެބަހުރި. އެއްބަސްވުމާ ހިލާފު ވީމަ މިކަހަލަ ވަރަށް ގިނަ ގެއްލުން ވި.“ މޫކޭ ވިދާޅުވިއެވެ.

މޫކޭ ފާހަގަކުރެއްވިގޮތުގައި އެއްބަސްވުމުގައި ބަޔާންކުރާ ގޮތަަށް ދެފަރާތުން ވާހަކަ ދައްކައިގެން ހައްލު ނުލިބުމުގެ ސަބަބުން ގާނޫނީގޮތުން އޭނާ އަދާ ކުރަންޖެހޭ ޒިންމާ އޮވެއެވެ.

”އަަޅުގަނޑު ޖަވާބުދާރީ ވާންޖެހޭ ބޯޑެއް އެބައޮވޭ. ޕީސީބީއަށްވެސް ޖަވާބުދާރީ ވާންޖެހޭ. ނުސްވެރިން ސުވާލުވެސް އައްސަވާނެ.“ މޫކޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ސިޓީ ކައުންސިލުން އެއްބަސްވުމާ ހިލާފުވި މައްސަލައިގައި ދައުވާ ކުރަން ވަނީ ނިންމާފައެވެ. މޫކޭ މިފަދައިން ވިދާޅުވިއިރު، ހޯމަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިގޮތުގައި އެ މަޝްރޫއުގެ ބަޖެޓު ހިފެހެއްޓީ ޕްލޭނިން މިނިސްޓްރީއިންނެވެ.

 

ޑރ.މުއިއްޒު އަށް ފާޑުވިދާޅުވަމުން މޫކޭ ވިދާޅުވީ މުއިއްޒުގެ މިނިސްޓަރު ކަމުގައި ހައުސިން މިނިސްޓްރީއިން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހަމައެކަނި ތާރުއަޅަން 75 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމުގައެވެ.

”މެޓީރިއަލްސް އާއި މެޝިނަރީޒް އަށް އެކަނި 75 މިލިއަން ރުފިޔާ އެބައޮތް ދުއްވާލާފަ. އެއީ ލޭބާ ވޯކްސް ނުލާ.“ މޫކޭ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި އެ އަގަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ ޑީވޯޓަރިންނާއި ސްޓޯމް ވޯޓަރ މެނޭޖުމެންޓް ސިސްޓަމް ނުހިމަނައެވެ. ހަމައެކަނި ތާރު ފަށަލައެއް ދުއްވާލަން ކޮންމެ އަކަ މީޓަރަކަށް 3،200 އަށް  ވުރެ ގިނަ ރުފިޔާ ހަރަދު ކުރިކަމަށް މޫކޭ ވިދާޅުވިއެވެ.

އަމީނީ މަގުގެ ބޮޑު މިނަކީ 1.7 ކިލޯމީޓަރުކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ އާރުޑިސީގެ މަސައްކަތް އަގު ބޮޑު ކަމަށް ރައްޔިތުންނަށް ދައްކައިގެން އެ މަސައްކަތް ހުއްޓުވާލުން ކަމުގައެވެ.

އޭނާ ވިދާޅުވީ އެކަމަށް ހައްލު ގެންނަތަން ބައްލަވަން މުއިއްޒުއަށް ކެރިވަޑައިނުގަންނާވަނެ ކަމުގައެވެ. ކެބިނެޓުން ފާސްކޮށް ކުރީގެ ކައުންސިލުން އެކަން ނިންމައިގެން ފެށި އެ މަޝްރޫއަކީ ޕީޕީއެމްގެ މަސައްކަތެއް ނޫން ކަމުގައެވެ.

”ވައްކަން ނުކޮށް މި ބަލަނީ މަސައްކަތް ކުރެވޭތޯ. އަޅުގަނޑުމެން ގެ ހަދާ ޖަގަހަތަކެއް ނަހަދާނަން. އަޅުގަނޑުމެން ވައްކަމެއް ނުކުރަން. ކޮރަޕްޝަން ހިންގި މީހުނަށް ހީވެދާނެ ހަމަ ކަމެއް ކޮށްލާއިރަށް އެއުޅެނީ ކޮރަޕަޝަން ހިންގާށޭ.“ މޫކޭ ވިދާޅުވިއެވެ.

