ޚަބަރު

ހިޔާނާތުގެ ފައިސާ ދައުރު ކުރި އެސްއޯއެފްގެ އެކައުންޓް ފްރީޒް ނުކުރަން އޭސީސީއިން ނިންމައިފި 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓް ފްރީޒްކުރުމުގެ މަސައްކަތް އޭސީސީ ހުއްޓާލައިފިއެވެ.

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ވަދެފައިވާ އަމިއްލަ ކުންފުނި ކަމަށްވާ އެސްއޯއެފްގެ އެކައުންޓު ފްރީޒް ނުކޮށް ދޫކޮށްލަން ސިވިލް ކޯޓުން އަމުރުކޮށްފައިވާ ކަން ތަހުގީގުގެ ތެރެއިން އެނގުމުން އެ ފައިސާ ހުރިތޯ ބަލައި އަމުރަކަށް އެދެން ނިންމާފައި އޮތަސް އޭސީސީ އިން މިހާރު ނިންމާފައި ވަނީ އަލުން އެސްއޯއެފްގެ އެކައުންޓު ފްރީޒް ނުކުރުމަށެވެ.

މީގެ ކުރިން އެސްއޯއެފްގެ އެކައުންޓު ފްރީޒު ކޮށްފައި ވަނީ 2020ވަނަ އަހަރުގެ ތެރޭގައެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ ވިދާޅުވީ އެ ކޮމިޝަނުން ބެލި ބެލުމުން އެނގުނީ އެސްއޯއެފްގެ އެކައުންޓު އަލުން ފްރީޒް ކުރަން ޖެހޭ ތަނެއް ނެތް ކަމަށެވެ. ސީދާ އެސްއޯއެފްގެ ނަންމަތީ އޮތް އެކައުންޓު އަންފްރީޒް ކުރި ނަމަވެސް އެ ކުންފުންޏާއި ގުޅުންހުރި އެހެނިހެން އެކައުންޓުތައް އަދިވެސް ހުރީ ފްރީޒް ކޮށްފައި ކަމަށް ނިޝާން ވިދާޅުވިއެވެ.

އެސްއޯއެފް އަކީ ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ޖަމާވި ކުންފުންޏެވެ. އަދި ހިޔާނާތުގެ ފައިސާ އެކިއެކި މީހުންނަށް ދިނުމުގައި އެ ކުންފުނީގެ ދައުރު ބޮޑުކަން ތަހުގީގު ރިޕޯޓުތަކުން ހާމަވެއެވެ. ހިޔާނާތް ހިންގުމުގައި މި ކުންފުނީގެ އިސްވެރިން އަމަލީ ގޮތުން ބައިވެރިވެފައި ވިޔަސް އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button