
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ނުފޫޒުފޯރުވިކަން އެނގޭ އެއްވެސް މުއާމަލާތެއް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތުގެ ލެޕްޓޮޕަކު ނެތް ކަމަށް ދައުލަތުން ހުށައެޅި ހެކިވެރިޔަކު ބުނެފިއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ މަނީލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާގެ އެންމެފަހު އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާގެ ހެކިބަސް ނެގުމެވެ.
އެގޮތުން ހެކިބަސް ދެމުން ފުލުހުންގެ ފޮރިންސިކް ސާވިސް ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގައި ޑީޓެއިލް ފޮރެންސިކް އެގްޒެމިނަރަކަށް މަސައްކަތް ކުރައްވާ އިބްރާހިމް ޒުހައިރު ވިދާޅުވީ ޒިޔަތުގެ ފޯނު ނަންބަރުން ސެޓްއަޕް ހަދާފައިވާ ވައިބާ އިން އެހެން ފޯނު ނަންބަރުތަކަކާއި މުއާމަލާތް ކޮށްފައިވޭތޯ ބަލާފައިވާނެ ކަމަށާއި، 2015 ވަނަ އަހަރުގެ ފެބްރުއަރީ 9 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ މުއާމަލާތްތަކުގެ ޑޭޓާ ނަގައިފައި ވާނެ ކަމަށެވެ.
އަދި އެކަމަކު ހަމައެކަނި ބަލާފައި ވާނީ ރިކުއެސްޓްކޮށްފައިވާ ނަންބަރުތަކާއި މުއާމަލާތް ކޮށްފައިވޭތޯ ކަމަށާއި އެ ނަންބަރުތައް ނިސްބަތްވާ މީހުން ނޭނގޭ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޔާމީންގެ ފަރާތުން ވަކީލް އާދަމް ޝަމީމް ވަނީ އެ ލެޕްޓޮޕުން ހޯދި މުއާމަލާތްތަކުގައި ވ. އާރަށް ކުއްޔަށް ދޫކުރުމާއި ގުޅޭ އެއްވެސް މުއާމަލާތެއް ފެނިފައިވޭތޯ އާއި، އެ މުއާމަލާތަށް ރައީސް ޔާމީން ނުފޫޒު ފޯރުވިކަން އެނގޭނެ އެއްވެސް މުއާމަލާތެއް ފެންނަން އޮތްތޯ ސުވާލުކުރައްވާފައެވެ.
މިސުވާލުގެ ޖަވާބުގައި ޒުހާރު ވިދާޅުވީ އެފަދަ އެއްވެސް މުއާމަލާތެއް އެނގެން ނެތް ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ވަނީ ޖުމްލާ 8 ހެކިވެރިން ހުށައަޅާފައެވެ. މިހާތަނަށް މީގެ ތެރެއިން 2 ހެކިވެރިންގެ ހެކިބަސް ނަގާފަައިވާއިރު މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަޖްލީހެއް ދެން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
Mihaaru onnaanee mi makkaarunge sarukaarah dhekamu haajathah dhevifaa,
Kithanmme varah felias hikidhalhigandakun dhiaeh nufeleyne, feleyne dhiyaeh onnaane thoa,??