39 މިލިއަން ރުފިޔާއަށް އަމީނީ މަގު ހަވާލު ކުރިމަށް މޭޔަރު ހެއްދެވީ އިތުރުފުޅެއް ކަމަށް މޫކޭ ވިދާޅުވިއެވެ. އަދި އެއީ މީޑިއާ ސްޓަންޓެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫކޭ ވިދާޅުވީ މުޅި މާލެ 13 ސެގްމެންޓަކަށް ބަހާލައިގެން އޮތް މަޝްރޫއެއްގެ އެއްބަސްވުމަށް ގެނައި ބަދަލަކީ އެއްފަހަރާ 11 ސެގްމެންޓުގެ މަސައްކަތް އާރުޑީސީއިން ކުރުމަށް ނިންމުން ކަމުގައެވެ. އޭގެ ކުރިން އޮތީ ކޮންމެ ސެގްމެންޓެއް ވަކިވަކިން ސޮއި ކުރާ ގޮތަށެވެ. އޭނާ އަށް ލިބުނު ދައުވަތަކަށް މޭޔަރާ ބައްދަލު ކުރި ކަމަށާއި، ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ތައްޔާރު ކޮށްދިން ކަމަށް މޫކޭ ވިދާޅުވިއެވެ. އެކަމަކު އެ ހަފްލާއަށް ދިޔައިރު ކުރިން މައުލޫމާތު ދިންގޮތާ ހިލާފަށް ކަންކަން ބަދަލުވެފައިވާ ކަމަށާއި، ޕްރެޒެންޓޭޝަންގައި ސަރުކާރާއި ކުރީގެ ކައުންސިލުން ކޮށްފައި ހުރި މަސައްކަތްތައް ގެއްލުވާލި ކަމަށާއި، ހަމައެކަނި މޭޔަރުގެ ވިސްނުންފުޅަށް އެ ކަންކަން ބިނާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑު އެ ފޮތް ހިފަހައްޓައިގެން ހުއްޓެއް ކަމަކު އަޅުގަނޑާއި މުއިއްޒު އާއި އެކީ ސޮއި ކުރި އެއްވެސް އެއްޗެއް ނޯންނާނެ. އަޅުގަނޑުގެ ހަޔާތުގައިވެސް މުއިއްޒު އާއި އެއްކޮށް އެއް ކަރުދާހެއްގައި ސޮއި ނުކުރަން.“ މޫކޭ ވިދާޅުވިއެވެ.

އެކަމަކު އޭނާ ހަނދާންވާގޮތުގައި އާރުޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ކުރީ ކައުންސިލުންވެސް ރާވާފައިއޮތް ގޮތަށް 11 ސެގްމެންޓް އެއްކޮށް އާރުޑީސީއާއި ހަވާލު ކުރުމަށް ކަން މޫކޭ ފާހަގަކުރެއްވިއެވެ. އަދި އެއީ އާރުޑީސީގެ ޖެނެރަލް މެނޭޖަރު ޝުހާދު ސޮއި ކުރި އެގްރިމެންޓެއް ކަމުގައި މޫކޭ ވިދާޅުވިއެވެ.

”މާކުރިން ސޮއިކޮށް ނިމިފައި އޮތް އެއްޗެއް ގެނެސް އަޅުގަނޑުމެން ފޮޓޯއެއް ނަގާލީ.“ މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވިގޮތުގައި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ކުރިޔަށް އޮތް ތަނުގައި މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް އެކުންފުނިން ބާރު ސްޕީޑުގައި ކުރިޔަށް ގެންދާނެއެވެ.

ސިޓީ ކައުންސިލުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރުޑީސީ އާއި އެ ކައުންސިލާއި ދެމެދު އެއްބަސްވުމެއް އޮތް ކަމަށް މޭޔަރު މުއިއްޒު ވިދާޅުވުމާގުޅިގެން މޫކޭ އަންނަނީ އެއްބަސްވުމެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މޫކޭ ފުރަތަމަ ވިދާޅުވަމުން އައީ އެ ދެފަރާތުގެ މެެދުގައި އެއްބަސްވުމެއް ނެތް ކަމުގައެވެ. އަދި ޕްލޭނިން މިނިސްޓްރީ އާއިއެކު އަލަށް ހެދި އެއްބަސްވުމަކީ ތަފާތު ސްކޯޕެއްގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަރގެ މުޅިން އައު ނިޒާމެއް ގާއިމުކޮށް ޖުމްލަ ހައްލެއް އަމީނީ މަގަށް ގެނައުމަށް ސޮއި ކުރި އެއްބަސްވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫކޭ މިފަދައިން ވިދާޅުވި ނަމަވެސް ސިޓީ ކައުންސިލާއި އާރުޑީސީއާއި ދެމެދު ހިނގާފައިވާ މުއާމަލާތުގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަރގެ މަސައްކަތް ކުރުމަށް 4.2 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އެއާއެކު މޫކޭ މިހާރު ވިދާޅުވަނީ އެއީ ކުރީގެ އެއްބަސްވުމެއް ކަމަށާއި އޭނާ އެ ހަފްލާއަށް ވަޑައިގަތީ ފޮޓޯއެއް ނެގުމަށް ކަމުގައެވެ.

އަމީނީ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީއިން އާރުޑީސީ އާއި ހަވާލު ކުރި 84 މިލިއަން ރުފިޔާގެ މަޝްރޫއަކީ ސިޓީ ކައުންސިލުން އެ ކުންފުންޏަށް 39 މިލިއަން ރުފިޔާއަށް ހަވާލު ކުރި މަޝްރޫއެއް ކަމަށާއި އެ މައްސަލައިގައި ސިވިލް ކޯޓަށާއި، ރައީސް އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ދާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިއަދު ވަނީ ނިންމާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button