ރިޕޯޓް

ޔޯގާ ހުއްޓުވުމަށް ހިންގި އިހުތިޖާޖު ހަމަނުޖެހުމަކަށްވީ ފުލުހުންގެ ޒިންމާ އަދާ ނުކުރެވުމުން: އިލްމުވެރިންގެ ގުޅުމުގެ ރިޕޯޓު

21 ޖޫން ވީ އަންގާރަ ދުވަހު ބައިނަލް އަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިންޑިއާ ހައިކޮމިޝަނާއި، އިންޑިއަން ކަމްޗަރަލް ސެންޓަރުން އިންތިޒާމުކޮށް ޔޫތް މިނިސްޓްރީއިން ރާވާ ހިންގި ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން އުފެދުނީ ފުލުހުން އަމަލުކުރި ގޮތުން ކަމަށް އިލްމުވެރިންގެ ގުޅުމުން ވަނީ ބުނެފައެވެ.

މިކަން ހާމަކޮށް އިލްމުވެރިންގެ ގުޅުމުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެދުވަހުގެ އިޙްތިޖާޖު ކުރިއަށް ގެންދެވުނީ ޔޯގާ އަޅުކަމުގެ ކަންކަމާ މެދުގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ޢާއްމުންގެ އެތައް ބަޔަކުއިންކާރުކޮށް އެކަމާ މެދުގައި ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓުވައި ދެއްވުމަށް އެދި ޢިލްމުވެރިންގެ ފަރާތުންނާއި ދީނީ ޖަމްޢިއްޔާތަކާއި އަމިއްލަ ފަރުދުންގެ ޙައިޘިއްޔަތުން ނަޞޭޙަތްތެރިވެ އިލްތިމާސްކޮށް ކަމާބެހޭ މުއައްސަސާތަކުގައި އެދުމުން ވެސް އެކަމަށް އެއްވެސް ޢިޖާބައެއް ނުދެއްވައި އެކަން ކުރިއަށް ގެންދިއުމަށް ނިންމުމުގެ ސަބަބުންކަމަށެވެ. 

އަދި އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޒުވާނުންގެ ބަޔަކު އިންތިޒާމުކޮށްގެން ޞުލްޙަވެރި އިޙްތިޖާޖެއް ކުރިއަށް ގެންދަން ރޭވުމުން، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން ދެ ބޭފުޅަކު ބައިވެވަޑައިގަންވަން ބޭނުންފުޅުވަޑައިގެން އެކަމުގެ ވިސްނުންފުޅު އެހެނިހެން ދީނީ ޢިލްމުވެރިނާ ހިއްސާ ކުރެއްވި ކަމަށް މި ރިޕޯޓުގައި ވެއެވެ. އަދި އެހިސާބުން އެކަން އިންތިޒާމު ކުރެވިގެން ދާގޮތް އޮޅުން ފިލުވުމަށްޓަކައި ޢިލްމުވެރިންގެ މެދުގައި ވަރަށް ސީރިއަސްކޮށް ބަޙުޘްކުރެވުނު ކަމަށް ބުނެފައިވެއެވެ. 

ނަމަވެސް، އެއީ ޞުލްޙަވެރި ޝުޢޫރުފާޅު ކުރުމެއް ކަމަށާއި އެ ޙަރަކާތް ގޯސްވެގެން ހިނގައިދާނެ ފުރުޞަތުތައް މުޅިންހެން ބަންދުކުރެވޭނެ ކަމުގެ ޔަޤީންކަން އެ އިޙްތިޖާޖު އިންތިޒާމު ކުރާޒުވާނުންގެ ފަރާތުން ލިބިފައިވާ ކަމުގައި އެބޭފުޅުންގެ ފަރާތުން ޔަޤީންކަން ދެއްވިކަމަށާއި، އަދި އެކަމުގައި ބައިވެރިވަޑައިގަންނަވަން ބުރަވެވަޑައިގެންނެވި ދެ ޢިލްމުވެރިން ނިންމެވީ، އެތަނުގައި އެޙަރަކާތް ޞުލްޙަވެރިކަމާއެކު ގެންދެވޭނެ ކަމުގެ ފުރުޞަތު އޮތްކަމަށާއި، އެއްވެސް ހަމަނުޖެހުމެއް ހިނގަން ފުރުޞަތު ނުދީ އިޙްތިޖާޖު ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމަށާއި، އެޙަރަކާތްހަމަނުޖެހުމަކަށް ދާނެ ފަދަ އެއްވެސް ކަމެއްގެ ހިލަމެއް ކިރިޔާވެސް ވެއްޖެނަމަ، އެހިނދުން އެކަމެއް މަތަކުރުމަށް ފަހު، އިޙްތިޖާޖު އެހިސާބުން އެއްކޮށް ހުއްޓާލުމަށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. 

އަދި އިހްތިޖާޖުގެ ކުރިން ޔޯގާއަކީ އިސްލާމީ ޝަރީއަތާއި ފުށޫއަރާ ކަމަށް ވީހިނދު، ރަސްމީ ގޮތެއްގައި އެކަން ދިވެހި އިސްލާމީ ފަސްގަނޑުގައި ސަރުކާރުގެ ބައިވެރިވުން އޮވެގެން ފާހަގަކުރަން ތައްޔާރުވަމުން ދާތީ، ދީނީ ޢިލްމުވެރިންގެ ފަރާތުން، ސަރުކާރުގެ ކަމާބެހޭމުއައްސަސާތަކަށް، އެކި ޙައިޘިއްޔަތުން އެކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ އެކަން ހުއްޓުވައިދިނުމަށް އެދިފައިވާނެ ކަމަށާއި، ނަމަވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެކަމާގުޅިގެން ހިލަމެއް ވެފައިނުވާކަމަށް އެޖަމުއިއްޔާއިން ބުނެފައިވެއެވެ. 

