ޚަބަރުސިޔާސީ

އާރަށު މައްސަލައިގެ ލިޔެކިޔުންތައް ބަލަން ވަގުތު ނުދޭކަން ރައިސް ޔާމީންގެ ވަކީލުން ފާހަގަކޮށްފި

ކުރީގެ ރައީސް އަދި އިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އަނެއްކާވެސް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އަކާއި ރިޝްވަތު ގަބޫލުކުރެއްވި ކަމަށް ބުނެ ކުރާ ދައުވާއެއްގެ ލިޔެލިޔުންތައް ބަލަން ވަގުތު ނުދޭކަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ފާހަގަކުރައްވައިފިއެވެ.

ރިސޯޓެއްގައި ގޮތުގައި ތަރައްގީ ކުރުމަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާ މި ދެ ދައުވާގެ އިބުތިދާއީ އަޑުއެހުމެއް މިއަދު 13:30 ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ. އަދި އެ މައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް ރައީސް ޔާމީންގެ ވަކީލުންނާ ހަވާލު ކުރީ އަޑު އެހުން ފެށުމުގެ 1 ގަޑިއެއްހާއިރު ކުރިންނެވެ. މިކަމާގުޅިގެން ވަކީލުން ވިދާޅުވީ، އެއީ ލިޔެކިޔުން ދިރާސާކޮށް، ހުރިހާ ލިޔެކިޔުމެއް ހަމަތޯ ބެލުމެއް އެކަށީގެންވާ ވަގުތެއް ނޫންކަމުގައެވެ.

މި މައްސަލާގައި ރައީސް ޔާމީން ރިޝްވަތު ދެއްވިކަމަށް ތުހުމަތުކުރާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފު ނަޢީމްވަނީ 4 ހަފުތާގެ މުހުލަތަކަށް އެދިވަޑައިގެންފައެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ޝަކީލު އޭނާއަށް ދެއްވާފައިވަނީ 10 ދުވަހުގެ މުހުލަތެކެވެ.

ދެން މި މައްސަލައިގެ އަޑު އެހުމެއް އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުގައެވެ. އަދި މި މަހުގެ 27 ވަނަ ދުވަހުވެސް އަޑުއެހުމެއް އޮންނާނެއެވެ. 13 ވަނަ ދުވަހު އޮންނަ އަޑުއެހުމަކީ ހައްގުތައް ކަށަވަރުކުރުމާއެކު ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button