ފުލުހުން ގެ އިންޓެލިޖެންސް މަސައްކްތްކުރަނީ އިންޑިއާ އެންބަސީއިން މައުލޫމާތުދޭ ގޮތަށް ކަމަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރުގެ ކައުންސިލް މެންބަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް މަސައްކްތްކުރަނީ އިންޑިއާ އައުޓް ގޮވާ މީހުން ހައްޔަރުކޮށް ފްރޭމް ކުރުމަށް ކަމަށާއި، އާންމުން ހައްޔަރުކުރުމަށް ބޭނުންވާ އަމަރުތައް ނެރެނީ އިންޑިއާ އެންބަސީއިން ދޭ މައުލޫމާތުގެ މައްޗަށް ތައްޔާރުކުރާ ރިޕޯޓަކުން ކަމަށެވެ.
ޝަކީލް މިފަދައިން ވިދާޅުވީ ފާއިތުވެދިޔަ ހަފްތާ ރައްޔިތުންގެ މަޖްލީހުގެ ބައެއް މެމްބަރުންކަމަށް ޝައްކުކުރެވޭ ބަޔަކާއި، އަދި އިތުރު ފަރާތްތަކެއް ހިމެނޭގޮތުން އެއްޖިންސުން ގުޅުން ހިންގައި، ބަރަހަނާ ހާލުގައިވާ ފޮޓޯ އާއި ވީޑިއޯތަކެއް އާންމުވުމުންވެސް، އެކަމަށް ފުލުހުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީއެވެ.
މިފަދަ ގިނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، މި ވީޑިއޯތަކުން ފެންނަ 2 މީހަކު ފިޔަވައި އިތުރު މީހަކު ފުލުހުންގެ އިދާރާއަށް އަދި މިހާތަނަށް ހާޒިރުކޮށްފައެއްވެސް ނުވެއެވެ.
އެގޮތުން ރައްޔިތުންގެ މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯއާއި ގުޅިގެން، ނާޒިމާއި، އެވީޑިއޯއިން ދެން ފެންނަ އެމްޑީ އަލަމްގިރި ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، އަލަމްގިރި ފުރުން ވަނީ މަނާކޮށްފައެވެ.
އެހެން ނަމަވެސް ދެން އާންމުވި ވީޑިއޯތަކާއި ގުޅިގެން ފިޔަވަޅެއް އެޅިފައިނުވާއިރު، އިންޑިއާ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ކުރިއަށްގެންދިޔަ ޔޯގަ ހަރަކާތް ހުއްޓުމުގެ މައްސަލައިގައި މިހާތަނަށް ވަނީ 20 އަށްވުރެ ގިނަމީހުން ހައްޔަރުކޮށްފައެވެ. އަދި އިންޑިއާ އައުޓް ހަރަކާތުގެ ބައެއް ބައިވެރިން މިހާރުވެސް ބަންދުގައި އެބަތިއްބެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުންގެ އިދާރާއިން ދަނީ، އިންޑިއާއާއި ގުޅުންހުރި ހުރިހާ މައްސަލައެއްހެން ބާރު ސްޕީޑުގައި ބަލައި ތަހުގީގުކޮށް، ފިޔަވަޅުއަޅަމުންނެވެ. އެހެން ނަމަވެސް ސަރުކާރުގެ ބައެއް އިސްވެރިން ކަމަށް ލަފާކުރެވޭ ބަޔަކު އެއްޖިން ގުޅުންހިންގާތަން ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އެކަމާ މާބޮޑު އަޅާލުމެއް ބަހައްޓާތަނެއް ނުފެނެއެވެ.