
ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ފޯވާޑް ކިލިއަން އެމްބާޕޭ ކަމަށް ފޯބްސް މެގަޒިންއުން ކަނޑައަޅައިފިއެވެ.
މިއީ ފާއިތުވި 8 އަހަރު ދުވަހުގެ ތެރޭގައިވެސަ ލިއޮނެލް މެސީ އަދި ކްރިސްޓިއާނޯ ރޮނަލްޑޯ ފިޔަވާ އެހެން ކުޅުންތެރިއަކަށް މި ލަގަބު ލިބުނު ފުރުތަމަ ފަހަރެވެ.
އުމުރުން 23 އަހަރުގެ އެމްބާޕޭ އަށް 2022-23 ވަނަ ސީޒަނަށް 128 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވޭކަމަށް ފޯބްސް މެގަޒިން އިން ވިދާޅުވެފައިވެއެވެ. މި ލިސްޓް ގެ 2 ވަނަ ނަގާފައިވަނީ ޕީއެސްޖީގެ ލިއޮނެލް މެސީ، 120 މިލިއަން ޑޮލަރާއި އެކުގައެވެ. އަދި 3 ވަނަ ނަގާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑް ގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މީގެ އިތުރުން، ޕީއެސްޖީގެ ނޭމާރ އަދި ލިވަރޕޫލް ގެ މުހައްމަދު ސަލާހް މި ލިސްޓްގެ ޓޮޕް 5 ގައި ހިމެނެއެވެ.
ބޮރޫޝިއާ ޑޯޓްމަންޑުން މެންޗެސްޓާ ސިޓީ އާއި ގުޅުނު އާލިންގް ހާލަންޑް ގަދަ 10 ގައި ހިމެނުނީ 39 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކުއެވެ.
މި ލިސްޓުގައި ހިމެނޭ 30 އަހަރުން ދަށުގެ ހަމައެކަނި ކުޅުންތެރިން ކަމަށްވާ ފްރާންސްގެ އެމްބާޕޭ އާއި ނޯވޭގެ ހާލަންޑްގެ އަރައިގަތުމަކީ ދުނިޔޭގެ ގޭމް ބަދަލުވުމުގެ އިޝާރާތެއް ކަމަށް ފޯބްސްގެ ރިޕޯޓުގައި ބުނެފައި ވަނީ، މެސީ އާއި ރޮނާލްޑޯގެ ކެރިއަރު ނިމުމަކާ ގާތްވެފައިވަނިކޮންނެވެ.
ޖުމްލަކޮށް ބަލާއިރު، އެންމެ ބޮޑު މުސާރައެއް ލިބޭ 10 ފުޓުބޯޅަ ކުޅުންތެރިން މި ސީޒަނުގައި 652 މިލިއަން ޑޮލަރުގެ ރެކޯޑް އާމްދަނީއެއް އެއްކުރާނެ ކަމަށް ބެލެވޭއިރު، މިއީ މިދިޔަ އަހަރު ލިބުނު 585 މިލިއަން ޑޮލަރަށް ވުރެ 11 ޕަސެންޓް އިތުރު އަދަދެކެވެ.