ރިޕޯޓް

ކޮރަޕްޝަންގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އިންސާފު ގާއިމްކުރަން ނުވޭ ހެއްޔެވެ؟

ކޮރަޕްޝަންގެ ސަބަބުން، ނާޖާއިޒު ފައިދާ ނަގައި ގެއްލުންވަނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ. މީގެ މިސާލެއްގެ ގޮތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތް ފުދެއެވެ. އެ ހިޔާނާތުގައި ގެއްލިފައިވަނީ ފައިސާ އެކަންޏެއް ނޫނެވެ.

އޭގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށާއި އިޖްތިމާއީ ހާލަތައްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިކަމަށް ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހާ ދިމާކޮށް ޓްރާންސްޕޭރެންސީ އެމްވީއިން ވެސް ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ފަރުތައް ހިއްކުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރުކޮށް، އާ ރިސޯޓުތައް ހަދައި ފެހިކުރުމަށް ލޯކަލް ރަށްރަށުގެ ރެޒިލިއަންސް ގެއްލިފައިވެއެވެ. އެ ހިޔާނާތައް 7 އަހަރު ފާއިތުވެފައިވާއިރު، އަދިވެސް އެ ހިޔާނާތުގެ ސަބަބުން ގެއްލުނު ފައިސާ، ގެއްލުނު ގޮތުގެ ތަފްސީލު ހިމެނޭ ރިޕޯޓެއްހާ ހިސާބުވެސް އާންމުކޮށްފައި ނުވެއެވެ. އަދި އެކަމުގައި ޝާމިލުވި ގިނަ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރާއިރު، އެއިން ގިނަ ބަޔަކު އަދިވެސް ތިބީ ސަރުކާރުގެ އިސްމަގާމު ތަކުގައި ކަމަށާއި، އެ ހިޔާނާތުގައި ވަގަށް ނެގި އެއްވެސް މުދަލެއް މިހާތަނަށް ހޯދި ފައި ނުވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިހެން މިކަންތައް ދިމާވަނީ ދައުލަތުގެ ވެރިން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ހައްލުކުރެވޭނެ ސާފު އަދި ދެފުށް ފެންނަ ނިޒާމެއް ނުވަތަ ސިޔާސަތެއް ނެތުމުންނާއި، ކޮރަޕްޝަނުގެ އަމަލު ކުރާ މީހުން، އެމީހުންގެ ބާރުގެ ބޭނުންކޮށް ހެކި ނައްތައި ނުވަތަ ފޮރުވުމުގެ އަމަލުތައް ހިންގުމަށް ފުރުސަތުތައް ތަނަވަސް ކޮށްދީފައި ވާތީކަމަށްވެސް ޓްރާންސްޕެރެންސީއިން ބުނެފައިވެއެވެ.

އެހެންކަމުން، ބައިނަލްއަގްވާމީ ގޮތުން އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރާއިރު، ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދައި، އެކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސްދީ، މުއައްސަސާތައް ޖަވާބުދާރީކުރުމަށް ނުފެށިގެން މިއުޅޭ ސަބަބު ސާފެވެ. އަދި ގެއްލިފައިވާ މުދަލާއި ވަސީލަތްތައް ހޯދުމަށް މަގު ފަހި ކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކޮށް، އެމަގަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ކަމާގުޅޭ އިދާރާތަކަށް ފޯރުކޮށްދޭން ޖެހެއެވެ.

ދާދި ފަހުން ޓްރާންސްޕޭރެންސީ އެމްވީ އިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވަފައިވާ ”އެސެޓް ޑިކްލަރޭޝަން ބިލް“ ފާސްކޮށްދެއްވުމަށްވެސް އެބޭފުޅުންވަނީ މަޖިލީހަށް ގޮވާލާފައެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް އދ.ގެ މުއާހަދާގެ ދަށުން ސަރުކާރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް އިހުތިރާމްކޮށް، އާންމުންގެ މަސްލަހަތު ހިމެނޭ މިފަދަ ބޮޑެތި ހިޔާނާތުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ނިންމުމަށްވެސް ގޮވާލާފައިވެއެވެ.

މިފަދައިން ގޮވާލާފައިވީނަމަވެސް، ހިތާމަޔަކީ މި ނިޒާމުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ހާމަކޮށްދިނުމުގައި ސަރުކާރު ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ދައުލަތާއި ރައްޔިތުންގެ މާލިއްޔަތު ”ނޮޅައި“ ސުންނާފަތި ކުރާއިރު،ކޮ ރަޕްޝަންގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އިންސާފު ގާއިމްކުރަން އަދިވެސް ނުވޭ ހެއްޔެވެ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button