ހައްޖުވެރިން އެނބުރި އައުން މިމަހު 20 އިން ފެށިގެން
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދިޔަ ހައްޖާޖީން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެނބުރި އަންނަން ފަށާނެއެވެ.
މި އަހަރު ރާއްޖޭން ހައްޖަށް ދިޔައީ 453 މީހެކެވެ. ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް ހައްޖު ކޯޕަރޭޝަން އިން ވިދާޅުވެއެވެ. އަދި އެ ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ދިޔައީ، ސަރުކާރުގެ ހައްޖާއި އުމުރާ ކުންފުނި ކަމަށް ވާ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. މި އަހަރު ހައްޖަށް ދިޔަ މީހުން ސައުދީ އަށް ފުރީ ތިން ގްރޫޕަކަށެވެ. އަދި އެނބުރި އަންނާނީ ވެސް ތިން ގްރޫޕަކަށް ބަހާލާން މިމަހުގެ 20، 23 އަދި 27 ގައި ކަމަށް ހައްޖު ކޯޕަރޭޝަން އިން ވަނީ ބުނެފައެވެ.
މި އަހަރު ރާއްޖޭގެ އަމީރުލް ހައްޖަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވިއެވެ.