އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީން ތޮއްޑޫ ދާއިރާއަށް ޕީޕީއެމްގެ ދާއިރާގެ ރައީސް ހަސަން މޫސާ (ހަސަން) ވާދަ ކުރެއްވުމަށް ނިންމަވައިފިއެވެ.
ހަސަނަކީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ފެށިގެން އެމްޑީޕީގެ މެޖޯރިޓީ އޮތް ރަސްދޫއިން ޕީޕީއެމް ޕީއެންސީ އާއި އެމްޑީޕީގެ ނަތީޖާގެ ފަރަގު ކުޑަ ކުރެއްވުމުގެ އެންމެ އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެވެ. އަދި ޕީޕީއެމްގެ ދާއިރާ އިންތިހާބުގައި ހަސަނަކީ މުޅި ރާއްޖެއިން އެންމެ ބޮޑު އިންސައްތައެއް ހޯއްދެވި ބޭފުޅެވެ.
ހަސަން އާއި ގުޅޭގޮތުން އެދާއިރާގެ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ވަހީދު (ރަސް އައްމަޑޭ) ވިދާޅުވިގޮތުގައި ރަސްދޫ ހިމެނޭހެން ތޮއްޑޫ ދާއިރާގެ އަޑިއަޅާލާފައިވާ ޕީޕީއެމް ޕީއެންސީ ނަގާ ކޮޅަށް ޖެއްސެވީ ހަސަނެވެ.
”ޕާޓީއަށް އިހުލާސްތެރި ޒުވާނުންނާ ކަނބަލުންނެރުއްވާ ޕާޓީ މެކުހަށް ޖެއްސެވި. ޕާޓީ ހަރުދަނާ ކުރުމަށް ހިކުމަތްތެރިކަމާއި އެކު ޕާޓީގެ މެމްބަރުން އެއްތަންކުރެއްވެވި.“ ރަސް އައްމަޑޭ ވިދާޅުވިއެވެ.
ހަސަން އާއި ގުޅޭގޮތުން ރަސް އައްމަޑޭ ވިދާޅުވީ ދާއިރާގެ ވަކިރަށެއް ވަކި ފަރުދެއް ތަފާތުކުރުމެއް ނެތި ހަމަހަމަ ކުރެއްވި ކަމުގައެވެ. އަދި ދާއިރާގެ މެޖޯރިޓީ ހޯދުމުގެ އަޒުމު ކަނޑައަޅުއްވައި ޕާޓީގެ މެމްބަރުން ރުކުރުވާލާ ވިލަރެސް ކުރެއްވީވެސް ހަސަން ކަން އޭނާ ފާހަގަކުރެއްވިއެވެ.
”މި ހުރިހާ ކަމެއް އެކަށައަޅުއްވާ ފުރިހަމަ ނަތީޖާ ނެރެދެއްވި ދާއިރާގެ އުފަން ދަރިއެއް. ތޮއްޑޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް މިފަހަރު އެންމެ މުތުލަގު ބޭފުޅަކީ ހަސަން.“ ރަސް އައްމަޑޭ ވިދާޅުވިއެވެ.
އައްމަޑޭ ވިދާޅުވީ ތޮއްޑޫގައި ޕީޕީއެމް ޕީއެންސީގެ އައު ޖަގަހައެއް އަމިއްލަ ހަރަދުގައި ހައްދަވައި ހަސަން ކުރެއްވި ސިޔާސީ މަސައްކަތަކީ ޕީޕީއެމްގެ ޕީއެންސީ ފަހުރުވެރިވާ ކަމެއް ކަމުގައެވެ.
ހަސަނަކީ ނިމުނު ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ދާއިރާގެ މެޖޯރިޓީ ހޯއްދަވައިދެއްވުމުގައިވެސް އެންމެ އިސް ރޯލެއް އަދާ ކުރެއްވި އެއް ބޭފުޅެވެ. އެގޮތުން އޭނާ ވަނީ ރައީސް މުއިއްޒުގެ ކެމްޕެއިނަށް ފަންޑު ކުރައްވައި، ޓީމެއް ގޮވައިގެން ނިކުންނަވައި، އެމަނިކުފާނަށް ގިނަ އަދަދެއްގެ ވޯޓު ހޯއްދަވައިދެއްވާފައެވެ. ހާއްސަކޮށް ރަސްދޫގަައި އޮތް ޒަމާންވީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ މައްޗަށް ޕީޕީއެމް ޕީއެންސީ ހޯދި ކާމިޔާބީގެ އަސްލަކީ ހަސަނެވެ.