ޚަބަރު

މަސްދަރު ހާމަކުރުމާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ކޮށްފި

ސަރުކާރުން ރައްޔިތުންގެ މަޖްލީހަށް ހުށައަޅާފައިވާ ހެއްކާ ބެހޭ ބިލާއި ގުޅިގެން، ނޫސްވެރިން ރައްޔިތުންގެ މަޖްލިސް ކުރިމަތީގައި މުޒާހަރާކުރަން ފަށައިފިއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއިން އިންތިޒާމްކުރި މި މުޒާހަރާ ފަށާފައިވަނީ މިއަދު ހެނދުނު 10:30 ގައެވެ.

ހެއްކާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުގެ ބިލް ހުށައަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ އެވެ. އަދި މި ބިލާއި ގުޅިގެން ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހެއްކާއި ބެހޭ ގަނޫނުގެ 136 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހެވެ.

އެގޮތުން މި އިސްލާހުގައި ވާފަދައިން މަސްދަރުގެ މައުލޫމާތު އާންމުކުރުމުން، އެ މީހަކާއި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށްބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހެއްކާއި ބެހޭ ގާނޫނުގައި މިހާރު ބަޔާންކުރަނީ ވަކި ހާލަތެއްގައި މަސްދަރު ބަޔާންކުރުމަށެވެ. މި މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެއެވެ. އެފަދަ ހާލަތެއްގައި ނޫސްވެރިންނަށާއި، މީޑިއާއަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރަށް އޮވެއެވެ.

މި ބިލާއި ގުޅިގެން ހުރި ކަންބޮޑުވުންތައް މޯލަޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ހިއްސާކޮށްފައެވެ. މިއަދުގެ މުޒާހަރާގައި ނޫސްވެރިން ގޮވާލާފައިވަނީ މި ބިލު ފަސްކުރުމަށާއި، ބިލުގައި ގައުމީ ސަލާމަތް މާނަކުރާގޮތެއް ސާފުކޮށްދިނުމަށާއި، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ބިލްގައި ބަޔާންކުރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button