އިސްތިޢުނާފު މުއްދަތު ހަމަވިފަހުން ރައީސް ޔާމީން އަތުން 52 މިލިއަން ރުފިޔާ ”ފެލާލަން“ ނިންމައިފި

ވ.އާރަށް މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން 52 މިލިއަން ރުފިޔާ ހޯދުމަށް ދަޢުލަތުން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަތްޕުޅުން 52 މިލިއަން ރުފިޔާ ހޯދުމަށް ދަޢުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅީ 07 މޭ 2023 ގައި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މީގެ ތެރޭގައި ހިމެނެނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ލޯންޑަރކުރިކަމަށް ތުހުމަތުކުރާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިކަމަށް ބުނާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާއިން އިންވެސްޓްކޮށްގެން ހޯދި ކަމަށްބުނާ މަންފާ ކަމުގައި ޕީޖީއިން ބުނެފައިވެއެވެ.
ޕީޖީއިން ބުނީ މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު 52 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދިނުމުގެ އަމުރެއް ނެރެދެއްވުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މައްސަލަ ސާބިތުވާކަމަށް ނިންމަވައި ޙުކުމްކުރެއްވިއިރު މި ފައިސާއާމެދު ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމަވާފައިނުވާ ކަމަށާއި، އެހެންކަމުން އެކަން ސިޓީއަކުން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސް، ދެން ކުރިއަށްދާންވީގޮތް ސާފުކޮށްދެއްވުމަށް އެދުމުން، ”ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން“ ގެ އަމުރެއް އެކޯޓުން ނެރުއްވާފައިވެއެވެ.
އެ އަމުރު ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިޢުނާފުކުރުމުން އެ އަމުރު ބާޠިލުކަމަށް ހައިކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ. އެހެންނަމަވެސް މި މައްސަލަ ހައިކޯޓުގައި އިސްތިޢުނާފުކޮށްފައިވަނީ ހައިކޯޓުގެ ޤަޟިއްޔާއިން އެ ކޯޓު އަމުރު ބާޠިލުކުރެއްވުމާ ގުޅިގެންކަމަށް ޕީޖީއިން ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ގިނަ ޤާނޫނީ ވަކީލުންނާއި އާންމު ފަރާތްތަކުން ބުނަމުންދަނީ މިއީ މާދަމާގެ ސުޕްރީމްކޯޓުގައި އޮންނަ ރައީސް ޔާމީންގެ އިސްތިޢުނާފް ޙުކުމް ރަނގަޅުވެދާނެކަމަށް ޤަބޫލުކުރެވޭތީ ޕީޖީއިން ކުރަމުންދާ ސިޔާސީ ކަމެއްކަމަށެވެ.