ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަރުވާނާ ހުއްދަ ކުރަން އަނެއްކާވެސް ގޮވާލައި ވާހަކަ ދައްކަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖާބިރު ވާހަކަ ދައްކަވަމުން ވިދާޅުވީ ގޭންގުތައް ހުއްޓުވުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ފުލުހުންނަށް ފިސްތޯލަ ދިނުން ކަމުގައެވެ. އަދި މެޑިކަލް މަރުވާނާ ރާއްޖޭގައި ހުއްދަ ކުރަންވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަކުރު ނުވަތަ ބާރުގަދަ މަސްތުވާތަކެތިން އަރައިގަތުމަށް ގޮވާލައި އެއީ ކޮންމެ ”ހަކުރެއް“ ކަމުގައިވިޔަސް އެ ”ހަކުރަކުން“ އަރައިގަންނަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ޖާބިރު މިއަދު މަޖިލިސް ޖަލްސާގައި މަރުވާނާ ރާއްޖޭގައި ހުއްދަ ކުރަން ގޮވާލުމުން އާމުންގެ ގިނަބަޔަކު ސޯޝަލް މީޑިއާގައި ވަނީ މެމްބަރުންނަށް ހާއްސަ އިމްތިޔާޒުތަކެއް ލިިބިވަޑައިގެން ތަޅުމުގައި ބޭނުންހާ ވާކައެއް ދެއްކުމުގެ ފުރުސަތު އޮވެގެން ނުވާނެކަމަށާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަތައެއް ނުދެއްކޭނެ ކަމަށާއި، ޖާބިރު އާއި ދޭތެރޭ މަޖިލީހުން ފިޔަވަޅުއެޅުމަށް ގޮވާލާފައެވެ.
މީގެ ކުރިން ވެސް މަޖިލީހުގެ ތަޅުމުގައި އިސްލާމީ އަސްލުތަކާ ހިލާފަށް ޖާބިރު ވާހަކަދައްކާފައިވެއެވެ. ޖާބިރު ހެއްކާ ބެހޭ ބިލަށް ވާހަކަ ދައްކަވަމުން ގައުމުގައި ދީނީ މިނިވަންކަން އޮންނަން ޖެހޭނެ ކަަމަށް ބުނެފައިވެއެވެ.
މަރުވާނާ ރާއްޖޭގައި ހުއްދަ ކުރުމާއި ބެހޭ ގޮތުން ޖާބިރު މީގެކުރިން ވެސް މަޖިލިސް ޖަލްސާއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސުވާލު ކޮށްފައިވެއެވެ. ރާއްޖޭގައި ކެސީނޯ ހެދުމުގެ ހުއްދަ ދިނުމަށް ގޮވާލާ ޖާބިރު މީގެ ކުރިން މަޖިލީހަށް ޤަރާރެއް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ޤަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
ސިއްހީ ބޭނުންތަކަށް ކަމަށް ބުނެ ދުނިޔޭގެ ބައެއް ގައުމުތަކުގައި މަރުވާނާ ހުއްދަ ކޮށްފައިވެއެވެ. ނަމަވެސް އިސްލާމީ އެއްވެސް ގައުމެއްގައި އަދި މިހާތަނަށް ސިއްހީ ބޭނުމަކަށް ވެސް ނުވަތަ އެނޫން ބޭނުމަކަށް ވެސް މަރުވާނާ ހުއްދަ ކޮށްފައެއް ނުވެއެވެ.