އަދި އެދުވަހުގެ އިހްތިޖާޖު ކުރިއަށް ގޮސް، ހޫނުވަމުން ދިޔަ މައިދާން ހަންމަތަ ކުރެއްވުމުގައި ފުލުހުންގެ ފަރާތުން އެކަށީގެންވާ މިންވަރަށް ޙަރަކާތްތެރި ވާތަން ފެނިގެން ނުދިޔަކަމަށާއި، ވީޑިއޯތަކުގެ އިތުރުން އެ އިހްތިޖާޖުގައި ބައިވެރިވެވަޑައިގަތް ޝެއިޚުން ފަހުންބަޔާންކޮށްފައިވާ ވާހަކަފުޅުތަކުން އެކަން ފާހަގަވި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެތަނުގެ ކޮންޓްރޯލް މުޅިން ގެއްލި ގަލޮޅުދަނޑުގެ ތެރެއަށް ބައެއް ޢާއްމުން ވަދެ، އެތަނުގައި ތިއްބެވި ޑިޕްލޮމެޓުންނާއި ހަމައަށް އެމީހުންދަންދެން ވެސް މާބޮޑު ސަލާމަތީ ފިޔަވަޅެއް އަޅާފައިނެތްކަމަށާއި، އެމީހުން ހުއްޓުވަން އެހިނދުން ވެސް ހަރުދަނާ ފިޔަވަޅެއް އެޅުމެއް ނެތި އެހުރިހާ ކަމެއް ހިނގާފައިވާ ގޮތަކީ، އެކަމާމެދު ގިނަ ސުވާލުތައްއުފެދިގެން ދިޔަ ކަމެެއް ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން މިރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދައުލަތުގެ ޒިންމާގެ ދަށުން އިސްލާމީ ޤައުމުތަކަށް ވަންނަ ބޭރުގެ ފަރާތްތަކަށް ދޭންޖެހޭ ޙިމާޔަތް ދިނުމަކީ އެ ދައުލަތުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމުގައިވާއިރު، އެވަގުތު އެކަންފެނިގެން ނުދިޔަކަމީ ޔޯގާއާ ދެކޮޅަށް ޞުލްޙަވެރިކަމާއެކު އިޙްތިޖާޖު ކުރަން ބޭނުންވެގެން އެއްވި މީހުން ޖަޒުބާތުގައި ޖެހި، ހަމަނުޖެހުމަކަށް ދާން މަގުކޮށެމުން ދިއުމަށް މެދުވެރި ކުރުވިސަބަބެއް ކަމަށް ބުނެފައިވެއެވެ. 

އަދި ދިވެހި ލޮބުވެތި ފަސްގަނޑުގައި ހިނގަމުންދިޔަ އަދި ޢާންމުވެގެން ހިނގައިދާނެ ޔޯގާގެ ނުރަނގަޅު ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ކުރަމުން ދިޔަ ޞުލްޙަވެރި އިޙްތިޖާޖު، ހަމަނުޖެހުމަކަށް ފުރޮޅިގެންދިއުމުގެ ސަބަބުން، އެތަނުގައި އުޅުއްވި ނަމަވެސް އެތަނުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެއްވެސް މިންވަރަކަށް ބައިވެރިވެވަޑައިގެންފައިވާކަން އެނގެން ނެތް، ދީނީޢިލްމުވެރިން ހައްޔަރު ކުރުމުގައި ކަންކުރެވިގެން ދިޔައީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭ ފަދަ ގޮތަކަށް ނޫންކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ހައްޔަރުކުރެވުނު އިލްމުވެރިން ހައްޔަރުކުރުމުގައި ފުލުހުންގެ ތަޙުޤީޤަކަށް ޙާޟިރުވާން އެންގުމުގެ ބަދަލުގައި، ފިލައިގެން އުޅޭ ބޮޑެތި މުޖުރިމުން ފަދައިން، ހިފައި ހައްޔަރު ކުރާ ބީދައިން، ފަހަތަށް ބިޑިއަޅުވައިގެން ގެންދިއުމާއި، އެބޭފުޅުންގެތުއްޕުޅު ބޭފުޅުންނާއިއެކު ހުންނަވަނިކޮށް، އަދި މިސްކިތު ޖަމަޢާތަށް ނަމާދަށް ދާ ވަގުތުގައި އެކަމަށް ވެސް ފުރުޞަތު ދިނުމެއް ނެތި، ދީނީ ވާޖިބަށް ހުރަސް އެޅޭގޮތަށް، އަދި ކުޑަކުއްޖަކަށްނަފްސާނީ ބޮޑެތި ބިރުވެރިކަމާއި ގެއްލުން ވާފަދައިން އެއްވެސް ކުލުނެއް ނެތް ފަދަ ގޮތަކަށް، ޢަމަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައާއި ބައިނަލްއަޤުވާމީ އަދި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައިކުޑަކުދިންނަށް ދީފައިވާ ރައްކާތެރިކަމަށް ވެސް ފަރުވާލެއް ނެތި އެ ހުރިހާ އުޞޫލަކާ ދެކޮޅަށް ސަރުކާރުގެ ފަރާތުން ހިންގިފައިވާ އިހާނެތި ޢަމަލެއް ކަމަށް މި ބަޔާނުގައި އެޖަމުއިއްޔާއިން ވަނީ ބުނެފައެވެ. 

ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި މިހާތަނަށް 20 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށއފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުނަށް 45 ދުވަސް އަދި 60 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރިވިސްއިން ބުނެފައިވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ އިދާރާގެ ސީރިއަށް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގުކުރަމުން އަންނަކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button