ޚަބަރު

ހައްޖުގެ އަޅުކަމުގައި ދެން ބައިވެރިވެވޭނީ އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް

ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ހައްޖުގެ އަޅުކަމާބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާގެ ބައެއް މަސްއޫލިއްޔަތުތައް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާކަން ހާމަވެއްޖެއެވެ.

އެގޮތުން ފަހުން މިގެނެވުނު ބަދަލުތަކާއި ގުޅިގެން ހުޅަނގުގެ ގައުމުތަކުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ ފަރާތަކުން އެފަރާތެއްގެ ގައުމުގެ ހައްޖު ގްރޫޕުތައް މެދުވެރިކޮށް ހައްޖަށް ދިޔުން މިހާރު ވަނީ މަނާކުރެވިފައެވެ.

އޭގެ ބަދަލުގަައި ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔުމަށް އެދޭ ފަރާތްތަކުން މިހާރު އެކަމަށް އެދެން ޖެހެނީ ސައުދީގެ މުތައްވިފް ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ހައްޖަށް ދިޔުމުގެ ފުރުސަތު ލިބެނީ، އެކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށެވެ.

މި ޕޯޓަލް ބެލެހެއްޓުމާއި، ހައްޖަށް ދިޔުމަށް އެދި ހުށައަޅާ ފަރާތްތަކުގެ މައުލޫމާތު ބަލައިގަތުމާއި ޕްރޮސެސް ކުރުން ހަވާލުކޮށްފައިވަނީ ދުބާއީގައި ގާއިމްކޮށްފައިވާ އިންޑިއާގެ ހިއްސާ އެކުލެވޭ ކުންފުންޏެއް ކަމަށްވާ “ޓްރެވީޒީ” ކުންފުންޏާއެވެ. މި ކުންފުނީގެ ހިއްސާގެ ބޮޑުބައެއް ނިސްބަތްވަނީ އިންޑިއާގެ ދެކުންފުންޏަށެވެ.

މި ފާހަގަކުރި ދެ ކުންފުނީގެ ތެރެއިން އެއް ކުންފުންޏަކީ އިންޑިއާގެ “އެކްސެލް” ކުންފުންޏެވެ. އެކްސެލް ކުންފުނީގެ ބާނީ ޕްރަޝްނަންތް ޕްރަކާޝް އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ މިއަހަރުގެ ހައްޖު މޫސުމުގެ 04 ވަރަކަށް މަސްކުރިން ކަމަށް ސައުދީގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ހައްޖުގެ އަޅުކަމާއި ގުޅޭ ކަމެއްގައި މިފަދަ ބޮޑު ބާރެއް އިންޑިއާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ދިނުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ ސައުދީ ސަރުކާރަށް އަމާޒުވެފައެވެ.

މިކަމާ ގުޅޭގޮތުން ސައުދީ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައުނުވާއިރު، ގިނަ ބަޔަކު ފާހަގަކުރަމުންދާ ގޮތުގައި މިއީ ހައްޖުގެ އަޅުކަން އިންޑިއާގެ އަތްދަށަށް ވައްޓާލުން ފަދަ ކަމެކެވެ. އަދި އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީއިން މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއެކު، މުސްލިމުންގެ އެންމެ މަތިވެރި އަޅުކަމުގެ ބާރު އިންޑިއާގެ ކުންފުންޏަކަށް ދިނުމަކީ މުސްލިމުންނަށް ދިން އަނިޔާއެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ސައުދީ ސަރުކާރުން ބުނެފައިވަނީ، މި ބަދަލަކީ ހައްޖުގެ އަޅުކަމުގެ ނަމުގައި މަކަރާއި ހީލަތް ހެދުން ހުއްޓުވުމަށް ގެނެވުނު ބަދަލެއް ކަމަށެވެ. އެހެން ނަމަވެސް ބަޔާންވެދިޔަ ކަންކަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި ސަބަބެއް ސައުދީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

One Comment

  1. އެހުންނަނީސަރކާރުގެ ނާގާބިލުކަމާވިްނުން ކޮށިކަން ގައުމުދެކެއެއްވެސްލޯބެއްވެސްނެތީ ދިވެހންނަންއެއްޗެް ލިބެންނޭދޭތީ އދިއިސްލާމް ގައުމެއްވެސްނޫނޭ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button