ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަމާޒު ހިފާފައި ހުރީ ”އިންޑިއާ އައުޓު“ ބެނާ ނެގުމުގެ އާ އަމުރެއް ކޯޓުން ހޯދުމަށްކަން ހާމަވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ ”މިހާރު“ ނޫހުން ރިޕޯޓު ކުރިގޮތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ”ބޮންތި“ ޕީޖީގެ އޮފިޝަލަކާ ސުވާކު ކުރުމުން އެނގުނު ގޮތުގައި އެ އޮފީހުގެ އަމާޒު ހިފާފައި އޮތީ ފުލުހުންނާ ގުޅިގެން އިންޑިއާ އައުޓު ބެނާ ނެގުމަށް އިޖުރާއަތްތަކާއި ގާނޫނީ ބުރަދަނުގެ މައްޗަށް ރިއާޔަތް ކުރެވޭ ފަދަ ގޮތަކަށް ކޯޓުން އަމުރު ހޯދުމަށެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ނެގުމަށް ދަށު ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލް ކުރީ އަމުރު ނެރެދިން ސަބަބު އޭގައި ބަޔާންވެފައި ނެތުމާއި، ޔާމީންގެ ގެކޮޅަށް ނުވަދެ ބެނާ ނެގެން އޮތް އިރު، ގޭތެރެއަށް ވަންނަން އަމުރު ހޯދުމާއި، ދެމި ބެނާގެ ސަބަބުން އާންމު މަސްލަހަތަށް ގެއްލުންވާ ގޮތް ބުނެ ނުދެވުމެވެ.
ހައި ކޯޓުގެ އަމުރުގައި ވާގޮތުން ދަށު ކޯޓުގެ އަމުރުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިިނިވަންކަމަށް ހުރަސް އެޅޭ ކަމަށް ނުބެލެވެއެވެ. އެހެން ކަމުން މި މައްސަލައިގައި ކޯޓު އަމުރު އަލުން ހޯދައިގެން ބެނާތައް ނެގުން އެކަށީގެންވެއެވެ.