ޚަބަރުސިޔާސީ

އައު އަހަރަށް މޭޔަރު މުއިއްޒުގެ މުހިންމު މެސެޖުތަކެއް!

އައު އަހަރަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒުގެ މުހިންމު މެސެޖުތަކެއް މާލޭގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ފެށުނު އައު އަހަރުގެ މުނާސަބަތާ ގުޅިގެން މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނީ ސިޓީ ކައުންސިލްގެ ސިޔާސަތާއި ސަރުކާރުގެ ސިޔާސަތު އެއްގޮތް ކުރެވިގެން ކަމުގައެވެ. އެގޮތުން މޭޔަރު ފާހަގަކުރެއްވިގޮތުގައި މާލޭގެ ރައްޔިތުންނަށް ގޯތި ގެދޮރު ލިބޭނެގޮތަށް ގުޅިފަޅުގެ ޕްލޭން ސަރުކާރުން ބަދަލު ކުރަން ޖެހެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ތަރައްގީ ކުރި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަގު ބޮޑުކޮށް ސަރުކާރުން ބިން ވިއްކާނަމަ، އެއަށްވުރެ ބޮޑަށް މާލޭގެ އާންމު ރައްޔިތުންނަށް އިސްކަން ދީގެން ގޯތި ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުމަށް މޭޔަރު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

މުއިއްޒު ވިދާޅުވީ މި އަހަރުގެ ނިޔަލަށް މާލޭގެ މަގުތައް ހެދުމުގެ 50 އިން ސައްތަ މަސައްކަތް ނިންމުމަކީ ސިޓީ ކައުންސިލްގެ އަމާޒު ކަމުގައެވެ. މާލެ ފެހިކުރުމުގެ ގޮތުން ސިޓީ ކައުންސިލުން މިމަހުގައި ފެށި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް މުޅި އަހަރަށް ބަހާލައިގެން ކުރިޔަށް ގެންދަވާނެކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މާލޭގެ އާންމު ސަރަހައްދުތަކާއި މަގުތަކުގައި ހިލޭ ވައިފައި ބޭނުން ކުރެވޭ ނިޒާމް ގާއިމްކުރުމަށް ކުރެވޭ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށުމަށް ޕްލޭން ކުރެވިފައިވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

”ހަމަ އެއާއެކީ ރަމަޟާން މަސް އަންނަންވާއިރަށް، އަޅުގަނޑުމެން އުންމީދު މިކުރަނީ، މާލޭގެ ހުރިހާ މިސްކިތްތަކެއްގެ އެތެރެއާ ބޭރަކީ ރައްކާތެރިކަމުގެ ގޮތުގައި މޮނިޓާ ކުރެވޭ ސީސީޓީވީގެ ނިޒާމެއްގެ ދަށުން އެކަން ކުރެވޭނެ ދުވަސްތަކެއްގެ ގޮތުގައި ވެގެން ދިއުން.“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވިގޮތުގައި މާލޭގެ އެހެނިހެން ސަރަހައްދުތަކުގައިވެސް ކެމެރާ ހަރުކުރުމުގެ އިތުރު ފިޔަވައްސެއް ސިޓީ ކައުންސިލުން ކުރިޔަށް ގެންދާނެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ މުއިއްޒު ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button