ޚަބަރުސިޔާސީ

ނާޒިމް ސަރުކާރަށް: ދައުލަތަށް އާމްދަނީ ވައްދަން ކުރެވުނީ ކޮންކަމެއްތޯ؟

މި ސަރުކާރުން ރާއްޖޭގެ އިޤްތިސާދީ ހާލަތު ރައްޔިތުންނަށް ފޯރުކޮށްދެމުން ނުދާ ކަމަށާއި،މިއަދުގެ ސަރުކާރުން ދައުލަތަށް އާމްދަނީއެއް ވައްދަން ކުރެވުނީ ކޮންކަމެއްތޯ ވިދާޅުވެ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ކުރީގެ ހެލްތް މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު ނާޒިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ނާޒިމް މިދަފައިން ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން އާދިއްތަ ދުވަހުގެރޭ ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހި ރާއްޖެ އަކީ ބޭރުގެ އިޤްތިސާދުތަކަށް ބަރޯސާވާ ގައުމެއް ކަމުން މިފަދަ ގައުމެއްގެ ރިޒާވް ރަނގަޅަށް ބެލެހެއްޓިގެން ދިއުމަކީ ވަރަށް މުހިންމުކަމެއް ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ގައުމެއް އަންނަންއޮތް ޖީލަށް ރަނގަޅަށް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ދެކަމަކީ ގައުމެއްގެ އިގްތިސާދު ރަނގަޅަށް ބެލެހެއްޓިގެން ދިއުމާއި، ޒުވާނުންނަށް ރަނގަޅު ފުރުސަތުތަކެއް ލިބި،ޒުވާނުންނަކީ ގައުމާއިގެން ކުރިއަށް ދިއުމުގެ ވިސްނުމާއި ގާބިލްކަން ލިބިފައިވާ ބައެއްކަމުގައިވުން ކަމަށެވެ.

”ގައުމެއް އަންނަންއޮތް ޖީލަށް ރަނގަޅަށް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ދެކަމަކީ ގައުމެއްގެ އިގްތިސާދު ރަނގަޅަށް ބެލެހެއްޓިގެން ދިއުމާއި، ޒުވާނުންނަށް ރަނގަޅު ފުރުސަތުތަކެއް އަބަދުވެސް ލިބި،ޒުވާނުންނަކީ ގައުމާއިގެނެ ކުރިއަށް ދިއުމުގެ ވިސްނުމާއި ގާބިލްކަން ލިބިފައިވާ ބައެއްކަމުގައިވުން.“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ހާލަތު މިއަދުގެ ސަރުކާރުން ޒިންމާދާރު ގޮތެއްގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން ދާކަމަކަށް ގަބޫލު ނުކުރައްވާކަމަށެވެ.

”އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން މިއަދުގެ ސަރުކާރުން ޒިންމާދާރު ގޮތެއްގައި މި މައުލޫމާތު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން ދާކަމަކަށް.“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭ މުހިނުމް މައުލޫމާތު ފޯރުކޮށް ނުދޭ ކަމުގެ ޝަކުވާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެންބަރުންވެސް ކުރައްވާ ކަމަށެވެ.

”މިކަންކަމުގެ މައުލޫމާތު ސަރުކާރުން ފޯރުކޮށް ނުދޭ ކަމުގެ ޝަކުވާ ޚުދު އެމްޑީޕީ މަޖިލިސް މެންބަރުންވެސް ކުރޭ.“ ނާޒިމް ވިދާޅުވިއެވެ.

މިއަދު ފެންނަމުންދަނީ ދުނިޔޭގެ މާލީ އިދާރާތަކުން ތަފާސް ހިސާބު ބޭނުން ކުރައްވައިގެން ދައްކަވާ ވާހަކަތައްވެސް މިއަދުގެ ސަރުކާރުން އަޑު ނާހާ މަންޒަރު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުން މި ހާލަތު ގަބޫލު ނުކުރި ކަމުގައިވިޔަސް އިގްތިސާދީ ތަފާސް ހިސާބުތައް ދޮގު ނުވާނެ ކަމަށާއި، ގައުމުގެ އެންމެ އާދައިގެ މީހާއަށްވެސް އެ ހާލަތު މިއަދު ވަޒަން ކުރެވޭނެ ކަމަށެވެ.

މިދުވަސްވަރަކީ މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ގޮންޖެހުން އޮތް ދުވަސްވަރެއް ކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގޮންޖެހުންތަކާއިއެކު،ދައުލަތެއްގެ ސިފައިގައި މިސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅިފައި ނުވުން ކަމަށެވެ.

ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ލޯނު އަދާ ކުރުމަށް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން އުފެއްދެވި ސޮވެރިން ފަންޑުވެސް ހުސްވުމާއިގާތަށް ގޮސްފައިވާ ކަމަށާއި، މިއީ ވަރަށް ބިރުވެރި ކަމެއް ގޮތުގައި ނާޒިމް ސިފަކުރެއްވެވިއެވެ.

”އިގްތިސާދަށް އިތުރު މަންފާއެއް ލިބެނިވި ކަމެއް ނުކުރެވި،ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށް ހުސްވަމުންދާ ދިއުން އެއީ ވަރަށް ބިރުވެރި ކަމެއް.އޭގެން ވަރަށް ބިރުވެރި ރަނގަބީލެއް އެބަޖަހާ.“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ދުރުވިސްނޭ ތަރައްގީ ގެ ސަބަބުން ދައުލަތަށް އާމްދަނީ ވެއްދޭނެ އެސެޓްތަކެއް އުފެއްދެވި ކަމާއި، މިއަދުގެ ސަރުކާރަށް އެ ބޭނުންކުރަން އެނގިވަޑައި ނުގަންނަވަނީކަމަށެވެ.

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލާއި، ސިނަމާލެ ބްރިޖް އަދި އެއާޕޯޓްގެ އައު ޓާރމިނަލް ފަދަ މުހިންމު މަޝްރޫއު ތަކަކީ ދައުލަތަށް އާމްދަނީ އިތުރު ކުރުމުގެ މަގްސަދުގައި ރައީސް ޔާމީން ބިނާކުރެއްވި ތަންތަން ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ބައިނަލް އަގްވާމީ އެކި ފަރާތްތަކާއި، ދުނިޔޭގެ އިގްތިސާދީ މާހިރުން ކުރައްވަމުންދާ ދިރާސާ ތަކާއި ރިޕޯޓްތައް ސަރުކާރުން ބަލައިނުގަތުމަކީ ބިރުވެރި ކަމެއް ކަމަށާއި، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުތައް ބޮޑުވެ އާމްދަނީއަށްވުރެ އިތުރަށް ޚަރަދުކުރާ މިންވަރު ބޮޑުވަމުން ދިއުމާއެކު ސަރުކާރަށް ޚަރަދު ކުޑަނުކުރެވި، މުދަލާއި ޚިދުމަތުން ނަގާ ޓެކުހުގެ ރޭޓު ބޮޑުކުރުމަށް ޓެކުސްއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާހު އަންނަ އޯގަސްޓު މަހުގެ ކުރީ ކޮޅުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button