ޚަބަރުސިޔާސީ

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް ބޯޑު ތައާރުފުކުރުމަށް ރައީސް ނިންމަވައިފި

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި ’ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް‘ ބޯޑު ތަޢާރުފުކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެގޮތުން ’ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް‘ ބޯޑުގައި ތިއްބަވާނީ 15 މެންބަރުންކަމަށާއި އެ މެންބަރުންގެ އުމުރަކަށް ވާންވާނީ 18 އަހަރާއި 30 އަހަރުކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ނިންމަވާފައިވެއެވެ. ނަމަވެސް މަތީ ޡާނަވީ ސްކޫލެއްގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުން އަދި ޔުނިވަރސިޓީގެ ސްޓޫޑަންޓް ކައުންސިލުގެ ފަރާތުން ބޯޑަށް ޢައްޔަނުކުރާ މެންބަރުންނަކީ ސްޓޫޑަންޓް ކައުންސިލް/އެގްރެކެޓިވް ކޮމިޓީގައި އަދާކުރާ މަޤާމުގެ ގޮތުން ޢައްޔަނުކުރެވޭ މެންބަރުންކަމަށްވުމުން، މި މެންބަރުން ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވެގެންދާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މި ބޯޑަކީ ރައިސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button