ޚަބަރުސިޔާސީ

ދައުލަތުން ކުދި އަދި މެދު ވިޔަފާރިތަކަށާއި ކުންފުނިތަކަށް ދޭން ޖެހޭ 568 މިލިއަން ރުފިޔާ ނުދީ، ދަރާފައި!

ދައުލަތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ދޭންޖެހި ނުދެވި ހުރި 568 މިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ދައުލަތުން އެކި ފަރާތްތަކަށް ދޭންޖެހި ނުދެވި ހުރި ފައިސާގެ އަދަދާ ގުޅޭ ގޮތުން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ކުރެއްވި ސުވާލަކާއި ގުޅިގެން، ފާއިތުވި ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ދައުލަތުގެ އެކި އިދާރާތަކަށް އެކި މަސައްކަތްތައް ކޮށްދީފައިވާ ފަރާތްތަކަށް ދޭންޖެހޭ 568 މިލިއަން ރުފިޔާ ނުދީ އެބަހުރިކަމަށެވެ.

މި އަދަދުގެ ތެރެއިން 35 މިލިއަން ރުފިޔާއަކީ އެއް މަސްދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ ޕޭމެންޓުތައް ކަމަށާއި، މި ފައިސާ 14 ދުވަހާއި 20 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިއީ އެއިރެއްގައި ދަައުލަތުގެ ކޭޝް ފްލޯ ހުރި ގޮތެއްގެ މައްޗަށް ބިނާވާ ކަމެއްކަމުގައިވެސް ބުންޏެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދާ ސުވާލުކުރުމުން އެ ސުވާލަށް އޭނާ ޖަވާބެއް ނުދެއްވިއެވެ.

ދައުލަތުގެ ރިޒާވް މަހަކަށް ވުރެއް މަހެއް ދަށަށް ދާ ކަމަށް މަރުކަޒީ ބޭންކުންވަނީ އާންމުކޮށްފައެވެ. އަދި ދިވެހި ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ ވެސް ވަނީ ސްރީލަންކާއަށް ކުރިމަތިވިފަދަ ހާލަތެއް ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button