ޚަބަރުސިޔާސީ

ޒުވާނުންގެ ހުނަރުވެރިކަން ހުރި ގިނަ ދާއިރާތަކަކީ ދިވެހިންނަށް ހާއްސަ މަސައްކަތްތަކެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި

ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް އެއީ ”ދިވެހިންނަށް ޚާއްޞަ މަސައްކަތްތަކެއް“ ގެ ގޮތުގައި ކަޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މިގޮތަށް ކަނޑައެޅުއްވުމުން މި ދާއިރާތަކުން ކަނޑައަޅުއްވާ ވަޒީފާތަކުގައި ރާއްޖޭގައި މަސައްކަތްކުރެވޭނީ ހަމައެކަނި ދިވެހީންނަށެވެ. އަދި މި ސިޔާސަތު ތަންފީޒުކުރުމަށް ނިންމާފައިވަނީ އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މި ސިޔާސަތުގެ އެކުލަވާލުމުގެ މައިގަނޑު ސަބަބަކީ މި ފަންނުތަކުގައި ދިވެހިން މަދުވުން ނުވަތަ ނެތެމުންދިޔުން ހުއްޓުވައި މި ފަންނުތަކުން ދިވެހިން ބިނާކުރުމެވެ.

ދިވެހިންނަށް ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި އޮޑިދޯނި ފަހަރު ބަނުމާއި، މާވަޑާމުގެ ދާއިރާއާއި، ހެއަރ ޑްރެސަރ އެންޑް ބިއުޓީޝަން، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑުތައް، ކަސްޓަމަރ ސަރވިސް، ހައުސްކީޕިންގ މެނޭޖަރ، ފްރަންޓް އޮފީސް މެނޭޖަރ، ހިއުމަން ރިސޯސަސް މެނޭޖަރ، ޑައިވިން އިންސްޓްރަކްޓަރ، ޓުއަރ ގައިޑް ފަދަ ވަޒީފާތައް ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވީ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، ޕްރިންސިޕަލް ސެކްރެޓަރރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މި ދާއިރާތަކަށް ޚާއްޞަކޮށްގެން ކަމާގުޅޭ އިދާރާތަކުން ދިވެހިން ތަމްރީން ކުރުމަށް އިސްކަންދީގެން މަސައްކަތްތައް ކުރިޔަށްގެންދަވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button