ޚަބަރު

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މާދަމާ ފުރާވަޑައިގަންނަވަނީ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސަޢޫދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. ބާކީ 100 ކޯޓާއަށް އާންމުކޮށް ވަނީ ހުޅުވާލައިފައެވެ.

ސައޫދީ ޢަރަބިއްޔާއިން ނިންމާފައިވަނީ 1 މިލިއަން މީހުންނަށް ޙައްޖުވުމަށް ފުރުޞަތު ދިނުމަށެވެ. އަދި އެއިން 85 އިންސައްތައަކީ ސަޢޫދީ ޢަރަބިއްޔާއިން ބޭރުން އެ ޤައުމުން ޙައްޖަށް ދާ މީހުން ކަމަށްވެސް ސަޢުދީ ސަރުކާރުންވަނީ ކަނޑައަޅާފައެވެ.

އާންމުކޮށް ދިވެހިރާއްޖެއަށް ކޮންމެ އަހަރަކުވެސް 1،000 ހައްޖު ކޯޓާ ސައުދީ ޢަރަބިއްޔާއިން ދެއެވެ. އަދި ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސައުދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވުމުގެ ސަބަބުން އިތުރު 1،000 ކޯޓާއާއެކު ޖުމްލަ 2،000 ކޯޓާ އެ ޤައުމުން ދިވެހިރާއްޖެއަށް ދިނެވެ.

ކަލަންޑަރުން ދައްކާގޮތުން މި އަހަރު ޙައްޖު ދުވަހަކީ ޖުލައި މަހުގެ 7 ވަނަ ދުވަހެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button