ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގްރޫޕް ހައްޖުގެ އަޅުކަމަށް ފުރައިފި

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން 156 މީހަކު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް ހައްޖުގެ އަޅުކަމަށް ފުރާފައިވަނީ ސައޫދީ އެއާލައިނުން ރޭ 23:15 ހާއިރުއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރި 156 މީހުން ހެޔޮ ހާލުގައި މިހާރު ޖިއްދާއަށް ގޮސްފައިވާކަމަށާއި، އަދި މައްކާގައި އެ މީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުންދާކަމަށެވެ.
1443ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 26 ޖޫން 2022 ގައި ސައުދީއަށް ފުރި 156 ހާޖީން ހެޔޮ ހާލުގައި މިހާރު މިވަނީ ޖިއްދާއަށް ޖައްސާފައި
— Maldives Hajj Corporation Limited (@Hajjcorporation) June 27, 2022
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދާމީހުން ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ ޖޫން 26، 29 އަދި ޖުލައި 2 ވަނަ ދުވަހެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އާންމުކޮށް ހުޅުވައިލައިގެން ގުރުއަތުން ހޮވުނު މީހުންނަށް ވަނީ ދީފައެވެ.
މިއަހަރު ހުރިހާ ހައްޖާޖީންވެސް ހައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައިއެވެ.